Roadha Mihaaru
ބައެއް ޓީމުގެ ތައްޔާރީތައް ވަރަށް ތަފާތު!

ބައެއް ޓީމުގެ ތައްޔާރީތައް ވަރަށް ތަފާތު!

14 ޖޫން 2018

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ރަނގަޅު ނަތީޖާތަކެއް ނެރެން ނުވަތަ ކާމިޔާބީ ހޯދަން ހުރިހާ ޓީމަކުން ވެސް އެކި ގޮތްގޮތުން މަސައްކަތްކުރެ އެވެ. ލިބެން ހުރި ހުރިހާ ވަސީލަތެއް ބޭނުން ކުރުމުގެ އިތުރުން އެއްބާރުލުން ލިބޭ ހުރިހާ ބައެއްގެ އެހީ ވެސް ހޯދަ އެވެ. އެއީ ހަތަރު އަހަރުން އެއް ފަހަރު ބާއްވާ މި މުބާރާތުން ފުރުސަތު ލިބެނީ މަދު ޓީމަކަށް ވެފައި، ދުނިޔޭގެ ފުޓްބޯޅައިގައި އެކި ގައުމުތަކުން ކުރިއެރުން ހޯދާ މިންވަރު ހަލުވި ކަމުންނެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ރަނގަޅު ނަތީޖާތަކެއް ނެރެން ނުވަތަ ކާމިޔާބީ ހޯދަން ހުރިހާ ޓީމަކުން ވެސް އެކި ގޮތްގޮތުން މަސައްކަތްކުރެ އެވެ. ލިބެން ހުރި ހުރިހާ ވަސީލަތެއް ބޭނުން ކުރުމުގެ އިތުރުން އެއްބާރުލުން ލިބޭ ހުރިހާ ބައެއްގެ އެހީ ވެސް ހޯދަ އެވެ. އެއީ ހަތަރު އަހަރުން އެއް ފަހަރު ބާއްވާ މި މުބާރާތުން ފުރުސަތު ލިބެނީ މަދު ޓީމަކަށް ވެފައި، ދުނިޔޭގެ ފުޓްބޯޅައިގައި އެކި ގައުމުތަކުން ކުރިއެރުން ހޯދާ މިންވަރު ހަލުވި ކަމުންނެވެ.

ޖަރުމަނުގެ ސްޓެޓިސްޓިކްސް ސިސްޓަމް

ޖަރުމަނަކީ ދުނިޔޭގެ ފުޓްބޯޅައިގައި އަަބަދުވެސް އެކި ކަންކަމަށް އިސްކަންދޭ ޓީމެކެވެ. ޖަރުމަނުގައި 2006 ގައި އޮތް ވޯލްޑް ކަޕަށް ފަހު ޓީމުގައި ހާއްސަ ޓެކްނިކަލް ސްޓާފެއް ގެންގުޅެ އެވެ. އެއީ މެޗުތައް ކުރިއަށްދާ ވަގުތު ސްޓެޓްސްތައް އެއް ކުރުމަށެވެ. އެންމެ ފަހުން ބޭއްވި ތިން ވޯލްޑް ކަޕްގައި ވެސް ސްޓެޓްސް ސިސްޓަމުގެ އެހީ އެ ޓީމުން ހޯދި އެވެ. ރިޕޯޓްތައް ބުނާ ގޮތުން 2014 ގެ ވޯލްޑް ކަޕްގައި ޖަރުމަނުން ވަނީ މެޗުތަކުގައި ކޮންމެ 15 މިނިޓަކުން ކުޅުންތެރިންގެ ސްޓެޓްސްގެ އިތުރުން ހީޓް މެޕް ހެދުމަށް ފަހު ކޯޗު ޔަކީމް ލޯ އަތަށް ދީފަ އެވެ. މެޗު ކުރިއަށް ދާއިރު ލޯ ހުރިހާ ނިންމުމެއް ނިންމަނީ އެ ސްޓެޓްސްތަކަށް ބެލުމަށް ފަހު އެވެ. މިއީ ޖަރުމަނުން މެޗުތަކުގެ ނަތީޖާ ނެރެން ބޭނުންކުރާ ހާއްސަ އުކުޅެކެވެ.

