Roadha Mihaaru
"5.8 އަންޑަސީ": ހައިރާންވަނީ ހަމަ ހިތްގަައިމުކަމުން

"5.8 އަންޑަސީ": ހައިރާންވަނީ ހަމަ ހިތްގަައިމުކަމުން

01 ޖޫން 2018

ހުރަވަޅި އައިލެންޑް ރިސޯޓުގައި ހަދާފައިވާ ކަނޑު އަޑީގެ ދުނިޔޭގެ އެންމެ ބޮޑު ރެސްޓޯރަންޓް، "5.8 އަންޑަސީ" އަށް ދުނިޔޭގެ ސަމާލުކަން ލިބިފައި ވަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. ރާއްޖޭގެ ރީތި މުރަކަތަކާއި ކަނޑު އަޑީގެ ދިރުންތައް، އެ ރެސްޓޯރެންޓް ތެރޭގައި ތިބޭ އިރު އެ ފެންނަނީ އެހާމެ ގާތުންނެވެ. އެތަނަށް ވަންނަ ޓޫރިސްޓުންނާއި އެހެން މެހެމާނުން ހައިރާންވެ، އެ ރީތިކަމުގެ ތެރެއަށް ވިސްނުން ދޫކޮށްލެވެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ހުރަވަޅި އައިލެންޑް ރިސޯޓުގައި ހަދާފައިވާ ކަނޑު އަޑީގެ ދުނިޔޭގެ އެންމެ ބޮޑު ރެސްޓޯރަންޓް، "5.8 އަންޑަސީ" އަށް ދުނިޔޭގެ ސަމާލުކަން ލިބިފައި ވަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. ރާއްޖޭގެ ރީތި މުރަކަތަކާއި ކަނޑު އަޑީގެ ދިރުންތައް، އެ ރެސްޓޯރެންޓް ތެރޭގައި ތިބޭ އިރު އެ ފެންނަނީ އެހާމެ ގާތުންނެވެ. އެތަނަށް ވަންނަ ޓޫރިސްޓުންނާއި އެހެން މެހެމާނުން ހައިރާންވެ، އެ ރީތިކަމުގެ ތެރެއަށް ވިސްނުން ދޫކޮށްލެވެ އެވެ.

މޫދުގެ 5.8 މީޓަރު އަޑީގައި ހަދާފައިވާ ރެސްޓޯރަންޓަށް ނަން ދީފައި ވަނީ ވެސް އެ ފުންކަމަށް ނިސްބަތްކޮށެވެ. ސަބްމެރީނެއްގެ ބައްޓަމަށް ހަދާފައިވާ ރެސްޓޯރަންޓުގެ ވަށައިގެން ވަނީ އެކި ވައްތަރުގެ މުރަކަތަކާއި އެކި ކަހަލަ މަސްތަކެވެ.

ކަނޑުއަޑީގެ ރެސްޓޯރަންޓު ކައިރީގައި ދަގަނޑުން ހަދާފައި ހުރި ދޯންޏެއް. - ފޮޓޯ: ހުރަވަޅި

ކަނޑުއަޑީގެ ރެސްޓޯރަންޓު ކައިރީގައި ދަގަނޑުން ހަދާފައި ހުރި ދޯންޏެއް. - ފޮޓޯ: ހުރަވަޅި

ރެސްޓޯރަންޓު ހުންނަ ސަރަހައްދު ރީތި ކުރުމުގެ ބޭނުމުގައި ދަގަނޑު ދޯންޏެއް ފައްތާފައިވެ އެވެ. މުރަކަތައް އިންދާފައި ވަނީ ކޮންކްރީޓް ޕްލެޓްފޯމެއް މަތީގަ އެވެ.

ރެސްޓޯރަންޓުގައި އެއްފަހަރާ 24 މީހުންނަށް ކާން ތިބެވެ އެވެ. މޭޒުތައް އަތުރާފައި ވަނީ އެއިން ކޮންމެ ތަނެއްގައި ދެ މީހުންނަށް ތިބެވޭ ގޮތަށެވެ. ހުރަވަޅީގެ މުވައްޒަފުން ދެކޭ ގޮތުގައި ރާއްޖޭގެ ކަނޑު އަޑީގެ މުއްސަނދިކަމާއި ރީތިކަން ބަލަމުން، ވީހާ ވެސް އެކަހެރި މާހައުލެއްގައި މީރު ކެއުމަކަށް އިންސާފް ކުރަން މި ރެސްޓޯރަންޓަށް ވުރެ ވަކި ރަނގަޅު ތަނެއް ނުލިބޭނެ އެވެ. އެތަން ހުޅުވި ފަހުން، އާންމުކޮށް ރިޒަވޭޝަން އޮންނަނީ ފުލްކޮށެވެ.

