Roadha Mihaaru
ޝާހިދާ ފިރިމީހާގެ ބަންދަށް 15 ދުވަސް

ޝާހިދާ ފިރިމީހާގެ ބަންދަށް 15 ދުވަސް

12 އެޕްރީލް 2018

ހދ. ނޮޅިވަރަމްގައި ދަންޖެހިގެން މަރުވެފައި ހުއްޓާ ފެނުނު ޝާހިދާ އަލީގެ، މަރުގެ މައްސަލާގައި އިއްޔެ ހައްޔަރު ކުރި އޭނާގެ ފިރިމީހާގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ހދ. ނޮޅިވަރަމްގައި ދަންޖެހިގެން މަރުވެފައި ހުއްޓާ ފެނުނު ޝާހިދާ އަލީގެ، މަރުގެ މައްސަލާގައި އިއްޔެ ހައްޔަރު ކުރި އޭނާގެ ފިރިމީހާގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.

މިދިޔަ މަހު ކުރީކޮޅު ޝާހިދާ ދަންޖެހިފައި ހުއްޓާ ފެނުނު މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން އިއްޔެ ނޮޅިވަރަމުން ހައްޔަރުކޮށްފައި ވަނީ އަބޫބަކުރު އިބްރާހިމް، 61، އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކުޅުދުއްފުށީ ކޯޓަށް އިއްޔެ އޭނާ ހާޒިރުކުރުމުން ބަންދަށް 15 ދުވަސް ޖަހައިދީފައިވާ ކަމަށެވެ.

އާއިލާއިން ބުނެފައިވާ ގޮތުން ޝާހިދާ ދަންޖެހިފައި ހުއްޓާ އެންމެ ފުރަތަމަ ފެނުނީ ފަތިސް ނަމާދުން ފައިބައިގެން އައިތަނާ އަބޫބަކުރަށެވެ. އެ ރޭ އޭނާ ނަމާދަށް ދިޔައިރު ޝާހިދާ އޮތީ ނިދާފައި ކަމަށް އާއިލާ އިން ބުނެ އެވެ. އެކަމަކު ގެ އާ ކައިރީގައި ހުންނަ މިސްކިތުގައި ފިރިމީހާ އިން އިރު ޝާހިދާ ރޯ އަޑު އިވުނު ކަމަށް ފިރިމީހާއާ ހަވާލާދީ އޭނާގެ އާއިލާ އިން ކުރިން ބުނެފައިވެ އެވެ.

ޝާހިދާ ދަންޖެހިފައި ހުރި ތަނުގެ އުސްކަމާއި ދަންޖެހުނު ވާގަނޑުގައި ޖަހާފައިވާ ގޮށަކީ ޝާހިދާ އަށް ޖަހަން އެނގޭނެ ގޮށެއް ކަމަށް ގަބޫލު ނުކުރެވޭތީ، އެ މަރާ ދޭތެރޭ ވަނީ ސުވާލުތަކެއް އުފެދިފަ އެވެ.

ދަންޖެހިފައި ހުއްޓާ ފެނުނު ޝާހިދާގެ މަރާ ގުޅިގެން ޝައްކު ކުރެވޭ ކަންތައްތަކެއް ފާހަގަކުރެވުމުން އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ވަނީ ހަދައިފަ އެވެ. ނަމަވެސް އޭގެ ނަތީޖާ އަދި ހާމައެއް ނުކުރެ އެވެ.