Roadha Mihaaru
ރޯދަމަހު ވަގުތީ ގޮތުން ޒިޔާރަތް މިސްކިތް ބޭނުންކުރާނެ

ރޯދަމަހު ވަގުތީ ގޮތުން ޒިޔާރަތް މިސްކިތް ބޭނުންކުރާނެ

10 މެއި 2018

މާލޭގައި މިހާރު އިމާރާތް ކުރަމުން އަންނަ ޒިޔާރަތް މިސްކިތުގައި ރޯދަ މަހުގެ ތެރޭގައި ވަގުތީ ގޮތުން ބޭނުންކުރަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މާލޭގައި މިހާރު އިމާރާތް ކުރަމުން އަންނަ ޒިޔާރަތް މިސްކިތުގައި ރޯދަ މަހުގެ ތެރޭގައި ވަގުތީ ގޮތުން ބޭނުންކުރަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ރައީސް އަބްދުﷲ ޔާމީން ދިރިއުޅުއްވާ ހިލާލީގޭގެ އުތުރުން ހުންނަ އެ މިސްކިތް ތަޅާލައި ދެ ބުރި އަށް އިމާރާތް ކުރުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި އެވެ. މިހާރު ވަނީ އިމާރާތް ކުރުމުގެ ބޮޑުބައެއް ނިމިފަ އެވެ. ޔުނިވާސަލް އެންޓަޕްރައިޒަސްގެ އެހީގައި އިމާރާތް ކުރާ އެ މިސްކިތުގެ ހުރިހާ މަސައްކަތެއް ރޯދަ މަހަށް ނުނިމޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލް މުހައްމަދު އަހުސަން މިއަދު ވިދާޅުވީ މިސްކިތުގެ ހުރިހާ މަސައްކަތެއް ނުނިމުނަސް ރޯދަ މަހުގެ ފުރަތަމަ ދުވަހުގެ މެންދުރު ނަމާދުން ފެށިގެން އެ މިސްކިތުގައި ނަމާދު ކުރާނެ ކަމަށެވެ.

"ރޯދަ މަސް ނިމެންދެން އެ މިސްކިތުގައި ނަމާދު ކުރުމުގެ އިންތިޒާމް ހަމަޖެއްސުމަށް އަންނަނީ މަސައްކަތް ކުރަމުން،" އަހްސަން ވިދާޅުވި އެވެ.

އަދި ރޯދަ މަސް ނިމުމުން އެ މިސްކިތް އަލުން ބަންދުކުރާނެ އެވެ.

ރޯދަ މަސް ފެށެންވާ އިރަށް މިސްކިތްތައް މަރާމާތު ކުރުމުގެ މަސައްކަތްތައް މިހާރު އަންނަނީ ކުރަމުންނެވެ.

ސަރުކާރުގެ ހަރަދުގަ އާއި ހެޔޮއެދޭ ފަރާތްތަކުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ އެކި ރަށްރަށުގައި މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށް އެބަ ދެ އެވެ. ސައޫދީ ސަރުކާރުގެ ހިލޭ އެހީގައި ބައެއް ރަށްރަށުގައި އަންނަނީ މިސްކިތް އިމާރާތް ކުރަމުންނެވެ.