ހުރަވަޅީގައި ހުންނަ ކަނޑުއަޑީގެ ރެސްޓޯރަންޓު. - ފޮޓޯ: ހުރަވަޅި

ހުރަވަޅީގައި ހުންނަ ކަނޑުއަޑީގެ ރެސްޓޯރަންޓު. - ފޮޓޯ: ހުރަވަޅި

ޅ. މަޑިވަރުގައި ސިޓީ ހޮޓަލަކާ އެކު 11 މިލިއަން ޑޮލަރުގެ ޑޮމެސްޓިކް އެއާޕޯޓެއް އަޅަން ސަރުކާރުން މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ގެ ވެސް ހިއްސާ އޮންނަ ކުރެއްދޫ ހޯލްޑިންގްސްއާ ހަވާލުކުރަން ބޭއްވި ރަސްމިއްޔާތު އޮތީ މި ރެސްޓޯރަންޓްގަ އެވެ. އެތަނަށް އޮތް ޑިމާންޑް އެނގުނީ އެ ރަސްމިއްޔާތު ނިމުމާ އެކު ޓޫރިސްޓުންނަށް އެތަން ތައްޔާރުކުރަން މުވައްޒަފުންގެ ފަރާތުން ފެނުނު ހަލުވި ހަރަކާތްތަކުންނެވެ.

މަޑިވަރު އެއާޕޯޓު އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރުން ކަނޑުއަޑީ ރެސްޓޯރެންޓްގައި

މަޑިވަރު އެއާޕޯޓު އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރުން ކަނޑުއަޑީ ރެސްޓޯރެންޓްގައި

ހުރަވަޅީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ކަނޑުއަޑީގެ ރެސްޓޯރަންޓުގެ ޑިމާންޑް ވަރަށް ބޮޑެވެ.

"ރާއްޖޭގެ ކަނޑު އަޑީގެ އެ ރީތިކަން ބަލައިލަން މިއަށް ވުރެ ރަނގަޅު ތަނެއް ވަކި ނެތް. ޓޫރިސްޓުންނަށް އެކަން އެނގޭތީ މިތަން ފުލްކޮށް އޮންނަނީ،" ހުރަވަޅީގެ އޮފިޝަލަކު ވިދާޅުވި އެވެ.

މި ރެސްޓޯރެންޓުން ކެއުމަކީ އާދައިގެ އަގެއްގައި ކުރެވޭ ކަމެއް ވެސް ނޫނެވެ. ބޮލަކަށް ނަގާ އަގު އުޅެނީ 280 ޑޮލަރު (4،317ރ.)ގަ އެވެ. ދެ މީހަކަށް ނަމަ، 560 ޑޮލަރު (8،635ރ.) އެވެ.

މީގެ އިތުރުން، ޕްރައިވެޓް ކެއުންތަކާއި ކައިވެނި ހަފްލާތަކާއި އެކި ރަސްމިއްޔާތުތަކަށް ވެސް ރެސްޓޯރަންޓު ދޫކުރަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ރާއްޖޭގެ ގުދުރަތީ ރީތިކަން ފެންނާނެ ތަފާތު ގޮތްގޮތަކަށް ރިސޯޓްތަކުން އަންނަނީ ތަންތަން އިމާރާތްކުރަމުންނެވެ. ކަނޑު އަޑީގެ ރެސްޓޯރަންޓަކީ އޭގެ އެއް ބަ އެވެ. އެގޮތުން ރާއްޖޭގެ އެންމެ ފުރަތަމަ ކަނޑު އަޑީގެ ރެސްޓޯރެންޓް ހެދީ ރަންގަލި އައިލެންޑް ރިސޯޓްގަ އެވެ. އޭގެ އިތުރުން އަނަންތަރަ ކިހަވަށް ރިސޯޓާއި ނިޔާމަ ރިސޯޓުގައި ވެސް ކަނޑު އަޑީގައި ރެސްޓޯރަންޓް ވަނީ ހަދައިފަ އެވެ.

