21 މެއި 2018
ސުޕްރީމް ކޯޓުން މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު އަމުރު ނެރުމުގައި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ދިން އިރުޝާދުތައް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދަށް ފޯރު ކޮށްދިނުމުގައި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒްގެ ވެސް ބައިވެރިވެފައިވާ ކަމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.
ސުޕްރީމް ކޯޓުން މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު އަމުރު ނެރުމުގައި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ދިން އިރުޝާދުތައް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދަށް ފޯރު ކޮށްދިނުމުގައި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒްގެ ވެސް ބައިވެރިވެފައިވާ ކަމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.
ކުރިން ޕޮލިސް ކޮމިޝަނަރު ކަން ވެސް ކުރެއްވި ރިޔާޒްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރަނީ މިދިޔަ އަހަރުން ފެށިގެން މަޖިލިސް ތެރެއިން ސަރުކާރު ވައްޓާލަން އުޅުމާއި މިދިޔަ ފެބްރުއަރީ މަހު ސުޕްރީމް ކޯޓުން އަމުރު ނެރުމުގައި އޭނާ ބައިވެރިވުމުގެ އިތުރުން އެ އަމުރުު ނެރުމުން އޭރުގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފް މެދުވެރިކޮށް ފުލުހުންތަކެއް ނެރެގެން ހަމަނުޖެހުން ހިންގަން އުޅުނު ކަމަށް ބުނެ އެވެ.
މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން އެގޮތަށް ބުނީ ރިޔާޒްގެ މައްޗަށް ކުރާ ދައުވާ އާއި އޭނާއާ ދެކޮޅަށް ހުށަހަޅާފައި ހުރި ހެކިތަކާ ބެހޭގޮތުން ގިނަ ސުވާލުތަކެއް އޭނާގެ ވަކީލުން ކުރިމަތި ކުރެއްވުމުންނެވެ.
އެގޮތުން މަޖިލީހުގެ ތެރެއިން ވެރިކަން ވައްޓަން ރިޔާޒް އުޅުއްވީ ކޮން ގޮތަކަށް ތޯ އާއި ސުޕްރީމް ކޯޓުގެ އަމުރު ނެރުމުގައި ރިޔާޒްގެ ދައުރަކީ ކޮބައިތޯ ވިދާޅުވެ ސުވާލު ކުރައްވައިފަ އެވެ. މަޖިލިސް ތެރެއިން ވެރިކަން ބަދަލު ކުރުމަކީ ގާނޫނު އަސާސީ ހުއްދަ ކަމެއް ކަމަށް ވާއިރު، އެކަން ކުރަން އުޅުން ކުށަކަށް ވަނީ ކީއްވެގެންތޯ ވެސް ވަކީލުން ސުވާލު ކުރެއްވި އެވެ.
މީގެ އިތުރުން ގިނަ އަދަދެއްގެ ހެކިތަކެއް ރިޔާޒާ ދެކޮޅަށް ހުށަހަޅާއިރު، ގިނައީ ރިޔާޒާ ގުޅުން ނެތް ތަންތަނާއި މީހުން އަތުން ފެނުނު ހެކިތައް ކަމަށާއި އެ ހެކިތައް ރިޔާޒާ ދެކޮޅަށް ހުށަހަޅަނީ ކީއްވެގެންތޯ ވަކީލުން ސުވާލު އުފެއްދެވި އެވެ. އަދި ދައުލަތުން ހުށަހެޅި ގިނަ ހެކިތަކަކީ ރިޔާޒް ކުރެއްވި އަމަލެއް ސާބިތުކުރަން ހުށަހަޅާފައި ހެކިތަކެއް ނޫން ކަމަށް ވަކީލުން ވިދާޅުވި އެވެ.
ޖަވާބުގައި އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ފަޒްނާ ވިދާޅުވީ މިދިޔަ އަހަރުން ފެށިގެން މެމްބަރުންތަކަށް ރިޝްވަތު ދީގެން މަޖިލިސް ތެރެއިން ސަރުކާރު ވައްޓާލަން ރިޔާޒް އުޅުނު ކަން ހެކިތަކުން އެނގެން އެބައޮތް ކަމަށާއި އަދި ސުޕްރީމް ކޯޓުގެ އަމުރު ނެރުމުގައި ވެސް ރިޔާޒްގެ ބައިވެރިވުން އޮތްކަން ހެކިތަކުން އެނގެން އެބައޮތް ކަމަށެވެ. ފަޒްނާ ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުގެ އަމުރު ނެރުމުގައި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ދޭން ބޭނުންވި އިރުޝާދުތައް ދެ ފަނޑިޔާރުންނަށް ފޯރުކޮށް ދިނުމުގައި ރިޔާޒާއި އިތުރު ބަޔަކު ވަނީ ބައިވެރިވެފަ އެވެ.
