ޙިޖާމާގެ ފަރުވާ ފޯރުކޮށްދޭން "އޮމްނިކޫރިސް ކުލިނިކް" ގެ ނަމުގައި މާލޭގައި ކްލިނިކެއް ހުޅުވައިފި އެވެ.
ޙިޖާމާގެ ފަރުވާ ފޯރުކޮށްދޭން "އޮމްނިކޫރިސް ކުލިނިކް" ގެ ނަމުގައި މާލޭގައި ކްލިނިކެއް ހުޅުވައިފި އެވެ.
އޮމްނިކޫރިސްގެ އިސް ވެރިޔަކު ވިދާޅުވީ އެތަނުގެ މައިގަނޑު ޚިދުމަތަކީ ޙިޖާމާގެ ފަރުވާ އެވެ.
"މިއީ މިނިސްޓްރީ އޮފް ހެލްތުގައި ރެޖިސްޓްރީކޮށް، ލައިސެންސް ލިބިފައިވާ ޑޮކްޓަރުންގެ ބެލުމުގެ ދަށުން މިވަގުތު ރާއްޖޭގައި ޙިޖާމާގެ ފަރުވާދޭ ހަމައެކަނި ކުލިނިކް،" އޭނާ ވިދާޅުވި އެވެ.
ޙިޖާމާއާ އަކީ ހަށިގަނޑުގައި ދައުރުވާ އެކި ކަހަލަ ވިހަ މާއްދާތައް، ތަށިތަކެއް ޖަހައިގެން، ލޭގެ ތެރެއިން ބޭރުކުރުމެވެ. މި ފަރުވާގައި މިހާރު ބޭނުންކުރަނީ އެކަމަށް ހާއްސަކޮށްގެން ބިއްލޫރި ނުވަތަ ޕުލާސްޓިކުން ތައްޔާރުކޮށްފައިވާ ތަށްޓެވެ.
އޮމްނިކޫރިސްގެ ޑޮކްޓަރަކު ވިދާޅުވި ގޮތުގައި މި ފަރުވާގެ ސަބަބުން ލޭގެ ސެލްތަކަށް އާރޯކަން ލިބި، ހަށިގަނޑުގެ ދިފާޢީ ނިޒާމް ހަރުދަނާވެ އެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން 2000 އާއި 2005 އަހަރާ ދެމެދު ދިރާސާކޮށް އެކުލަވާލި "ހެލްތު ފޯ އޯލް" ޕްލޭންގައި ޙިޖާމާ ވަނީ ފަރުވާއެއްގެ ގޮތުގައި ހިމަނާފަ އެވެ. އެއީ ކުދި އޮޕަރޭޝަންތަކުގެ ކެޓަގަރީގެ (މިނީ ސާޖަރީސް) ތެރޭގަ އެވެ.
ހިޖާމާ ފަރުވާއަށް ބޭނުންކުރާ ކަޕްތަކެއް: މުޅި ދުނިޔެއަށް ވެސް މި ފަރުވާ މިހާރު ވަނީ މަޝްހޫރުވެފައި
ޒަމާނީ ބޭސްވެރިކަމުގެ ބައެއް ތަޖުރިބާކާރުން ވެސް ޙިޖާމާގެ ބޭނުން ހިފަ އެވެ. އެގޮތުން ޒަމާނީ ބޭސްވެރިކަމުގެ އެއް މޭސްތެރި އަދި މަޝްހޫރު ޖޯންސް ހޮޕްކިންސް ހޮސްޕިޓަލްގެ އެއް މަސްއޫލްވެރިޔާ ޑރ. ވިލިއަމް އޮސްލާ ވަނީ ނޭވާލާ ނިޒާމްގެ ބައްޔެއް ކަމަށް ވާ ބްރޮންކޯ ނިއުމޯނިއާ އާއި އެކިއުޓް މައިލައިޓިސްއަށް ފަރުވާއެއްގެ ގޮތުގައި ޙިޖާމާ ޖަހަން އިރުޝާދު ދެއްވާފަ އެވެ.
