Roadha Mihaaru
ރާއްޖެ އާއި ކޮންގޯއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކޮށްފި

ރާއްޖެ އާއި ކޮންގޯއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކޮށްފި

20 އެޕްރީލް 2018

ރާއްޖެ އާއި ރިޕަބްލިކް އޮފް ކޮންގޯއާ ދެމެދު ސިޔާސީ ގުޅުން މިރޭ ގާއިމްކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖެ އާއި ރިޕަބްލިކް އޮފް ކޮންގޯއާ ދެމެދު ސިޔާސީ ގުޅުން މިރޭ ގާއިމްކޮށްފި އެވެ.

މިއީ ރާއްޖެ އިން ސިޔާސީ ގުޅުން ގާއިމްކުރި 168 ވަނަ ގައުމެވެ.

ފޮރިން މިނިސްޓްރީން ބުނީ ނިއު ޔޯކްގައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަންގައި ބޭއްވި ރަސްމިއްޔާތުގައި، ސިޔާސީ ގުޅުން ގާއިމް ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ރާއްޖެ އިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދު ކަމަށެވެ.

ފޮރިން މިނިސްޓަރު އާސިމް (މ) އާއި އަލީ ނަސީރު (ކ). - ފޮޓޯ: ފޮރިން މިނިސްޓްރީ

ފޮރިން މިނިސްޓަރު އާސިމް (މ) އާއި އަލީ ނަސީރު (ކ). - ފޮޓޯ: ފޮރިން މިނިސްޓްރީ

މި ރަސްމިއްޔާތުގައި ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ވެސް ބައިވެރިވެވަޑައިގަތެވެ. އާސިމް، ނިއުޔޯކަށް ވަޑައިގަތީ އދ. ގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށެވެ.

ފަހަކަށް އައިސް، ރާއްޖެ އިން އަންނަނީ އެފްރިކާގެ ގިނަ ގައުމުތަކާ ސިޔާސީ ގުޅުން ގާއިމް ކުރަމުންނެވެ. އެގޮތުން ރާއްޖެ އިން ދާދި ފަހުން ވަނީ އައިވަރީ ކޯސްޓް އަދި ޒެމްބިއާއާ އެކު ސިޔާސީ ގުޅުން ގާއިމް ކޮށްފަ އެވެ. ފޮރިން މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި އެފްރިކާ ގައުމުތަކާ އެކު ސިޔާސީ ގުޅުން ގާއިމް ކުރުމަކީ އެކި ދާއިރާތަކުން ގުޅުން ބަދަހި ކުރަން ހުޅުވުނު ފުރުސަތެކެވެ.

ކޮންގޯއާ އެކު ރާއްޖެ އިން ސިޔާސީ ގުޅުން ގާއިމްކުރި އިރު، އދ. ގެ އެންމެ ބާރު ގަދަ އަދި އެންމެ ވާދަވެެރި ކައުންސިލް ކަމަށްވާ ސެކިއުރިޓީ ކައުންސިލްގެ މެމްބަރު ކަމަށް ރާއްޖެ އިން ވާދަ ކުރުމަށް ކުދި ގައުމުތަކުގެ ވޯޓު ހޯދުމުގެ ކެމްޕޭނެއް ވަނީ ފަށައިފަ އެވެ.

އެފްރިކާ ބައްރުގެ މެދުތެރޭގައި އޮންނަ ކޮންގޯ އަކީ އާބާދީގައި 5.1 މިލިއަން މީހުން ދިރިއުޅޭ ގައުމެކެވެ.