ގާޑިއޯލާގެ ނިއުޓްރީޝަން މެތަޑް އިންގްލެންޑަށް

ދުނިޔޭގެ ފުޓްބޯޅައިގައި ފަހަކަށް އައިސް އެންމެ ގިނަ ކާމިޔާބީ ހޯދި ކޯޗަކީ ސްޕެއިނުގެ ކޯޗު ޕެޕް ގާޑިއޯލާ އެވެ. އޭނާ ވަނީ ބާސެލޯނާގެ އިތުރުން ބަޔާން މިއުނިކްގައި ވެސް އެ ކާމިޔާބީތައް ތަކުރާރުކޮށްފަ އެވެ. މި ވަގުތު މެންޗެސްޓާ ސިޓީގެ ކޯޗަކަށް ހުރިއިރު، މި ސީޒަނުގައި އެ ޓީމުން ވެސް ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. ގާޑިއޯލާ އަކީ އޭނާގެ ކޯޗިން ފިލޯސަފީއާ އެއްގޮތަށް ހުރިހާ ކަމެއް ކޮންޓްރޯލްކުރާ ކޯޗެކެވެ. އޭނާ ކާމިޔާބު ހޯދަން ކުރާ މަސައްކަތްތަކުގެ ތެރޭގައި ކުޅުންތެރިންނަށް ވަކި ކަންތައްތަކެއް ކުރަން އަންގަ އެވެ. އޭގެ ތެރެއިން އެއް ކަމަަކީ ވަކި ނިއުޓްރީޝަން މެތަޑް (ކެއުމުގެ ވަކި އުސޫލުތަކެއް) ގެންގުޅުމެވެ. ރިޕޯޓްތައް ބުނާ ގޮތުން ދާދި ފަހުން ގާޑިއޯލާ އާއި އިނގިރޭސި ގައުމީ ޓީމުގެ ކޯޗު ގަރެތު ސައުތުގޭޓާ ބޭއްވި ބައްދަލުވުމުގައި ގާޑިއޯލާ ވަނީ މި ނިއުޓްރީޝަން މެތަޑްގެ ހުރިހާ މައުލޫމާތެއް ހިއްސާކޮށްފަ އެވެ. އަދި ވޯލްޑް ކަޕަށް ދާ އިންގްލެންޑް ޓީމާ އެކު ސިޓީގެ ޑައެޓީޝަނެއް ބައިވެރިވާނެ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

ސްޕެއިންގެ ދެ ކޯޗުން ކަމަށްވާ ލުއިސް އެންރީކޭ (ކ) އާއި ޕެޕް ގާޑިއޯލާ: މި ދެ ކޯޗުން ވަނީ ސްޕެއިންގެ ކޯޗުންގެ ޕޫލުގައި މަސައްކަތްކޮށްފައި.-- ފޮޓޯ: އޭއެފްޕީ

ސްޕެއިންގެ ދެ ކޯޗުން ކަމަށްވާ ލުއިސް އެންރީކޭ (ކ) އާއި ޕެޕް ގާޑިއޯލާ: މި ދެ ކޯޗުން ވަނީ ސްޕެއިންގެ ކޯޗުންގެ ޕޫލުގައި މަސައްކަތްކޮށްފައި.-- ފޮޓޯ: އޭއެފްޕީ

ސްޕެއިނުގެ ކޯޗިން ޕޫލް

ފާއިތުވި 15 ވަރަކަށް އަހަރަށް ބަލާއިރު ދުނިޔޭގެ ފުޓްބޯޅައިގައި ރަސްކަންކުރި ޓީމަކީ ސްޕެއިން އެވެ. އެ ޓީމުގެ ކާމިޔާބީ ފަހަތުގައި ގިނަ ކަންތައްތަކެއް އޮވެ އެވެ. ސްޕެއިނުގެ ގޯލްޑަން ޖެނެރޭޝަންގެ މި ކުރިއެރުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ދިނީ ސްޕެއިންގެ ފުޓްބޯޅަ އިދާރާއިން 2008 ގައި އެކުލަވާލި ކޯޗިން ޕޫލް އެވެ. މި ޕޫލުގައި ހިމެނެނީ ސްޕެއިންގެ ފުޓްބޯޅައިގެ ތަޖުރިބާކާރު ކޯޗުންނެވެ. ސްޕެއިނަށް އެންމެ ފަހުން ކޯޗުކޮށްދިން ލުއިސް އަރަގޯނެސް 2008 ގެ ޔޫރޯ ކާމިޔާބުކުރި ފަހުން ދެން ހަވާލުވި ވިސެންޓޭ ޑެލް ބޮސްކޭ އާއި މިހާރުގެ ކޯޗު ޖޫލެން ލޮޕެޓީގަށް ވެސް މި ކޯޗިން ޕޫލުގެ އެހީތެރިކަން ލިބެ އެވެ. ކޯޗިން ޕޫލުގައި ހިމެނެނީ އެ ވަގުތެއްގައި ހޮވާލެވޭ ސްޕެއިނުގެ ކޯޗުންނެވެ. މީގެ ކުރިން މި ކޯޗިން ޕޫލުގައި ލުއިސް އެންރީކޭ އަދި ޕެޕް ގާޑިއޯލާ ވެސް މަސައްކަތްކުރި އެވެ. މި ޕޫލުގެ މަސައްކަތަކީ ބޮޑު މުބާރާތެއް ކުރިއަަށްދާއިރު ސްޕެއިންގެ ހެޑް ކޯޗަށް އެކި ގޮތްގޮތުން ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ޓީމުތަކުން ސޯޝަލް މީޑިއާ މަނާކުރުން