ދުނިޔޭގެ ފެންވަރުގެ ތަރިން ވެސް ޙިޖާމާގެ ބޭނުން ހިފަމުން އަންނަ ކަމަށް، އޮމްނިކޫރިސްގެ ޑޮކްޓަރު ވިދާޅުވި އެވެ. އެގޮތުން އޭނާ ނެންގެވި އެއް މިސާލަކީ 2016 ގައި ބްރެޒިލްގައި އޮތް އޮލިމްޕިކްސްގެ ބައެއް އެތުލީޓުން ވެސް ޙިޖާމާ ފަރުވާ ނެގި ނެގުމެވެ.
އެގޮތުން އެމެރިކާގެ މަޝްހޫރު ޖިމްނާސްޓިކް އެއް ބައިވެރިޔާ އެލެކްސް ނަޑޯރް އާއި ޗައިނާގެ މަޝްހޫރު ފެތުންތެރިޔާ ވާންގް ޗުން، އޮލިމްޕިކްސް އަށް ތައްޔާރުވުމުގެ ގޮތުން ޙިޖާމާ ޖެހި އެވެ. އަދި އިނގިރޭސި ވިލާތުގެ ޓެނިސް ކުޅުންތެރިޔާ އެންޑީ މުރޭ އާއި އެމެރިކާގެ މަޝްހޫރު ފެތުންތެރިޔާ މައިކަލް ފެލްޕްސް ވެސް ވަނީ ޙިޖާމާގެ ފަރުވާ ހޯދައި، މެޑެލްތައް ކާމިޔާބުކޮށްފަ އެވެ.
އޮމްނިކޫރިސްގެ އޮފިޝަލް ވިދާޅުވީ ޙިޖާމާގެ މުހިންމުކަމާ މެދު ކީރިތި ރަސޫލާ ދެއްވާފައިވާ އިރުޝާދުން ވެސް އޭގެ ފައިދާ އެނގިގެން ދާ ކަމަށެވެ.
"ނަބަވީ ބޭސްވެރިކަމުގެ ތެރޭގައި ޙިޖާމާ ހިމެނޭއިރު އެފަރުވާ އަޅުގަނޑުމެން ނުހޯދަންވީ އެއްވެސް ސަބަބެއް ނެތް،" އޭނާ ވިދާޅުވި އެވެ.
"ނަމަވެސް އެކަން ކުރަންވާނީ ރައްކާތެރި ގޮތުގައި. ޙިޖާމާއަކީ އޭގައި ކުދިކުދި ކެފުންތައް ހިމެނޭ، އަދި ސީދާ ލެޔާ ގުޅުން ހުރި ފަރުވާއެއް. އެހެންވެ އެ ފަރުވާދޭ ފަރާތާއި ފަރުވާ ލިބިގަންނަ ފަރާތުން ވެސް ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅުތައް އަޅަންވާނެ."
އޭނާ ވިދާޅުވި ގޮތުގައި ޙިޖާމާ ޖެހުމުގެ ކުރިން ބަލިމީހާ ސްކްރީން ވެސް ކުރަން ޖެހޭނެ އެވެ. ބަލިމީހާ ހުރީ ޙިޖާމާ ޖަހަން އެކަށީގެންވާ ހާލަތެއްގައިތޯ ވެސް ޗެކްކުރެވެން ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޙިޖާމާ ޖަހައިދޭ މީހާއަކީ ޙިޖާމާގެ އިލްމު ހުރި އަދި ތަޖުރިބާ ލިބިފައިވާ މީހަކަށް ވާން ޖެހޭނެ،" މި ޒަމާނުގައި ޙިޖާމާ ފަރުވާ ވެސް ފޯރުކޮށްދޭ ރައްކާތެރި ގޮތް ކިޔައިދެއްވަމުން، އޮމްނިކޫރިސްގެ އޮފިޝަލް ވިދާޅުވި އެވެ.
