Roadha Mihaaru
ޒުވާނުން މަސައްކަތް ނުކުރާ އެއް ސަބަބު: ބަލިވުން

ޒުވާނުން މަސައްކަތް ނުކުރާ އެއް ސަބަބު: ބަލިވުން

17 މެއި 2018

ދިރިއުޅެން މަސައްކަތެއް ނުކޮށް ޒުވާނުން ތިބޭ ތަން ފެންނަނީ ކީއްވެގެން ހެއްޔެވެ؟ ކަންނެތީ ހެއްޔެވެ؟ ވަޒީފާއެއް ނުލިބެނީ ހެއްޔެވެ؟ އެންމެ ފަހުގެ ބޯހިމެނުމަށް ބިނާކޮށް ޒުވާނުންގެ ހާލަތު ދެނެގެންފައިވާ ރިޕޯޓަކުން އެނގޭ ގޮތުގައި، ކަންބޮޑުވާން ޖެހޭ އެއް ސަބަބެއް ޔަގީނުން ވެސް އެބަ އޮތެވެ؛ ބަލިވުމެވެ.

އާސިޔަތު މުހައްމަދު ސައީދު އާސިޔަތު މުހައްމަދު ސައީދު

ދިރިއުޅެން މަސައްކަތެއް ނުކޮށް ޒުވާނުން ތިބޭ ތަން ފެންނަނީ ކީއްވެގެން ހެއްޔެވެ؟ ކަންނެތީ ހެއްޔެވެ؟ ވަޒީފާއެއް ނުލިބެނީ ހެއްޔެވެ؟ އެންމެ ފަހުގެ ބޯހިމެނުމަށް ބިނާކޮށް ޒުވާނުންގެ ހާލަތު ދެނެގެންފައިވާ ރިޕޯޓަކުން އެނގޭ ގޮތުގައި، ކަންބޮޑުވާން ޖެހޭ އެއް ސަބަބެއް ޔަގީނުން ވެސް އެބަ އޮތެވެ؛ ބަލިވުމެވެ.

"ޒުވާނުން ދުޅަހެޔޮ ސިއްހަތެއްގައި ބޭތިއްބުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް، މިފަދަ ސިއްހީ މައްސަލަތަކުގެ ސަބަބުތައް މިހާރުން މިހާރަށް ދެނެގަންނަން ލަފާ ދެން."

"ތިމެޓިކް އެނަލިސިސް އޮން ޔޫތު އިން ދަ މޯލްޑިވްސް"ގެ ނަން ދީފައިވާ ރިޕޯޓުގައި، 2014ގެ ބޯހިމެނުމުގެ ތަފާސްހިސާބުތަކަށް އަލިއަޅުވައިލަމުން ބުނެފައިވާ ގޮތުގައި، ބަލިވުމާއި ނުކުޅެދުންތެރިވުމުގެ ސަބަބުން މަސައްކަތެއް ނުކުރާ 17،000 މީހުން ރާއްޖޭގެ އާބާދީގައި ހިމެނެ އެވެ.

އެއީ "ހައިރާންވާ ވަރުގެ" ބޮޑު އަދަދެއްކަން ފާހަގަކޮށް ރިޕޯޓުގައި ބުނެފައި ވަނީ، އޭގެ ތެރޭގައި ގިނައީ އުމުރުން 65 އަހަރުން މަތީގެ މީހުން ކަމަށް ވިޔަސް، 18 އަހަރާއި 34 އަހަރާ ދެމެދުގެ 2،550 ޒުވާނުން ވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށެވެ.

"ހައިރާންވާހާ ގިނަ އަދަދެއްގެ މީހުން މަސައްކަތެއް ނުކުރާ ސަބަބަކީ ބަލިވެއުޅުން ނުވަތަ ނުކުޅެދުންތެރިކަމެއް ހުރުން؛ 25-29 އަހަރުގެ ފިރިހެނުންގެ ތެރެއިން 23 ޕަސެންޓް އަދި 30-34 އަހަރުގެ ފިރިހެނުންގެ 27 ޕަސެންޓް ބުނެފައިވާ ގޮތުގައި އެ މީހުންނަށް ވަނީ މަސައްކަތުގައި އުޅެން ހުރަސް އަޅާ ފަދަ، ކޮންމެވެސް ވަރެއްގެ ނުކުޅެދުންތެރިކަމެއް ނުވަތަ ބައްޔެއް ކުރިމަތިވެފައި،" ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އާއި ޔޫއެންއެފްޕީއޭ ގުޅިގެން މިދިޔަ މާޗު މަހު ނެރެފައިވާ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

