Roadha Mihaaru
ވޯޓާ ހިސާބުން ރައްޔިތުންގެ ބާރު ނިމުނީތަ؟

ވޯޓާ ހިސާބުން ރައްޔިތުންގެ ބާރު ނިމުނީތަ؟ ދެން ކުރެވޭނީ ކޮން ކަމެއް؟

13 ފެބުރުއަރީ 2019

ރައްޔިތުންގެ މަޖިލިސް އިންތިޚާބު ބޯމަތިވުމާ އެކު މި ދުވަސްވަރު ހުރިހާ ދިމާލަކުން ވެސް އެންމެ ބޮޑަށް އިވެނީ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރުމާއި ތަރައްގީ އާއި ކުރިއެރުން ރައްޔިތުންނަށް ގެނެސް ދޭނެކަމުގެ ވައުދުތަކެވެ. އަނެއްކޮޅުން، އިވެނީ ނަޒާހަތްތެރި އަދި ތެދުވެރި މީހުން މަޖިލީހަށް ހޮވަން ގޮވާލާ ކެމްޕެއިންތަކެވެ. ފައިސާ އާއި އެ ނޫން ވެސް މާލީ އެހީތަކަށް ނުހެއްލި އެންމެ ގާބިލް ކެންޑިޑޭޓުންނަށް ފުރުސަތު ދިނުމުގެ ވާހަކަތަކެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލިސް އިންތިޚާބު ބޯމަތިވުމާ އެކު މި ދުވަސްވަރު ހުރިހާ ދިމާލަކުން ވެސް އެންމެ ބޮޑަށް އިވެނީ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރުމާއި ތަރައްގީ އާއި ކުރިއެރުން ރައްޔިތުންނަށް ގެނެސް ދޭނެކަމުގެ ވައުދުތަކެވެ. އަނެއްކޮޅުން، އިވެނީ ނަޒާހަތްތެރި އަދި ތެދުވެރި މީހުން މަޖިލީހަށް ހޮވަން ގޮވާލާ ކެމްޕެއިންތަކެވެ. ފައިސާ އާއި އެ ނޫން ވެސް މާލީ އެހީތަކަށް ނުހެއްލި އެންމެ ގާބިލް ކެންޑިޑޭޓުންނަށް ފުރުސަތު ދިނުމުގެ ވާހަކަތަކެވެ.

ކޮންމެ އިންތިޚާބަކާ ދިމާކޮށް މި އަޑުތައް އޮންނަނީ ގަދަވެފަ އެވެ. އެކަމަކު ރައްޔިތުންގެ ބާރުގެ ވާހަކަ ނިންމާލަން ޖެހެނީ ކޮންމެ ފަސް އަހަރަކުން އެއް ފަހަރު ދޭ ވޯޓާ ހިސާބުންތޯ މިއީ އުފެދޭ ސުވާލެކެވެ.

ރާއްޖޭގައި އިތުރުވަމުންދާ އާބާދީއާ އެކު ކޮންމެ އިންތިހާބެއްގައި މަޖިލިސް މެމްބަރުންގެ އަދަދު އެބަ އިތުރުވެ އެވެ. ކޮންމެ 5،000 ރައްޔިތަކަށް މެމްބަރެއްގެ ނިސްބަތުން 85 މެމްބަރުން މިހާރު ތިބިއިރު، އާ މަޖިލިހުގައި އެ އަދަދު 87 އަށް އިތުރުވާނެ އެވެ. އާބާދީގެ ނިސްބަތުން ދުނިޔޭގެ އެންމެ ބޮޑު ރައްޔިތުންގެ މަޖިލިހެއް މި އޮތީ ރާއްޖޭގަ އެވެ. އެކަމަކު އެ މަޖިލީހުގައި ރައްޔިތުން ތަމްސީލުކުރޭތޯ އެވެ؟

މެމްބަރުންގެ މުސާރަ އާއި އިނާޔަތްތައް އެހާ ބޮޑެވެ. އެހެންކަމުން ނިސްބަތުން އެންމެ ބޮޑު ހޭދައެއް ދައުލަތުން ކުރާ އެއް ދާއިރާއަކީ ވެސް އެ އެވެ.