ރާއްޖޭގެ އިތުރުން ދުނިޔޭގެ ބައެއް އެހެން ގައުމުތަކުގައި ވެސް ކަނޑުއަޑީގެ ރެސްޓޯރަންޓުތައް ހުރެ އެވެ. އޭގެ ތެރޭގައި އިންޑިއާ، ސްވިޑެން، ސައުތު އެފްރިކާ، ފިޖީ، އިޒްރޭލް، ޔޫއޭއީ ފަދަ ގައުމުތައް ހިމެނެ އެވެ. އެކަމަކު އޭގެ އެންމެ ބޮޑު ރެސްޓޯރަންޓްގެ ޝަރަފު އަދި ލިބެނީ ހުރަވަޅިއަށެވެ.

ހުރަވަޅީގެ ކަނޑުއަޑީގެ އެންމެ ބޮޑު ރެސްޓޯރަންޓު ތެރޭގައި ދެ ޓޫރިސްޓަކު ފޮޓޯއަކަށް ހުއްޓިގެން. - ފޮޓޯ: ހުރަވަޅި

ހުރަވަޅީގެ ކަނޑުއަޑީގެ އެންމެ ބޮޑު ރެސްޓޯރަންޓު ތެރޭގައި ދެ ޓޫރިސްޓަކު ފޮޓޯއަކަށް ހުއްޓިގެން. - ފޮޓޯ: ހުރަވަޅި

ހުރަވަޅީގެ ކަނޑުއަޑީގެ ރެސްޓޯރަންޓު، އެހެން ރެސްޓޯރަންޓުތަކާ ވަރަށް ބޮޑަށް ތަފާތެވެ. އެ ރިސޯޓްގެ އޮފިޝަލް ވިދާޅުވީ އެންމެ ގިނަ ވައްތަރު މަސް އުޅެނީ އެ ރެސްޓޯރަންޓު ކައިރީގައި ކަމަށެވެ. ހާއްސަކޮށް، އިރުއޮއްސޭ ގަޑިއަކީ މަސްތައް ގިނަވެ އެވެ. އެހެންކަމުން ޓޫރިސްޓުން އެންމެ ބޮޑަށް ބޭނުންވަނީ ވެސް އެ ވަގުތު އެތަނުން ޖާގަ ހޯދާށެވެ.

"އާންމުކޮށް ފެންނާނެ، ރަތް މަހާއި ބޮޑެތި މުޑަހަންޖާއި ފަރުމަހާއި ފާނަ އާއި ކުރު މަހާއި ބޮޑެތި ތޮޅި އާއި ބޮޑެތި ރޮނޑާއި މިޔަރާއި ބޯވަ އާއި ވެލާ ވެސް. ހުރިހާ ވައްތަރެއްގެ މަސް ވެސް އުޅޭ އެތަނުގެ ކައިރީގައި. ކޯމަސް އެކަނި އެތަނުން ނުފެންނާނީ،" އޭނާ ވިދާޅުވި އެވެ.

މަޑިވަރު އެއާޕޯޓު، ކުރެއްދޫ ހޯލްޑިންގްސްއާ ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ފާހަގަކުރެއްވި އެއް ކަމަކީ ވެސް ރެސްޓޯރަންޓުގެ ހިތްގައިމުކަމެވެ. އޭނާ ވިދާޅުވީ ކަނޑުއަޑީގެ ރެސްޓޯރަންޓަކީ ރާއްޖެ އިސްތިހާރު ކުރަން ވަރަށް މުހިންމު ރޯލެއް އަދާކުރަމުން އަންނަ ފުރިހަމަ ތަނެއް ކަމަށެވެ.

"މިއީ ދުނިޔޭގައި މިގޮތަށް ހެދި އެންމެ ބޮޑު ރެސްޓޯރަންޓް. ކަނޑުއަޑީގެ ރެސްޓޯރަންޓެއްގެ ވާހަކަ ގޫގުލްގައި ޖަހާލައިފި ނަމަ، ފުރަތަމަ ވެސް އަންނަނީ މި ރެސްޓޯރަންޓުގެ ވާހަކަ. އެއީ ވަރަށް ގިނަ މަސައްކަތްތައް ކުރީމަ، މިގޮތަށް ފޮޓޯތަކާ އެއްޗެހި މިހުރީ،" ރެސްޓޯރަންޓު ތެރޭގައި ހުންނަވައި ޒަމީރު ވިދާޅުވި އެވެ.

ރާއްޖޭގެ ޓޫރިޒަމްގައި މިކަހަލަ ކިތައްމެ ހިތްގައިމުކަމެއް އެކުލެވިގެންވެ އެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އަޖައިބެއް ކަހަލަ ރީތި އެތައް ތަނެއް ތަރައްގީވާނެކަން ޔަގީނެވެ.