"ހަމައެހެން ޙިޖާމާގެ ފަރުވާދޭން ބޭނުންކުރާ ތަނަކީ ނުވަތަ ކޮޓަރި އަކީ ވެސް ސާފުތާހިރު، އެކަމަށް ހާއްސަ ތަނަކަށް ވާން ޖެހޭނެ. ޙިޖާމާގެ ފަރުވާގައި ބޭނުންކުރާ ތަށިތަކާއި އެހެނިހެން އާލަތްތަކަކީ ޖަރާސީމު ނައްތާލެވިފައިވާ ތަކެތިތޯ ޔަގީންކޮށް ކަށަވަރު ވެސް ކުރެވެންވާނެ."
އޭނާ ވިދާޅުވި ގޮތުގައި ޑަބްލިޔުއެޗުއޯ އިން ވަނީ ބޭސްވެރިކަމުގެ ވަކި ކެޓަގަރީއެއްގެ ގޮތުގައި ޙިޖާމާ ގިންތި ކޮށްފަ އެވެ. އެހެންކަމުން ޚިދުމަތް ދޭ ތަނަކީ އެކަމަށް އެކަށީގެންވާ ފެންވަރަށް ތައްޔާރު ކޮށްފައި ހުރި ތަނަކަށް ވުމުގެ އިތުރުން ސިއްހީ ޚިދުމަތް ދިނުމުގެ ހުއްދަ ލިބިފައިވާ ބައެއްގެ ބެލުމުގެ ދަށުން ހިނގާ ތަނެއްކަން ކަށަވަރުކުރަން ވެސް ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
ޙިޖާމާގެ ފަރުވާދޭ ކަންކަމުގެ ތެރޭގައި ތަފާތު ގޮތް ގޮތަށް (ސައިނަސް، މައިގްރޭން، ޓެންޝަންގެ ސަބަބުން) ބޮލުގައި ރިހުމާއި ކައްޓާއި މަހާ ގުޅުން ހުރި ތަފާތު ތަދުތައް (ކަނދުރާ އަދި އުނަގަނޑުގެ ތަދުތައް، ކުޅިވަރުގެ ތެރޭގައި ލިބޭ ކުދި އަނިޔާތަކުގެ ސަބަބުން ގުނަވަންތަކުގައި ނުފިލާ ހުންނަ ތަދުތައް، އޮސްޓިއޯ އާތްރައިޓިސް، ރާއްޖެބަލީގެ ސަބަބުން ހުޅުހުޅަށް ވެފައި ހުންނަ ތަދުތައް) ހިމެނެ އެވެ.
އޭގެ އިތުރުން ނޭވާލާ ނިޒާމާއި، ހަޖަމްކުރުމުގެ ނިޒާމާއި، ދަރިމައިވުމުގެ ނިޒާމުގެ ބައެއް ބަލިތަކަށް، ދެ ޖިންސްގެ މީހުން ވެސް ހިމެނޭ ގޮތަށް، ޑަކްޓަރީ ފަރުވާއާ އެކު ޙިޖާމާ ޖެހުމުން ނަތީޖާ އެތައް ގުނައެއް ރަނގަޅުވާ ކަމަށް، އޮމްނިކޫރިސްގެ އޮފިޝަލް ވިދާޅުވި އެވެ.
"ލޭމައްޗަށްދާ މީހުންނަށް ވެސް ޙިޖާމާ ފަރުވާއަކަށް ވޭ. ދެން ހުރޭ ޑޮކްޓަރީ ބޭހާ އެކު ޙިޖާމާ ޖެހުމުން ނަތީޖާ ރަނގަޅުވާ ކަންކަން ވެސް. މިސާލަކަށް ފަރުވާ ކުރަން އުނދަގޫ ހަމުގެ ބަލިތަކުގެ ތެރޭގައި ހިމެނޭ އޮށާޅަ އަދި ސޯރިއޭސިސް ފަދަ ކަންކަމަށް ވެސް ފަރުވާއާ އެކު ޙިޖާމާ ބޭނުންކުރެވިދާނެ."