މަޖިލިސްގެ އިންތިޚާބު ކައިރިވުމާ އެކު، ސަރުކާރު ކޯލިޝަންގައި ޚިޔާލު ތަފާތުވުން އުފެދުނީ މަޖިލީހުގެ ގޮނޑިތައް ބަހާނެ ގޮތާ މެދު އެވެ. ކޯލިޝަންގެ ބޮޑެތި ޕާޓީތަކުން އެކަމުގައި އެއްގަލަކަށް ނޭރި، އެންމެ ފަހުން ކޯލިޝަން ރޫޅިދާނެ ކަމުގެ ބިރު ހީވާ ހިސާބަށް މި އޮތީ ގޮހެވެ. މިއީކީ އާ ކަމެއް ނޫނެވެ.

އާ ގާނޫނު އަސާސީގެ ދަށުން ވޭތުވެދިޔަ ކޮންމެ ރިޔާސީ އިންތިޚާބަކަށް ފަހު ވެސް އާ ސަރުކާރެއް އުފެދުމާ އެކު ދެން ފެންނަނީ މި މަންޒަރެވެ. ގޮނޑިތައް ބަހާނެ ގޮތްތަކެއް ކަނޑަނޭޅި ނުވަތަ ކޯލިޝަން އެއްބަސްވުމާ ކޮންމެވެސް ބަޔަކު ޚިލާފްވެގެން މަސްރަހު ހަލަބޮލިވެ އެވެ. ރައްޔިތުން ތަމްސީލުކުރާ އެންމެ ބޮޑު ބާރުގެ އަޣުލަބިއްޔަތު ދޭނީ ކޮން ބަޔަކަށްތޯ ކަނޑައެޅުމުގައި އަބަދުވެސް އޮންނަނީ ޕާޓީތަކުގެ ހަމަނުޖެހުންތަކެވެ.

ގިނަ ޕާޓީތައް އެކުލެވޭ ނިޒާމެއްގައި ޕާޓީތަކުން މަޖިލީހަށް ވާދަކުރުމާއި މަޖިލީހުގެ އަޣުލަބިއްޔަތު ވަކި ޕާޓީއަކަށް ލިބުމަކީ އޭގެ ޒާތުގައި މައްސަލައެއް ނޫނެވެ. އަޣުލަބިއްޔަތު ލިބުމާއި ނުލިބުން އެއީ އަދި ވަކި ކަމެކެވެ. މައްސަލައަކަށް ވަނީ އަޣުލަބިއްޔަތު ލިބުމާ އެކު، ރައްޔިތުން ހަވާލުކުރާ ޒިންމާތަކާ ޚިލާފްވެ، ރައްޔިތުންނަށް ވުރެ ޕާޓީ އިސްކުރާ ހިސާބުންނެވެ. ވޭތުވެދިޔަ ކޮންމެ މަޖިލީހެއްގައި ވެސް ފެނުނީ އެ މަންޒަރެވެ. ކޮންމެ ޕާޓީއަކުން ވެސް މަޖިލީހުގެ އަޣުލަބިއްޔަތު ބޭނުން ކުރަނީ އެ ޕާޓީއަކަށް މޮޅުވާ ގޮތަށެވެ.

ގާނޫނު އަސާސީގެ ހަތަރު ވަނަ މާއްދާގައި ބުނެފައިވަނީ "ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އަދި މި ބާރުތައް ދެމި އޮންނާނީ ވެސް ރައްޔިތުންގެ ކިބައިގަ އެވެ،" މިފަދައިންނެވެ. ތެދެކެވެ. ގާނޫނު އަސާސީ އޭގެ ޒާތުގައި އެކުލެވިފައި އޮތް ގޮތުން ދައުލަތުގެ ކޮންމެ ބާރެއް ވެސް އޮންނަނީ ކޮންމެވެސް ހިސާބަކުން ރައްޔިތުންނާ ހަމައިންނެވެ.

