Roadha Mihaaru
މިތިބީ އުފަލުން، ރައީސާ ވާދަކުރެވޭނެ މީހަކު ނެތް:މޫސަ

މިތިބީ ވަރަށް އުފަލުން، ރައީސް ޔާމީނާ ވާދަކުރެވޭނެ މީހަކު ނެތް: މޫސަ

20 މެއި 2018

ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕާޓީތަކުން ކެންޑިޑޭޓަކު ނެރުނަސް، ރައީސް އަބްދުﷲ ޔާމީންއާ ވާދަކުރެއްވޭނެ ބޭފުޅެއް ނެތް ކަމަށާއި އެހެންވެ ޕީޕީއެމް އޮތީ ވަރަށް އުފަލުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕާޓީތަކުން ކެންޑިޑޭޓަކު ނެރުނަސް، ރައީސް އަބްދުﷲ ޔާމީންއާ ވާދަކުރެއްވޭނެ ބޭފުޅެއް ނެތް ކަމަށާއި އެހެންވެ ޕީޕީއެމް އޮތީ ވަރަށް އުފަލުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.

ވެސްޓް ޕާކް ރެސްޓޯރަންޓް ހިންގި ބިމުގައި ހަދާފައިވާ، ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މޫސަ ވިދާޅުވީ މިހާތަނަށް އައިއިރު، އިދިކޮޅު ފަރާތްތަކަށް ކެންޑިޑޭޓެއް ދެއްކިފައި ނުވާ ކަމަށެވެ. އެހެންވެ ރައީސް ޔާމީނާ "ޗެލެންޖް" ކުރެވޭނެ ކެންޑިޑޭޓެއް ނާންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އިދިކޮޅުގައި ތިބި ސިޔާސީ މީހުން އަޅުގަނޑުމެންނަށް އެނގޭ. ރައީސް ޔާމީނާ ވާދަ ކުރެވޭ ކެންޑިޑޭޓަކު ނާންނާނެ. އެހެންވީމަ އަޅުގަނޑުމެން ވަރަށް އުފަލުން މިތިބެނީ،" މޫސަ ވިދާޅުވި އެވެ.

މޫސަ ވިދާޅުވި ގޮތުގައި ވެރިކަން ކުރެއްވުމުގެ ޝައުގުވެރިކަން މިހާތަނަށް ފާޅުކުރެއްވި އިދިކޮޅު ލީޑަރުންގެ "ފަހަތްކޮޅު" ދިވެހިން ދަނެ އެވެ. އަދި ޕީޕީއެމްގެ މަސައްކަތްތައް ރާވަނީ އިދިކޮޅުން ނިކުންނަ ކެންޑިޑޭޓުންނާ ޗެލެންޖު ކުރުމުގެ ބޭނުމުގައި ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ފުރުއްވި މޫސަ ވިދާޅުވީ ޕީޕީއެމްގެ ކެމްޕެއިން ދުވަހެއް ދުވަހަކަށް އަންނަނީ ވަރުގަދަވަމުން ކަމަށެވެ.

ރައީސް ޔާމީންގެ ގައުމީ ހިދުމަތާއި މަސައްކަތްޕުޅުތައް ޕީޕީއެމުން ރައްޔިތުންނަށް ކިޔައިދިނުމުން ރައީސް ޔާމީން ދެވަނަ ދައުރަކަށް އިންތިހާބު ކުރަން ބޭނުންވާ އަޣުލަބިއްޔަތު ވޯޓު ލިބޭނެ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.

"އެމަނިކުފާނު (ރައީސް ޔާމީން) ކުރައްވާފައި ހުރި ކަންކަމުގެ ތަސައްވަރު އަޅުގަނޑުމެން ރައްޔިތުންނަށް ކިޔައިދިނީމަ، އެ އޮޅުން ފިލައިގެން ރައީސް ކެމްޕެއިނަށް ނިކުމެ އެއްޗެއް ވިދާޅުވާއިރު އޮންނާނީ އަޅުގަނޑުމެން ބޭނުންވާ އަޣުލަބިއްޔަތު ރައީސްއާ ހަމައަށް އައިސްފައި،" މޫސަ ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ ކެންޑިޑޭޓަކު ނެތޭ ކިއާފައި، މަސައްކަތް ހުއްޓާލައިގެން ޕީޕީއެމުން ނުތިބޭނެ ކަމަށާއި ޕީޕީއެމުން ރޯދަ މަހުގެ ތެރޭގައި ރަށްތަކަށް ދަތުރު ކުރަނީ ރައީސް ޔާމީނަށް ތާއީދު ހޯއްދެވުމުގެ ގޮތުން ކަމަށެވެ. ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުގެ ފަރާތުން ރޯދަ މަހުގެ ތެރޭގައި ރާއްޖޭ ފަސް އަތޮޅެއްގެ ރަށްތަކަށް ޒިޔާރަތްކޮށް ރައްޔިތުންގެ ހާލު ބެލުމަށް ވަނީ ނިންމައިފަ އެވެ.

އެމްޑީއޭގެ ނައިބު ލީޑަރު، ކެންދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފް ވިދާޅުވީ މި އަހަރު ރިޔާސީ އިންތިހާބަކީ ވަރަށް މިނިވަން އިންތިހާބަކަށް ވެގެން ދާނެ ކަމަށެވެ. އަދި ރާއްޖޭގެ ގާނޫނު ހުއްދަ ކުރާ ކޮންމެ މީހަކަށް ވެރިކަމަށް ކުރިމަތިލުމުގެ ޝަރުތު ހަމަވާނަމަ، އިންތިހާބުގައި ވާދަކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށްވާތީ ވިސްނުން ހުރީ ވަރަށް ބޮޑު ޕަސަންޓަކުން ރައީސް ޔާމީން 2018 ކާމިޔާބު ކުރުމަށް މަސައްކަތް ކުރުން،" މައުރޫފް ވިދާޅުވި އެވެ.