Roadha Mihaaru
32 އަހަރު ކުރިން ވަކިކުރި މެމްބަރަކު ކޯޓަށް

މެމްބަރުކަމުން 32 އަހަރު ކުރިން ވަކިކުރި މީހަކު ބަދަލު ހޯދަން ދައުވާކުރަނީ

24 ޖުލައި 2016

މީގެ 32 އަހަރު ކުރިން ރައްޔިތުންގެ މަޖިލީހުގެ ނ. އަތޮޅު މެމްބަރަކަށް ހުއްޓާ މެމްބަރުކަމުން ވަކިކުރި މީހަކު ބަދަލު ހޯދަން ދައުލަތާ ދެކޮޅަށް ދައުވާކޮށްފި އެވެ.

މީގެ 32 އަހަރު ކުރިން ރައްޔިތުންގެ މަޖިލީހުގެ ނ. އަތޮޅު މެމްބަރަކަށް ހުއްޓާ މެމްބަރުކަމުން ވަކިކުރި މީހަކު ބަދަލު ހޯދަން ދައުލަތާ ދެކޮޅަށް ދައުވާކޮށްފި އެވެ.

ހުޅުމާލޭ ފްލެޓް 03-01-04، ހުސައިން އާދަމް ހައި ކޯޓުގައި ދައުވާކުރައްވަނީ 1982 ވަނަ އަހަރު އޭރުގެ މަޖިލީހުގެ ނ. އަތޮޮޅު މެމްބަރުކަމުގެ މަގާމުގައި ހުއްޓާ އެ މަގާމުން އޭނާ ވަކި ކުރިއިރު ނުލިބިވާ މުސާރަ އާއި ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 19 މިލިއަން ރުފިޔާ ހޯދުމަށެވެ.

ބައި އިލެކްޝަނަކުން މެމްބަރުކަން ލިބިފައި ވަނިކޮށް ހުސަައިން މެމްބަރުކަމުން ވަކިކުރީ އޭރުގެ ގައުމީ އެއާލައިން އެއާ މޯލްޑިވްސްގެ ފައިސާގެ މައްސަލައެއްގައި އޭނާ ހައްޔަރުކޮށް، ބަންދުގައި ހުއްޓަ އެވެ. މެމްބަރުކަމުގެ އިތުރުން ސަރުކާރުގެ އެހެން ވަޒީފާއެއް ވެސް އޭރު އަދާކުރެއްވި ހުސައިން ހަތް މަހާއި 17 ދުވަސް ވަންދެން ބަންދުގައި ހުއްޓެވެ.

އޭރުގެ ގާނޫނު އަސާސީ އޮންނަ ގޮތުން މަޖިލީހުގެ ރައީސްގެ ހުއްދަ ނެތި ދެ ދައުރު ޖަލްސާތަކަށް ހާޒިރު ނުވެއްޖެ ނަމަ މެމްބަރުކަމުން ވަކިވާނެ އެވެ. އެ މައްސަލާގައި ހުސައިން ބަންދުގައި ހުރުމުން މަޖިލީހުގެ ދެ ދައުރުގެ ޖަލްސާތަކަށް އޭނާ ހާޒިރު ނުވެވި މެމްބަރުކަމުން ވަކިކުރީ އެވެ.

އެ މައްސަލަ ހުސައިންގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން މިދިޔަ އަހަރު ނިންމާފައި ވަނީ ބަދަލު ނަގައިދެވެން ނެތް ކަމަށެވެ. އެ މައްސަލަ ހުސައިންގެެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުގައި މިއަދު ވަނީ އެ މައްސަލައިގެ ޝަރީއަތް ފަށައިފަ އެވެ.

ވަކީލަކާ ނުލައި، އަމިއްލައަށް ޝަރީއަތުގައި ވާހަކަ ދައްކަވަމުން ހުސައިން ވިދާޅުވީ އޭނާ ބަންދުގައި ބެހެއްޓީ އޭރު ރައީސް އޮފީހުން އަންގައިގެން އޭރުގެ ޑިފެންސް މިނިސްޓްރީން ކަމަށާއި އެހެންވެ ޖަލްސާތަކަށް ހާޒިރު ނުވެވޭނެ ކަމަށް ބުނެ މަޖިލީހުގެ ރައީސްގެ ހުއްދައެއް ހޯދަން ނުޖެހޭނެ ކަމަށެވެ. އަދި އޭނާ ހައްޔަރުކުރީ ސިޔާސީ މައްސަލައެއްގައި ކަމަށާއި އެ މައްސަލާގައި ހަތް މަސް ވަންދެން ބަންދުގައި ހުރިއިރު އެއްވެސް ސުވާލެއްކޮށް، ތަހުގީގެއް ނުކުރާ ކަމަށް ހުސައިން ވިދާޅުވި އެވެ.

