Roadha Mihaaru
ދައުވާ ކުރަނީ އަޅުގަނޑު އެކަހެރިކޮށްލަން: ރިޔާޒް

އުޅެނީ އަޅުގަނޑު އެކަހެރިކޮށްލަން، މިއީ ސިޔާސީ ދައުވާއެއް: ރިޔާޒް

02 މެއި 2018

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރަނީ އިދިކޮޅު ހަރަކާތްތަކުން އޭނާ އެކަހެރިކޮށްލުމަށް ކަމަށާއި އެއީ ސިޔާސީ ދައުވާއެއް ކަމަށް އޭނާ މިއަދު ކްރިމިނަލް ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރަނީ އިދިކޮޅު ހަރަކާތްތަކުން އޭނާ އެކަހެރިކޮށްލުމަށް ކަމަށާއި އެއީ ސިޔާސީ ދައުވާއެއް ކަމަށް އޭނާ މިއަދު ކްރިމިނަލް ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން، އެކަމުގައި ރިޔާޒްގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކޮށް، ދައުލަތުން ކުރާ ޓެރަރިޒަމްގެ ދައުވާގެ މިއަދު ބޭއްވި ފުރަތަމަ އަޑުއެހުމުގައި ރިޔާޒް ވިދާޅުވީ އެ ދައުވާ ކުރަނީ ޓެރަރިޒަމްގެ އަމަލެއް އޭނާ ކުރައްވައިގެން ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެ ދައުވާ ކުރަނީ އިދިކޮޅު ޕާޓީތަކުން ހިންގާ އިސްލާހީ ހަރަކާތުން އޭނާ އެކަހެރިކޮށްލަން ކަމަށާއި އެކަން ކުރަނީ ސަރުކާރުގެ ނުފޫޒުގަދަ ބަޔަކު ކަމަށް ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވި ގޮތުގައި އޭނާ ބަންދުގައި ހުންނެވިއިރު އެއް ފަހަރަކު އޭނާއާ ސުވާލު ކޮށްފައި ވިޔަސް، ޓެރަރިޒަމްގެ މައްސަލައެއްގެ ތަހުގީގު ހިންގާ ގޮތަކަށް ތަހުގީގެއް ހިންގި ކަމަކަށް އޭނާ ގަބޫލެއް ނުކުރައްވަ އެވެ. ފަނޑިޔާރުންނާއި މަޖިލިސް މެމްބަރުންނަށް ރިޝްވަތު ދީފައިވާނެތޯ އޭނާއާ ސުވާލު ކުރިޔަސް، އެއްވެސް ތަނެއް ބަލައި ފާސްކުރުން ފަދަ އެއްވެސް ކަމެއް ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓެރަރިޒަމްގެ ދައުވާއެއް ކުރަން މައްސަލަ ޕީޖީ އޮފީހަށް ފޮނުވިކަން ވެސް އަންގާފައި ނެތްކަން ފާހަގަކުރައްވައި، ރިޔާޒް ވިދާޅުވީ އެއީ އެއްވެސް އަސްލެއް ނެތް ތުހުމަތެއް ކަމަށެވެ. ކުރިން ޕޮލިސް ކޮމިޝަނަރު ކަން ވެސް ކުރެއްވި ރިޔާޒް ވިދާޅުވީ އޭނާއަކީ ކުށެއް ކުރި ބޭފުޅެއް ނޫން ކަމަށާއި އޭނާގެ އުމުރުގެ ދެ ބައި ކުޅަ އެއް ބައި ހޭދަކުރީ ގާނޫނު ތަންފީޒު ކުރުމުގައި ކަމަށެވެ.

ޓެރަރިޒަމްގެ ތުހުމަތު ނުކުރާ ކަމަށް ރިޔާޒް ވިދާޅުވުމުން، މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމް ވަނީ އެކަމާ ގުޅޭގޮތުން ދައުލަތާ ސުވާލު ކުރައްވައިފަ އެވެ.

ޖަވާބުގައި ދައުލަތުގެ ވަކީލް އަހުމަދު ނައުޝާދު ވިދާޅުވީ ތަހުގީގު މަރުހަލާގައި ރިޔާޒަށް ދިން ގާނޫނު އިންޒާރުގެ ފޯމްގައި ވެސް ޓެރަރިޒަމްގެ ތުހުމަތު އެބައޮތް ކަމަށާއި އަދި ރިޔާޒްގެ ތަހުގީގު ބަޔާނުގައި ވެސް ޓެރަރިޒަމްގެ ދައުވާގައި ތުހުމަތު ކުރާ ކަންކަމާ ގުޅޭ ވާހަކަތައް އެބަހުރި ކަމަށެވެ.

