20 ޖުލައި 2016
ވިކްޓަރީ ސްޕޯޓްސް ކްލަބް އަތުން 1-0 އިން މޮޅުވެ އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ މަގާމަށް ޓީސީ ސްޕޯޓްސް އަރައިފި އެވެ.
ވިކްޓަރީ ސްޕޯޓްސް ކްލަބް އަތުން 1-0 އިން މޮޅުވެ އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ މަގާމަށް ޓީސީ ސްޕޯޓްސް އަރައިފި އެވެ.
އިތުރަށް އެއް މެޗު ކުޅެފައިވާ ޓީސީ ދެ ވަނަ އަށް އެރީ 14 ޕޮއިންޓާ އެކު އެވެ. ކުރިން ދެ ވަނައިގައި އޮތް އީގަލްސްއާ ޕޮއިންޓުގެ ގޮތުން އެއްވަރުވެފައިވާއިރު ޓީސީ އަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. އީގަލްސް ތިން ވަނަ އަށް ވެއްޓުނު ނަމަވެސް މާދަމާ ހަވީރު ވެލެންސިއާއާ ދެކޮޅަށް ކުޅޭ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުން އަލުން ދެ ވަނަ އަށް އެރުމުގެ ފުރުސަތު އެބައޮތެވެ.
ކޯޗު މުހައްމަދު ނަޒީހު އިސްތިއުފާ ދީފައިވާތީ، އެސިސްޓަންޓް ކޯޗު މުހައްމަދު ނާޝިދު (ނާދު) ގެ އިރުޝާދުގެ ދަށުން ކުޅުނު ވިކްޓަރީ އޮތީ ހަތަރު ޕޮއިންޓާ އެކު ހަތް ވަނައިގަ އެވެ. ތާވަލުގެ ފުލުގައި ތިން ޕޮއިންޓާ އެކު އޮތް ބީޖީ ސްޕޯޓްސް މިރޭ މާޒިޔާ އަތުން މަދުވެގެން ޕޮއިންޓެއް ހޯދައިފި ނަމަ ވިކްޓަރީ ފުލަށް ވެއްޓޭނެ އެވެ.
މިއަދުގެ މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ލަނޑު މެޗުގެ ދެ ވަނަ މިނެޓުގައި ޓީސީ އަށް ކާމިޔާބުކޮށްދިނީ އަލީ ފާސިރު (ސެންޓޭ) އެވެ. މި ލަނޑާ އެކު، ޓޮޕްސްކޯރާ ލިސްޓުގެ އެއް ވަނައިގައި އޮތް ސެންޓޭ މި ސީޒަނުގައި ޖެހި ލަނޑުގެ އަދަދު 13 އަށް ވަނީ އަރައިފަ އެވެ.
ފުރަތަމަ ހާފު އެއްކޮށް ކޮންޓްރޯލްކޮށްގެން މޮޅަށް ކުޅުނީ ޓީސީންނެވެ. މި ހާފުގައި އެ ޓީމުގެ އަހުމަދު ޒިއާން މުހައްމަދާއި އަހުމަދު ރިލްވާނަށް ރަނގަޅު ފުރުސަތު ލިބި ވަނީ ބޭނުންނުކުރެވިފަ އެވެ.
ދެ ވަނަ ހާފު ފެނިގެން ދިޔައީ ވިކްޓަރީގެ ހާފެއްގެ ގޮތުގަ އެވެ. އެ ޓީމުން 54 ވަނަ މިނެޓުގައި ގޯލް ޖަހާނެ ރަނގަޅު ފުރުސަތެއް ހޯދި އެވެ. އެ ޓީމުގެ އިބްރާހިމް ފުރުގާން ދިން ބޯޅަ އޭރިއާ ތެރެއިން އިބްރާހިމް ޝާތިރަށް ހުސްކޮށް ލިބުނު ނަމަވެސް، މާބޮޑަށް ލަސްކުރުމުގެ ސަބަބުން އެ ބޯޅަ އޭނާ އަތުން ގެއްލުނީ އެވެ.
ޓީސީ އަށް ލީޑު ފުޅާކުރަން މި ހާފުގައި އެންމެ ހުސް ފުރުސަތެއް ލިބުނީ 70 ވަނަ މިނެޓުގައި ކެޕްޓަން ޔާމީން އިބްރާހިމް (ޔާންބެ) އަށެވެ. އެކަމަކު އޭރިއާ ތެރެއިން އޭނާ ފޮނުވާލި ބޯޅަ، ވިކްޓަރީގެ ގޯލްކީޕަރު ހަސަން ތޮލާލް މަތަކުރި އެވެ.
ވިކްޓަރީން މި ހާފުގައި އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ މުޅި މެޗުގައި މޮޅަށް ކުޅުނު ދެކުނު ކޮރެއާގެ މިޑްފީލްޑަރު ޝިމޯނޯ އަޓޫޝީ އަށެވެ. ޓީސީގެ ތިން ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު ވިކްޓަރީގެ އާދިލް އަބްދުއްރަހްމާން، ޝިމޯނޯ އަށް ދިން ބޯޅަ އޭނާ އޭރިއާ ތެރެއިން ފޮނުވާލުމުން ދިޔައީ ގޯލް މަތިންނެވެ.
މެޗުގެ ފަހުކޮޅު ޓީސީގެ ސެންޓޭ އަށް ވެސް ރަނގަޅު ފުރުސަތެއް ލިބި ވަނީ ބޭކާރުވެފަ އެވެ.
ސެންޓޭގެ ހަތަރު ލަނޑާ އެކު ޓީސީ ދެ ވަނަ އަށް
ފަހު ބުރުގެ ކުރިން: މިއީ ތިން ޓީމުގެ ރޭހެއްތަ؟
އަލްވެސް އާއި މެސީގެ ފަހަތުގައި އިމްރާން!
ޓީސީ އާއި ވިކްޓްރީގެ ކޯޗުން އިސްތިއުފާދީފި
ވިކްޓްރީ ބަލިކޮށް ޗެމްޕިއަން ޓީސީ އަށް ފަސޭހަ ފެށުމެއް
ވިކްޓަރީން ޓީސީ ހިފަހައްޓައި ގްރޫޕް ފޯރިގަދަ ކޮށްލައިފި
އަންނަ އަހަރުގެ ފުޓްބޯޅަ ސީޒަން ފަށާނީ ޖޫން މަހު؟
ދަގަނޑޭގެ ހަތަރު ގޯލާ އެކު ޓީސީ ލީޑު ދަމަހައްޓައިފި
ވިކްޓަރީއާ އެއްވަރުވެ ޓީސީ އަށް ހަތަރު ވަނަ
ޓީސީ ބަލިކޮށް ވިކްޓަރީ ފިޔަވަޅެއް ކުރިޔަށް