އެ މައްސަލާގައި ފެނުނު ކަޅު ފޮށިން ލިބުނު ހެކިތަކުގެ ތެރޭގައި ދައުވާގައި ބުނާ އަމަލުތައް ހިންގަން އުޅުނު ކަން ސާބިތުވާ ހެކި ހުރި ކަމަށް ފަޒްނާ ވިދާޅުވި އެވެ. އަދި ފާރިސްގެ އިރުޝާދުތަކާ އެއްގޮތަށް ރިޔާޒް އަމަލު ކުރިކަމުގެ ހެކި ވެސް ހުރި ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު ކަޅު ފޮށިން ފެނުނު މައުލޫމާތުތައް ހިމެނޭ ރިޕޯޓަކީ ސިއްރު ހެއްކެއް ކަމަށްވާތީ އެ ރިޕޯޓުގައި ހުރި މައުލޫމާތު ރިޔާޒްގެ ވަކީލުންނާ ހިއްސާ ކުރަން ދެކޮޅު ހަދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދައުވާއާ މެދު ވަކީލުން ކުރިމަތިކުރި ސުވާލުތަކަށް ދައުލަތުން ޖަވާބު ދިނުމުން، ރިޔާޒް ވިދާޅުވީ އެ ދައުވާ ސާފުނުވާ ކަމަށާއި ދައުވާގައި ބުނާ ކަންކަމާއި އޭނާއާ ގުޅުންހުރި ގޮތެއް ނޭނގޭ ކަމަށެވެ. ދައުވާ ސާފުނުވާ ކަމަށް ތަކުރާރުކޮށް ވިދާޅުވުމަށް ފަހު ރިޔާޒް ވިދާޅުވީ އެ ދައުވާގައި ބުނާ ކަންކަމަށް އިންކާރު ކުރައްވާ ކަމަށެވެ. އަދި އެ ދައުވާއަކީ ސިޔާސީ ކަންކަމުން އޭނާ އެކަހެރި ކުރަން ކުރާ ދައުވާއެއް ކަމަށް ރިޔާޒް ވިދާޅުވި އެވެ.
ރިޔާޒް ދައުވާއަށް އިންކާރު ކުރެއްވުމުން އޭނާއާ ދެކޮޅަށް 33 ހެއްކެއް ހުށަހަޅާ ކަން ދައުލަތުން ހާމަ ކުރި އެވެ. އޭގެ ސިއްރު ހެކިވެރިންނާއި ސިއްރު ލިޔުންތަކުގެ އިތުރުން ފުލުހުން ވެސް ހިމެނެ އެވެ. އަދި އެ މައްސަލާގައި ފުލުހުން ހޯދި ކަޅު ފޮށިން ފެނުނު މައުލޫމާތުތައް ހިމެނޭ ހެކިތައް ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.
ދެ ފަރާތުގެ ވާހަކަތަކަށް ފަހު ގާޒީ އަހުމަދު ހައިލަމް ނިންމެވީ މަދަނީ މިންގަނޑުން ބަލާއިރު އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަދި ދިފާއުގައި ހެއްކެއް ހުށަހަޅަން ބޭނުންވޭތޯ ގާޒީ ހައިލަމް އެއްސެވުމުން ރިޔާޒްގެ ވަކީލުން އެދިވަޑައިގަތީ އެކަމަށް އިތުރު ފުރުސަތެއް ދެއްވުމަށެވެ.
ގާޒީ ހައިލަމް އެންގެވީ ދިފާއީ ހެކިންގެ ނަންތަކާއި ޝަރީއަތުގެ އަސްލު އަޑުއެހުންތައް ފަށައިގަތުމުގެ ކުރިން ދެ ފަރާތުން ހުށަހަޅަން ބޭނުންވާ ހުށަހެޅުންތައް އަންނަ ބުރާސްފަތި ދުވަހު ހުށަހެޅުމަށެވެ. އެކަމަށް އިތުރު ފުރުސަތެއް ފަހުން ނުދެވޭނެ ކަމަށް ގާޒީ ހައިލަމް އެންގެވި އެވެ.
ރިޔާޒްގެ މައްޗަށް އެ ދައުވާ ސާބިތުވެއްޖެ ނަމަ 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އަންނާނެ އެވެ. އެ ހުކުމް އައިސްފި ނަމަ މެމްބަރުކަމުގެ ގޮނޑި ވެސް ރިޔާޒަށް ގެއްލޭނެ އެވެ.
ރިޔާޒްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރާއިރު، އޭނާ މިހާރު ވެސް ގެންދަވަނީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. ރިޔާޒް މިވަގުތު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވަނީ ފުލުހުންގެ ތަހުގީގެއްގައި އޭނާގެ ފޯނު ހިފަހައްޓައި، ހުޅުވަން އެންގުމުން އެކަން އޭނާ ނުކުރެއްވި މައްސަލާގައި ކުރި ދައުވާއެއް ސާބިތުވުމުންނެވެ.
ރިޔާޒާއި ނަދީމްގެ ޝަރީއަތުގެ އަޑުއެހުން ކެންސަލްކޮށްފި
ދައުވާ ކުރަނީ އަޅުގަނޑު އެކަހެރިކޮށްލަން: ރިޔާޒް
އަމީން ޖަލަށްލި މައްސަލަ ސިއްރުނުކުރަން ނިންމައިފި
މުހައްމަދު އިސްމާއިލްގެ ޝަރީއަތް މިއަދު ނުބޭއްވުނު
ޓެރަރިޒަމްގެ ކުށުގައި އަމީން 27 އަހަރަށް ޖަލަށް
ޓެރަރިޒަމްގެ މައްސަލާގައި އަލިމަނިކު 5 އަހަރަށް ޖަލަށް
ބަޑި ގެންގުޅުނުކަން ސާބިތުވިޔަސް، މިނިވަންވެއްޖެ
ބޮމުގެ ހަމަލާ: ދިފާއީ ހެކިތަކެއް ބަލައިނުގަންނާނެ
ޓެރަރިޒަމްގެ ފޮޓޯ އާއި ވީޑިއޯ ގެންގުޅުން ސާބިތެއް ނުވި
ބޮމުގެ ހަމަލާގެ ޝަރީއަތް އޮގަސްޓް މަހު ނިންމަނީ