"މިއިން އެނގެނީ، ފާހަގަކުރެވޭ އަދަދެއްގެ ޒުވާން ފިރިހެނުންނަށް ސީރިއަސް ސިއްހީ މައްސަލަތަކާއި ނުކުޅެދުންތެރިކަން ކުރިމަތިވެފައިވާކަން. ޒުވާނުން ދުޅަހެޔޮ ސިއްހަތެއްގައި ބޭތިއްބުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް، މިފަދަ ސިއްހީ މައްސަލަތަކުގެ ސަބަބުތައް މިހާރުން މިހާރަށް ދެނެގަންނަން ލަފާ ދެން."

http://statisticsmaldives.gov.mv/nbs/wp-content/uploads/2018/03/ThematicAnalysis-OnYouthInTheMaldives.pdf

"ތިމެޓިކް އެނަލިސިސް އޮން ޔޫތު އިން ދަ މޯލްޑިވްސް"

ޒުވާނުންގެ އަންއެމްޕްލޮއިމެންޓް ރޭޓް މަތި

ބޯހިމެނުން ދައްކާ ގޮތުގައި ރާއްޖޭގައި މަސައްކަތެއް ލިބިފައި ނުވާ މީހުންގެ ނިސްބަތް ނުވަތަ އަންއެމްޕްލޮއިމެންޓް ރޭޓް (2006 އިން 2014 އަށް) ވަނީ ކުޑަކޮށް ދަށަށް ގޮސްފަ އެވެ. އެއީ 5.5 ޕަސެންޓުން 5.2 ޕަސެންޓަށެވެ. މަސައްކަތެއް ލިބިފައި ނުވާ އާބާދީ ކަމަށް ބަލަނީ އުމުރުން 15 އަހަރުން މަތީގެ މީހުންގެ ތެރެއިން މަސައްކަތެއް ހޯދަން އުޅެ އަދި މަސައްކަތަށް ނުކުންނަން ތައްޔާރަށް ތިބި ނަމަވެސް މަސައްކަތެއް ލިބިފައި ނުވާ މީހުންނެވެ. މުޅި ރާއްޖޭގެ އަންއެމްޕްލޮއިންޓް ރޭޓް (5.2 ޕަސެންޓް) ދަށް ނަމަވެސް، އެ ނިސްބަތާ އަޅާކިޔާ އިރު، މަސައްކަތެއް ލިބިފައި ނުވާ ޒުވާނުންގެ އާބާދީ މާ ބޮޑުކަން ބޯހިމެނުމުން ވަނީ އެނގިފަ އެވެ. އެގޮތުން، ބައިނަލްއަގުވާމީ ގޮތުން ބަލާ ޒުވާނުންގެ އުމުރުފުރާ، 15-24ގެ އަންއެމްޕްލޮއިމެންޓް ރޭޓް 12.4 ޕަސެންޓަށް އަރަ އެވެ. އަދި ރާއްޖޭގައި ޒުވާނުންގެ ގޮތުގައި ބަލާ އުމުރުފުރާ، 18-34ގެ އަންއެމްޕްލޮއިމެންޓް ރޭޓަކީ 7.2 ޕަސެންޓެވެ.

ޒުވާނުންނާ ބެހޭ ރިޕޯޓުގައި މި ތަފާސްހިސާބަށް އިޝާރާތްކޮށް ބުނެފައިވާ ގޮތުގައި، ފުރާވަރުގެ އަންއެމްޕްލޮއިމެންޓް މަތިވުމަކީ ރާއްޖެ އިން އެކަނި ފާހަގަކުރެވޭ ކަމެއް ނޫނެވެ. ސްކޫލް ނިންމައި މަސައްކަތަށް ނުކުންނަ، ވަޒީފާ އަށް ބޭނުންވާ ހުނަރުތައް އަދި ލިބިފައި ނުވާ ޒުވާނުންގެ އަންއެމްޕްލޮއިމެންޓް ރޭޓް އެހެން ގައުމުތަކުގައި ވެސް މައްޗެވެ. އެކަމަކު ރާއްޖޭގައި، 2006އާ އަޅާބަލާ އިރު، ޒުވާނުންގެ އަންއެމްޕްލޮއިމެންޓް ރޭޓް ފާހަގަކުރެވޭ މިންވަރަށް މަތިވެފައިވާކަން ރިޕޯޓުގައި ބުނެ އެވެ. ޚާއްސަކޮށް، މަސައްކަތެއް ނުލިބޭ 18-19 އަހަރުގެ ޒުވާނުންގެ އަދަދު ވަނީ އިތުރުވެފަ އެވެ.