ގާޒީ ހައިލަމް ވެސް ވިދާޅުވީ ރިޔާޒް ސޮއިކުރައްވާފައިވާ އެ ބަޔާނުގައި ދައުވާގައި ހިމެނޭ ވާހަކަތައް އެބަހުރި ކަމަށާއި އެކަންކަމަށް އިންކާރު ކުރައްވާ ކަމަށް އެ ބަޔާނުގައި ރިޔާޒް ވިދާޅުވެފައިވާ ކަމަށެވެ. އަދި އެ ތުހުމަތަކީ އެކަށީގެންވާ ވަރުގެ ތުހުމަތެއްތޯ ނުވަތަ ނޫންތޯ ނިންމާނީ އެ މައްސަލާގައި ހާޒިރުކުރަން ޖެހޭ ހެކިން ހާޒިރު ކުރުމަށް ފަހު ކަމަށް ގާޒީ ހައިލަމް ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ރިޔާޒް ވިދާޅުވީ ޓެރަރިޒަމްގެ ތަހުގީގެއް ހިންގާ ފަދަ ގޮތަކަށް އެ ތަހުގީގު ހިންގާފައި ނެތް ކަމަށާއި އޭނާއާ ކުރީ އާދައިގެ ސުވާލުތަކެއް ކަމަށެވެ. އަދި އޭނާއާ އެކު ޓެރަރިޒަމްގެ ދައުވާލިބޭ އެހެން ބޭފުޅުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރިޔަސް، އެ މައްސަލާގައި އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ހާޒިރު ނުކޮށް އޮތް ކަން ވެސް ރިޔާޒް ފާހަގަކުރެއްވި އެވެ.

ޓެރަރިޒަމްގެ ތުހުމަތުގައި ރިޔާޒް ބަންދުކުރަން ދައުލަތުން އެދިފައިނުވާ ކަމަށް ރިޔާޒް ވިދާޅުވުމުން އެކަމާ ގުޅިގެން ވެސް ގާޒީ ވަނީ ދައުލަތާ ސުވާލުކުރެއްވި އެވެ.

ޖަވާބުގައި، އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ފަޒްނާ ވިދާޅުވީ ޓެރަރިޒަމްގެ މައްސަލާގެ ރިޔާޒް ބަންދުގައި ބަހައްޓަން އެދިފައި ނުވަނީ އެ މައްސަލައިގެ ތަހުގީގު ނިމުމަކާ ހަމައަށް އައިސްފައި ވަނިކޮށް ރިޔާޒްގެ މައްޗަށް ދައުވާކުރާ އެހެން މައްސަލައެއްގައި އޭނާ ޝަރީއަތް ނިމެންދެން ބަންދު ކޮށްފައިވާތީ ކަމަށެވެ. އަދި އެހެން މައްސަލަތަކުގައި ވެސް އަމަލުކުރާ އުސޫލަކީ އެ މީހަކީ އެހެން މައްސަލައެއްގައި ބަންދެއްގައި ހުރި މީހެއް ނަމަ، އިތުރަށް ބަންދު ކުރަން ނޭދުން ކަމަށް ފަޒްނާ ވިދާޅުވި އެވެ.

ވަކީލަކާ ނުލައި މިއަދު ހާޒިރުވި ރިޔާޒް އެދިވަޑައިގަތީ ވަކީލަކު ހަމަޖައްސަން 10 ދުވަހުގެ މުއްދަތެއް ދެއްވުމަށެވެ. ގާޒީ ދެއްވީ ފަސް ދުވަހުގެ މުއްދަތެކެވެ. ދެން އޮންނަ އަޑުއެހުމެއްގައި ވަކީލަކާ އެކު ހާޒިރުވެ، ޖަވާބުދާރީވާން ގާޒީ އެންގެވި އެވެ.

ރިޔާޒް ޝަރީއަތް ނިމެންދެން ބަންދު ކޮށްފައިވަނީ އޭނާގެ މައްޗަށް ކުރާ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާއާ ގުޅިގެންނެވެ. އެ މައްސަލާގައި ރިޔާޒް ބަންދުކުރަން އަމުރުކުރީ މިދިޔަ މާޗް މަހު އެވެ. އޭގެފަހުން މިދިޔަ ހަފުތާގައި ހައި ކޯޓުން ވަނީ އެހެން މައްސަލައެއްގައި ރިޔާޒްގެ މައްޗަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.

ޓެރަރިޒަމްގެ އެ ދައުވާ ސާބިތުވެއްޖެ ނަމަ 17 އަހަރާ 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް ރިޔާޒަށް އަންނާނެ އެވެ.

ރިޔާޒްގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި މަޖިލީހުގެ އިތުރު ތިން މެމްބަރަކާއި ކުރީގެ ޕޮލިސް ކޮމިޝަނަރުގެ މައްޗަށް ވެސް ދައުލަތުން ޓެރަރިޒަމްގެ ދައުވާ ކުރެ އެވެ. އެ ބޭފުޅުންގެ މައްސަލަތަކުގެ ޝަރީއަތް ކުރިން އޮތީ ފަށައިފަ އެވެ.