އޭނާ ވިދާޅުވި ގޮތުގައި ދަރިން ހޯދަން އުނދަގޫ ބައެއް މީހުންނަށް ޙިޖާމާ އިން ރަނގަޅު ނަތީޖާ ފެނިފައިވެ އެވެ. އެގޮތުން ޙިޖާމާގެ ފަރުވާ ވެސް ހޯދަން އަންހެނުންގެ ބައެއް ޑޮކްޓަރުން ބައެއް ބަލިމީހުންނަށް އިރުޝާދު ދޭ ކަމަށް، އޮމްނިކޫރިސްގެ އޮފިޝަލް ވިދާޅުވި އެވެ.
ޙިޖާމާގެ މުހިންމުކަމާ މެދު ކީރިތި ރަސޫލާ ކުރައްވާފައިވާ ހަދީސްގެ ސަބަބުން، މުސްލިމުންގެ ތެރޭގައި މި ބޭސްވެރިކަން މަޝްހޫރެވެ. ކީރިތި ރަސޫލާގެ ހަދީސެއްގައި ވަނީ "ތިޔަ ބައި މީހުންގެ ފަރުވާތަކުގެ ތެރެއިން އެންމެ މޮޅު ފަރުވާއެއްކަން ކަށަވަރީ ޙިޖާމާ" ކަމަށެވެ.
މިއަދު ޙިޖާމާއަކީ މުޅި ދުނިޔެއަށް ވެސް މަޝްހޫރު ބޭސްފަރުވާއެކެވެ. އެ ފަރުވާ ހޯދާފައިވާ މަޝްހޫރު މީހުންގެ ތެރޭގައި ޑޭވިޑް ބެކަމްގެ އަންހެނުން ވިކްޓޯރިއާ ބެކަމް އާއި އެމެރިކާގެ ފިލްމީ ބަތަލާ ޖެނިފާ އެނިސްޓަން އާއި ގްވިނެތު ޕަލްޓްރޯގެ އިތުރުން މަޝްހޫރު ބޮކްސިން ތެޅުންތެރިން ކަމަށްވާ ފުލޯއިޑް މޭވެދާ އާއި އާމިރު އިގްބާލް ޚާން ހިމެނެ އެވެ.
.
ހެޔޮ އަގުގައި ސިއްހީ ހިދުމަތް ދޭން ބަޖެޓް ކްލިނިކެއް
ގިނަ ވަސީލަތްތަކާއެކު އީވް ވެސްޓް ޕާކް ހުޅުވައިފި
އައިޖީއެމްއެޗްގައި މި އަހަރު އައިވީއެފް ހަދަން ފަށަނީ
އީވް ކްލިނިކުން އަލުން އާސަންދަ ހިދުމަތް ދޭން ފަށައިފި
މިލިއަނުން ނަގައިގެން ކްލިނިކްތަކުން ހިންގަނީ ސްކޭމެއް
އައިވީއެފްގެ ފުރަތަމަ ދަރިފުޅު: އުފަލާއި ހިތާމަ!
ޕެއިން ކްލިނިކުން ޕީއާރުޕީ ފަރުވާދޭން ފަށައިފި
އާސަންދައިގެ ދަށުން އައިވީއެފް ހެދޭނީ 3 ބުރު
އޭޑީކޭއިން މުވައްޒަފުންގެ އަގުވަޒަންކޮށްފި
އައިވީއެފަށް އާސަންދަ ހަމަޖެއްސިކަން އިއުލާނުކޮށްފި