ދުނިޔޭގެ ފުޓްބޯޅައިގައި މި ވަގުތު އެންމެ ގިނަ ހަބަރު ހިނގަނީ ސޯޝަލް މީޑިއާގަ އެވެ. އެންމެ ފަހުން ބޭއްވި ދެ ވޯލްޑް ކަޕް ކުރިއަށް ދިޔަ ދުވަސްވަރު ގިނަ ޓީމުތަކުން ވަނީ ކުޅުންތެރިންނަށް ސޯޝަލް މީޑިއާ ބޭނުންކުރަން ދޭ ވަގުތު ކުޑަކޮށްފަ އެވެ. އަނެއް ބައި ޓީމުތަކުން ވަނީ ސޯޝަލް މީޑިއާ ބޭނުންކުރުން މަނާ ވެސް ކޮށްފަ އެވެ. މި ފަހަރުގެ ވޯލްޑް ކަޕްގައި ވެސް އެކަން ފެންނާނެ ކަމަށް ބެލެވެ އެވެ. ދާދި ފަހުން ބެލްޖިއަމް ޓީމުގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފައިވާ ގޮތުގައި މެޗުގެ ކުރިން ސޯޝަލް މީޑިއާ ބޭނުންކުރާ ނަމަ އޭގެ ގެއްލުން ކުޅުންތެރިންނަށް ކުރިމަތިވެ އެވެ.

2016 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތެރެއިން ޓީމުގެ ހޮޓެލްތެރޭގައި ފްރާންސްގެ ދެ ކުޅުންތެރިން ކަމަށްވާ ގްރީޒްމަން (ވ) އާއި ޕޮގްބާ ނަގާފައިވާ ސެލްފީއެއް.---

2016 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތެރެއިން ޓީމުގެ ހޮޓެލްތެރޭގައި ފްރާންސްގެ ދެ ކުޅުންތެރިން ކަމަށްވާ ގްރީޒްމަން (ވ) އާއި ޕޮގްބާ ނަގާފައިވާ ސެލްފީއެއް.---

ވީއޭއާރް މޮނިޓާ ކުރުން

މި ފަހަރު ވޯލްޑް ކަޕްގައި މުޅިން އަލަށް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ބޭނުންކުރަން ނިންމާފައިވާއިރު، މި ކަމާ މެދު އެކި ޓީމުތަކުގެ ހިޔާލު ތަފާތެވެ. ބައެއް ގައުމުތަކުން ބުނަނީ ރީޕްލޭ ބެލުމަށް ފަހު ގިނަ ނިންމުންތަކެއް ނިންމާތީ މެޗުގެ ކުޅުން މެދުކެނޑި ލަސްވުމުގެ މައްސަލަ އުޅޭނެތީ އޭގެ ސަބަބުން މެޗަށް އަސަރުކުރާ ކަމަށެވެ. އަނެއް ބައި ޓީމުތަކުން ބުނާ ގޮތުގައި ވީއޭއާރްގެ ސަބަބުން މެޗުގެ ނަތީޖާތައް އިންސާފުވެރިވާނެތީ އޭގެ މުހިންމުކަން ބޮޑެވެ. ފީފާއިން ވަނީ މި ފަހަރުގެ ވޯލްޑް ކަޕަށް 13 ވީޑިއޯ އެސިސްޓަންޓް ރެފްރީން ހަމަޖައްސައިފަ އެވެ.