Roadha Mihaaru
ބާސެލޯނާ އަށް ގްރީޒްމަން ޔަގީންކަމެއް ނުދޭ: ރައީސް

ބާސެލޯނާ އަށް ގްރީޒްމަން ޔަގީންކަމެއް ނުދޭ: ރައީސް

08 މެއި 2018

ބާސެލޯނާ (މެއި 8) - އަންނަ ސީޒަނުގައި ބާސެލޯނާއާ ގުޅޭނެ ކަމުގެ ޔަގީންކަމެއް އެތުލެޓިކޯ މެޑްރިޑުގެ ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން މިހާތަނަށް ދީފައިނުވާ ކަމަށް ބާސެލޯނާގެ ރައީސް ޖޯސެފް ބާޓޮމެއު ވިދާޅުވެއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ބާސެލޯނާ (މެއި 8) - އަންނަ ސީޒަނުގައި ބާސެލޯނާއާ ގުޅޭނެ ކަމުގެ ޔަގީންކަމެއް އެތުލެޓިކޯ މެޑްރިޑުގެ ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން މިހާތަނަށް ދީފައިނުވާ ކަމަށް ބާސެލޯނާގެ ރައީސް ޖޯސެފް ބާޓޮމެއު ވިދާޅުވެއްޖެ އެވެ.

އެތުލެޓިކޯ މެޑްރިޑާ އެކު ގްރިޒްމަން ހަދާފައިވާ ކޮންޓްރެކްޓުގައި ބުނާ ގޮތުން 100 މިލިއަން ޔޫރޯގެ އަގެއް ދީފި ނަމަ އެ ކްލަބުން އޭނާ ދޫކޮށްލަން ޖެހެ އެވެ. މިއީ ދުނިޔޭގެ ފުޓްބޯޅައިގެ ޓްރާންސްފާގެ އަގުތަކަށް ބަލާއިރު ނިސްބަތުން ބޮޑު އަދަދެއް ނޫނެވެ.

ބާސެލޯނާ އިން ގްރީޒްމަން ގެންނަން ދޭން ޖެހޭ އަގު ދައްކަން ތައްޔާރަށް އޮތްއިރު، އޭނާގެ އޭޖެންޓާ ބާސެލޯނާގެ ރައީސް ބާޓޮމެއުއާ މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި ބައްދަލުވި ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

"މިދިޔަ އޮކްޓޫބަރު މަހު ގްރީޒްމަންގެ އޭޖެންޓާ އަހަރެން ދިމާވި. އެކަމަކު އެ ބައްދަލުވުމުގައި އެއްވެސް ޔަގީންކަމެއް ނުދޭ. އަހަރެމެން ވާހަކަ ދެއްކިން،" ބާޓޮމެއު ވިދާޅުވި އެވެ.

މިދިޔަ ޑިސެމްބަރު މަހު އެތުލެޓިކޯގެ ރައީސް އެންރިކޭ ކެރެޒޯ ވަނީ ބާސެލޯނާ އިން ގްރީޒްމަނަށް ނުފޫޒު ފޯރުވާކަމަށް ބުނެ ފީފާ އަށް މައްސަލަ ހުށަހަޅައިފަ އެވެ. އެ މައްސަލަ ފީފާ އިން ރަސްމީ ސިފައެއްގައި ބަލާފައެއް ނުވެ އެވެ. އޭގެ ފަހުން ކެރެޒޯ ވިދާޅުވީ ގްރީޒްމަން އެ ކްލަބުގައި މަޑުކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

އުމުރުން 27 އަހަރުގެ ގްރީޒްމަން ވަނީ މި ސީޒަނުގައި މިހާތަނަށް ކުޅުނު 51 މެޗުން 30 ގޯލު ޖަހައިފަ އެވެ. އެތުލެޓިކޯ ވަނީ މި ސީޒަނުގެ ޔޫރޮޕާ ލީގުގެ ފައިނަލަށް ދަތުރުކޮށްފަ އެވެ. ގްރީޒްމަން ދާދި ފަހުން ފްރާންސްގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ޔޫރޮޕާ ލީގުގެ ފައިނަލަށް ފަހު ވޯލްޑް ކަޕް ފެށުމުގެ ކުރިން މުސްތަގުބަލާ ގުޅޭގޮތުން ގޮތެއް ނިންމާނެ ކަމަށެވެ.

ގްރީޒްމަން ގޮސްފިނަމަ އެތުލެޓިކޯ އިން ފާރަލާނެ ކަމަށް ބެލެވެނީ ޔުވެންޓަސް އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ޕައޮލޯ ޑީބަލާ އަށެވެ.