ވެރިކަން ހިންގުމުގެ ބާރު ލިބިގެންވާ ރައީސުލް ޖުމްހޫރިއްޔާ އިންތިޚާބު ކުރަނީ ސީދާ ރައްޔިތުންގެ ވޯޓަކުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެމްބަރުންނަކީ ވެސް ސީދާ ރައްޔިތުންގެ ވޯޓަކުން އިންތިޚާބު ކުރާ ބައެކެވެ. ތިން ބާރު ކަމަށްވާ ޝަރުއީ ދާއިރާ އާއި ދައުލަތުގެ މިނިވަން މުއައްސަސާތަކަށް މީހުން އައްޔަން ކުރުމުގައި ސީދާ ރައްޔިތުންގެ ބައިވެރިވުން ނެތަސް، ނުސީދާ ގޮތެއްގައި އެކަމުގައި ރައްޔިތުންގެ ބައިވެރިވުން އޮންނަނީ މަޖިލީހުގެ ތެރެއިންނެވެ.

ގާނޫނު އަސާސީގައި އެކަން ކިތަންމެ ފުރިހަމައަށް ލިޔެފައި އޮތަސް، ރައްޔިތުން ތަމްސީލުކުރާ އެންމެ ބޮޑު ބާރުގައި އެކަން ހިނގަނީ އެހާ ޒިންމާދާރު ގޮތަކަށެއް ނޫނެވެ.

މަޖިލީހަށް ބޮޑެތި ބާރުތަކެއް ގާނޫނު އަސާސީން ދީފައި އެބަ އޮތެވެ. ރައީސުލް ޖުމްހޫރިއްޔާގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގައި މަގާމުން ދުރުކުރުމުގެ ބާރު އޮވެ އެވެ. ވަޒީރުންނާއި މިނިވަން މުއައްސަސާތަކުގެ ބޭފުޅުން ޖަވާބުދާރީކޮށް، ނުވަތަ މަގާމުން ދުރުކުރުމުގެ ބާރު ވެސް ލިބެ އެވެ.

މިވަރުން ނިމުނީކީއެއް ނޫނެވެ. މެމްބަރުންގެ މަސައްކަތްތަކާ ގުޅޭ ގޮތުން ޚާއްސަ އިމްތިޔާޒްތަކާއި ބާރުތަކެއް ވެސް ގާނޫނު އަސާސީން އޮތީ ދީފަ އެވެ. އިސްލާމްދީނުގެ އަސްލަކާ ޚިލާފްނުވާ ގޮތަށް، އެ މެމްބަރަކަށް ފެންނަ ގޮތަކަށް މަޖިލީހުގައި ވާހަކަ ދެއްކެ އެވެ. ބޭނުން ގޮތަކަށް މަޖިލީހުގައި ވޯޓު ދެވެ އެވެ. އަދި އެއިން ކަމަކާ ގުޅޭ ގޮތުން އެއްވެސް ފިޔަވަޅެއް މެމްބަރަކާ މެދު ނޭޅެ އެވެ. މި ހުރިހާ އިމްތިޔާޒްތަކެއް ދީފައި އޮތީ ވެސް އެންމެ ސަބަބަކަށްޓަކަ އެވެ. އެއްވެސް ނުފޫޒެއް ނެތި، މަޖިލީހުގައި މަސައްކަތް ކުރުމުގެ ފުރުސަތު ދިނުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ: މަޖިލިސް ބޮޑު އެކަމަކު ރައްޔިތުން ތަމްސީލުކުރެވޭ ބާ؟ -- ފޮޓޯ/މަޖިލިިސް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ: މަޖިލިސް ބޮޑު އެކަމަކު ރައްޔިތުން ތަމްސީލުކުރެވޭ ބާ؟ -- ފޮޓޯ/މަޖިލިިސް