އެ ވާހަކަ އަށް ރައްދު ދެއްވައި، ދައުލަތުގެ ވަކީލާ ވިދާޅުވީ މަޖިލީހަށް ހާޒިރު ނުވެވޭ ނަމަ އޭރު ސަބަބު އަންގަންޖެހޭނެ ކަމަށާއި ހުސައިން އެގޮތަށް އަމަލުކުރައްވާފައި ނުވާ ކަމަށެވެ. އަދި އެކަން އޭނާގެ ފަރާތުން އެހެން މީހަކު ވެސް އަންގާފައި ނެތް ކަމަށެވެ. އަދި ހުސައިން ބަންދުކުރި ކުރުން ރަނގަޅުތޯ ނުވަތަ ނޫންތޯ މި މައްސަލައިގެ ތެރޭގައި ނުބެލޭނެ ކަމަށާއި މި މައްސަލާގައި ބަލަންޖެހޭނީ އެ ބަދަލު ނަގައިދޭންޖެހޭތޯ ނުވަތަ ނޫންތޯ ކަމަށް ވަކީލާ ވިދާޅުވި އެވެ.

މީގެ އިތުރުން 19 މިލިއަން ރުފިޔާގެ ބަދަލު ހިސާބުކޮށްފައިވާ ގޮތް ވެސް ސާފުނުވާކަން ދައުލަތުން ފާހަގަކުރި އެވެ. ޖަވާބުގައި ހުސައިން ވިދާޅުވީ އެ 19 މިލިއަން ރުފިޔާއަކީ އޭނާ މެމްބަރުކަމުގައި ހުރި މުއްދަތަށް ލިބެންޖެހޭ މުސާރަ އާއި އޭނާ ބަންދު ކުރުމުގެ ސަބަބުން އޭނާގެ ވިޔަފާރިއަށް ލިބުނު ގެއްލުމުގެ ބަދަލު ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗުން ގިނަ ސުވާލުތަކެއް ހުސައިންއާ ކުރިމަތި ކުރިޔަސް އޭގެ ފަހުން ގިނަ ދުވަސްތަކެއް ފާއިތުވެފައިވާތީ ގިނަ ސުވާލުތަކަށް ހުސައިނަށް ޖަވާބެއް ނުދެވުނެވެ.

އެގޮތުން މެމްބަރުކަމުން ހުސައިން ވަކިވިއިރު ދައުރުގައި ކިހާ ދުވަހެއް ބާކީ އޮތްތޯ އާއި އޭރު ލިބުނު މުސާރަ އަކީ ކިހާ ވަރެއްތޯ ފަނޑިޔާރުންގެ ބެންޗުން ސުވާލު ކުރެއްވި އެވެ. އެކަމަކު އެ ސުވާލުތަކަށް ޔަގީންކަމާ އެކު ޖަވާބެއް ނުދެއްވުނެވެ. އޭނާ ވިދާޅުވަނީ "އަނެއްހެން މާ ބޮޑަކަށް ހަނދާނެއް ނެތް" ކަމަށެވެ. އޭރު މެމްބަރުން މުސާރައަކީ 2،000 އެއްހާ ރުފިޔާ ކަމަށް ވެސް ވިދާޅުވި އެވެ.

ހާދިސާ ހިނގިތާ އެތައް އަހަރުތަކެއް ފާއިތުވި ފަހުން ދައުވާކުރީ ކީއްވެގެންތޯ ފަނޑިޔާރުން ސުވާލު ކުރެއްވުމުން ހުސައިން ވިދާޅުވީ އެއީ ދައުލަތުން ލިބެެންޖެހޭ ލިޔުންތައް ނުލިބިގެން ކަމަށެވެ. އޭނާ އެއްވެސް އިރަކު ބަންދެއް ނުކުރާ ކަމަށް ފުލުހުންނާއި ސިފައިން ޖަވާބު ދީފައިވާ ކަމަށާއި އެކަމަކު އޭނާ ބަންދު ކުރިކަމުގެ ހެކިން އެބަތިބި ކަމަށް ހުސައިން ވިދާޅުވި އެވެ.

މީގެކުރިން 2003 ގައި މި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނަށް ވެސް ހުށަހެޅި ކަމަށާއި އަދި ކަމާބެހޭ ފަރާތްތަކުން ލިޔުންތައް ހޯދަން ގިނަ ދުވަސްތަކެއް ވުމުން ދައުވާކުރުން ލަސްވީ ކަމަށް ހުސައިން ވިދާޅުވި އެވެ. އަދި އޭނާ މެމްބަރުކަމުން ވަކި ކުރުމުގައި އުޅުނު ބައެއް މީހުން ސަރުކާރުގައި ކުރިން ތިބުމަކީ ވެސް ދައުވާކުރުން ލަސްވި ސަބަބެއް ކަމަށް ހުސައިން ވިދާޅުވި އެވެ.

ހުސައިން މެމްބަރުކަމުން ވަކިކުރުމާ ހަމައަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް އޭނާއަށް ދީފައިވޭތޯ ސާފު ކުރުމަށް ފަހު އެކަން އެންގުމަށް ފަނޑިޔާރުން ވަނީ ދައުލަތަށް އަންގަވައިފަ އެވެ.

ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި ފަނޑިޔާރު އަބްދުﷲ ހަމީދު އަދި ފަނޑިޔާރު އަލީ ސަމީރު ބައްލަވާ އެ މައްސަލައިގެ މިއަދުގެ އަޑުއެހުން ނިންމާލީ އިތުރު އަޑުއެހުމެއް ބާއްވާނެ ކަން އިއުލާން ކުރުމަށް ފަހު އެވެ.