Roadha Mihaaru
ދަގަނޑޭގެ ހެޓްރިކާ އެކު ނިއު މާލޭ ލީގު ކާމިޔާބުކޮށްފި

ދަގަނޑޭގެ ހެޓްރިކާ އެކު ނިއު އިން މާލޭ ލީގު ކާމިޔާބުކޮށްފި

04 ޖޫން 2018

އަލީ އަޝްފާގް (ދަގަނޑޭ) ގެ ހެޓްރިކާ އެކު ކްލަބް ވެލެންސިއާ އަތުން 5-0 އިން މޮޅުވެ އެސްޓީއޯ މާލޭ ލީގުގެ ޗެމްޕިއަންކަން ބާކީ ދެ މެޗު އޮއްވާ ނިއު ރޭޑިއަންޓުން ހޯދައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

އަލީ އަޝްފާގް (ދަގަނޑޭ) ގެ ހެޓްރިކާ އެކު ކްލަބް ވެލެންސިއާ އަތުން 5-0 އިން މޮޅުވެ އެސްޓީއޯ މާލޭ ލީގުގެ ޗެމްޕިއަންކަން ބާކީ ދެ މެޗު އޮއްވާ ނިއު ރޭޑިއަންޓުން ހޯދައިފި އެވެ.

މިއީ ދެ އަހަރު ތެރޭ ނިއު އިން ހޯދި ހަތަރު ވަނަ ތަށްޓެވެ. މިދިޔަ އަހަރުގެ މާލޭ ލީގުގެ ފަހުކޮޅު ނިއުއާ ހަވާލުވި ސްޕެއިނުގެ އޮސްކާ ބްރުޒޮންގެ އިރުޝާދުގެ ދަށުން ނިއު ފުރިހަމަ ކުރި ރާއްޖޭގެ ހަތަރު މުބާރާތުގެ ތަށި ވެސް ހޯދީ އެވެ. މިދިޔަ އަހަރުގެ މާލޭ ލީގު ނިއު އަށް ގެއްލުނީ ފަހު މެޗުންނެވެ. އެކަމަކު އެ މެޗުން ބަލިވުމާ އެކު ލީގު ނިންމާލަން ޖެހުނީ ތިން ވަނައިގައި އޮވެ އެވެ.

ނިއު އިން ޗެމްޕިއަންކަން ހޯދީ 31 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މާޒިޔާ އަށް 12 މެޗުން 21 ޕޮއިންޓް ލިބިފައިވާއިރު ތިން ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް 12 މެޗުން ލިބިފައިވަނީ 19 ޕޮއިންޓެވެ. އަދި ހަތަރު ވަނައިގައި އޮތް ވިކްޓަރީ 11 މެޗުން 19 ޕޮއިންޓް ހޯދާފައިވާއިރު އެ ތިން ޓީމަށް ނިއުއާ ހަމަކުރެވޭނެ ގޮތެއް ދެން ނެތެވެ.

އަނިޔާގައި ހުރި ސްޕެނިޝް ޕްލޭމޭކަރު ކަންޑޭލާ އާއި ސަސްޕެންޑްވެފައި ހުރި އަފްގާނިސްތާން ޑިފެންޑަރު ހާރޫން އަމީރީ ނުލާ ނިއު އިން ކުޅުނު މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމަށް ގޯލެއް ޖެހޭ ގޮތެއް ނުވި އެވެ. އަލީ ފާސިރު (ސެންޓޭ) އާއި ދަގަނޑޭ އަށް ލިބުނު ފުރުސަތުތައް ބޭކާރުވީ އެވެ.

ދެ ވަނަ ހާފު ފަށައިގެން ދެ ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިޔާ ރިހާމް އަބްދުލްގަނީ (ބޮބީ) ގެ ހަމަލައެއް ދަނޑިއަށް އަމާޒުވި އެވެ. އޭގެ ފަސް މިނެޓު ފަހުން ނިއު އިން ލީޑު ނެގީ ސެންޓޭ ކޯނަރަކުން ހުރަސްވި ބޯޅައެއް، ޑިފެންޑަރު ޖޯޖް ގޮޓޯ ބޮލުން ގޯލަށް ވައްދާލައިގެންނެވެ.

އޭގެ ފަހުން ނިއު އަށް ތަފާތު ބޮޑުކުރަން ރަނގަޅު ތިން ފުުރުސަތެއް ލިބި ބޭކާރުވި އެވެ. ސެންޓޭ 70 ވަނަ މިނެޓުގައި ފޮނުވާލި ހިލޭ ޖެހުން ވެލެންސިއާގެ ގޯލްކީޕަރު ޖުން ކޮޗީ ހުށިޔާރުކަމާ އެކު ދިފާއުކުރިއިރު 72 ވަނަ މިނެޓުގައި ވެލެންސިއާ ތިން ކުޅުންތެރިން ކައިރިން ނައްޓާލާފައި ދަގަނޑޭ ހުހަށް ހުރެ ފޮނުވާލި ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން ދަގަނޑޭ ފޮނުވާލި ބާރު ބޯޅައެއް ހުރަސް ދަނޑިއަށް އަމާޒުވި އެވެ.

އެންމެ ފަހުން ނިއުގެ ދެ ވަނަ ލަނޑު ޖެހީ ސެންޓޭ ދިން ބޯޅައަކުން 81 ވަނަ މިނެޓުގައި ދަގަނޑޭ އެވެ. އަދި 85 ވަނަ މިނެޓުގައި ސެންޓޭ ޖެހި ބޯޅައެއް ވެލެންސިއާގެ މުހައްމަދު ޝިފާން (ކުޑައްޓޭ) ގެ ފައިގައި ޖެހި ބައިކޮޅަށް ވަދެ ނިއު އަށް ތިން ލަނޑުގެ ލީޑެއް ލިބުނެވެ. ހަތަރު ވަނަ ލަނޑު ޖެހީ 86 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ދަގަނޑޭ އެވެ. އަދި އޭނާ ހެޓްރިކް ފުރިހަމަކުރީ ފަހު މިނެޓުގައި ގޯލް ކުރިމަތިން ލިބުނު ފުރުސަތެއްގަ އެވެ.