އެކަމަކު މެމްބަރަކު މަޖިލީހަށް ހޮވުމަށް ފަހު އެ މެމްބަރަކު ޖަވާބުދާރީ ކުރުވޭނެ އެއްވެސް ގޮތެއް ރައްޔިތުންނަކަށް ނެތެވެ. މެމްބަރަކު މަގާމާ އެކަށީގެންނުވާ އަމަލެއް ކުރެއްވިޔަސް، ނުވަތަ ރައްޔިތުންގެ ފިކުރާ ދެކޮޅަށް މަޖިލީހުގައި މަސައްކަތް ކުރެއްވިޔަސް، ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން އެ މެމްބަރެއްގެ ގޮނޑި ނުގެއްލޭހާ ހިނދަކު ކުރެވޭނެ މާ ބޮޑު ކަމެއް ނޯވެ އެވެ. ރައްޔިތުންނަށް އޮންނަ ހަމައެކަނި ގޮތަކީ ފަސް އަހަރުން އެއް ފަަހަރު އިންތިޚާބެއް އަންނަންދެން މަޑުކުރުމެވެ.

ކުރިއަރާފައިވާ ބައެއް ގައުމުތަކުގައި މެމްބަރުން ރައްޔިތުންގެ ފިކުރާ ދެކޮޅަށް މަސައްކަތް ކުރާ ނަމަ، ދައުރު ހަމަވުމުގެ ކުރިން މަގާމުން ދުރުކުރުމުގެ ބާރު ރައްޔިތުންނަށް އޮވެ އެވެ. އެއީ މެމްބަރަކު އިތުރަށް މަގާމުގައި ނުބަހައްޓަން ރައްޔިިތުންނަށް ފެންނަ ކަމަށް ބުނެ ވަކި އަދަދެއްގެ ރައްޔިތުންގެ ސޮޔާ އެކު ޕެޓިޝަނެއް ހުށަހެޅުމުން، އެ މެމްބަރަކު މަގާމުގައި ބަހައްޓަން ފެނޭތޯ ނުވަތަ ނޫންތޯ ބެލުމަށް ރިކޯލް ވޯޓެއް ނެގުމެވެ. އިނގިރޭސިވިލާތާއި އެމެރިކާގެ ބައެއް ސްޓޭޓްތަކާއި އެހެން ބައެއް ގައުމުތަކުގައި މިިހާރު ވެސް މި ނިޒާމު އޮވެ އެވެ.

މިދިޔަ އަހަރު އެމެރިކާގެ ކެލިފޯނިއާ ސްޓޭޓްގެ ސެނެޓަރަކު ރިކޯލް ވޯޓެއް ނަގައި މަގާމުން ދުރުކުރީ އެ ސްޓޭޓްގައި ތެލާއި އުޅަނދުތަކުން ނަގާ ޓެކްސް ބޮޑުކުރަން އޭނާ ވޯޓު ދެއްވުމުންނެވެ. ސެނެޓަރުންގެ އިތުރުން މޭޔަރުންނާއި އެކި ސްޓޭޓްތަކުގެ ގަވަރުނަރުން ވެސް ރިކޯލް ވޯޓު ނަގައި، މަގާމުން ދުރުކުރެ އެވެ.

އިނގިރޭސިވިލާތުގައި ރިކޯލް ވޯޓަކުން މެމްބަރުން ވަކިކުރެވޭ ގޮތަށް 2015 ގައި ފާސްކުރި ގާނޫނުގެ ދަށުން ތިން ހާލަތެއްގައި އެކަން ކުރެވެ އެވެ. އެ ގައުމުގައި އެއް އަހަރަށް ވުރެ ދިގު ހުކުމެއް އައުމުން މެމްބަރުކަން ގެއްލެ އެވެ. އެކަމަކު މެމްބަރަކަށް އެއަށް ވުރެ ކުޑަ ހުކުމެއް އަތުވެއްޖެ ނަމަ، ރިކޯލް ވޯޓަކަށް ދާން ޖެހެ އެވެ. އަދި ސުލޫކީ މައްސަލައެއްގައި މެމްބަރަކު މަޖިލީހުން ސަސްޕެންޑް ކޮށްފި ނަމަ ނުވަތަ މާލީ ބަޔާން ހުށަހެޅުމުގައި ދޮގު މައުލޫމާތު ދިންކަން ސާބިތުވެއްޖެ ނަމަވެސް، ރިކޯލް ވޯޓަކަށް ދާނެ އެވެ. ރިކޯލް ވޯޓުގައި އެ މެމްބަރަކު ވަކިކުރަން ފެންނަ ކަމަށް ވަކި އަދަދެއްގެ ރައްޔިތުން ވޯޓު ދީފި ނަމަ، އެ މެމްބަރެއްގެ ގޮނޑި ގެއްލުނީ އެވެ.

އެ ގާނޫނުގެ ދަށުން އިނގިރޭސިވިލާތުގައި ނެގި ފުރަތަމަ ރިކޯލް ވޯޓު އަމާޒުވީ މެމްބަރަކު ބޭރު ގައުމެއްގެ ސަރުކާރުގެ ޚަރަދުގައި އަގު ބޮޑު ޗުއްޓީއެއް ހޭދަކުރުމަށް ފަހު، އޮންނަ އުސޫލުތަކުގެ ތެރެއިން އެކަމުގެ ތަފްސީލުތައް މަޖިލީހަށް ހާމަނުކުރި މައްސަލާގައި ނެގި ވޯޓެވެ. އެ މައްސަލާގައި އެ މެމްބަރު 30 ދުވަހަށް ސަސްޕެންޑް ކުރުމާ އެކު، ގާނޫނުގައިވާ ގޮތުގެ މަތިން ރިކޯލް ވޯޓަކަށް ދިޔަ އެވެ. އެކަމަކު ރިކޯލް ވޯޓުގައި އޭނާ ވަކިކުރަން ބޭނުންވާ މިންވަރަށް ވޯޓު ނުލިބުމުން މެމްބަރުކަން ނުގެއްލުނެވެ.

މިފަދަ ނިޒާމެއް ރާއްޖެއަށް ތައާރަފް ކޮށްފި ނަމަ، ނުކުމެދާނެ އެއް މައްސަލައަކީ ދައުރު ހަމަވުމުގެ ކުރިން ރިކޯލް ވޯޓުތަކާ ގުޅިގެން ކުރަން ޖެހޭ ޚަރަދުތަކެވެ. ޚާއްސަކޮށް، ރާއްޖެ ފަދަ ގައުމެއްގައި އެފަދަ ބޮޑު މާލީ ބުރައެއް އުފުލުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެކަމަކު މިހާތަނަށް ކުރެވުނު ތަޖުރިބާތަކަށް ބަލާއިރު، އަދި މަޖިލީހުގައި ކަންކަން ހިނގާ ގޮތަށް ބަލާއިރު މި ބާރު ރައްޔިތުންނަށް ދިނުން ނޫން ގޮތެއް އެބަ އޮތްތޯ އެއީ ވެސް ވިސްނާލުން މުހިންމު ކަމެކެވެ.

ރިކޯލް ވޯޓުގެ ނިޒާމު ގެނައުމަކީ ވޭތުވެދިޔަ ތަނުގެ ތަޖުރިބާގައި ކިތަންމެ މުހިންމު ކަމެއް ކަމަށް ވިޔަސް، މި ބަދަލު ގެނެވޭނީ ގާނޫނު އަސާސީ އިސްލާހު ކޮށްގެންނެވެ. އެކަމަށް މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް ވެސް ބޭނުންވެ އެވެ. އެހެންވެ، ހަމަގައިމު ވެސް މަޖިލީހުގެ ބޮޑެތި ޕާޓީތަކުގެ ތާއީދު އެކަމަށް ބޭނުންވާނެ އެވެ. އެހެންކަމުން ސުވާލަކީ ހަގީގީ ބާރު ރައްޔިތުންނަށް ދޭ މިފަދަ ނިޒާމެއް ރާއްޖެ ގެންނަން މަޖިލީހުގެ ތެރެއިން ތާއީދު ލިބިދާނެތޯ އެވެ.