Roadha Mihaaru
ޕޯސްޓްމޯޓަމް ހަދަން ނިޝާމާގެ ހަށިގަނޑު އަދި ނުފޮނުވޭ

ޕޯސްޓްމޯޓަމް ހަދަން ނިޝާމާގެ ހަށިގަނޑު އަދި ވެސް ނުފޮނުވޭ

18 ޑިސެމްބަރ 2022

ހދ. ނޮޅިވަރަމްގައި މި މަހުގެ 10 ވަނަ ދުވަހު މަރުވެފައި އޮއްވައި ފެނުނު ނިޝާމާ މުހައްމަދުގެ ހަށިގަނޑު، ޕޯސްޓްމޯޓަމް ހަދަން ނުފޮނުވި ދިގުލައިގެން ދާތީ އާއިލާއިން ކަންބޮޑުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހދ. ނޮޅިވަރަމްގައި މި މަހުގެ 10 ވަނަ ދުވަހު މަރުވެފައި އޮއްވައި ފެނުނު ނިޝާމާ މުހައްމަދުގެ ހަށިގަނޑު، ޕޯސްޓްމޯޓަމް ހަދަން ނުފޮނުވި ދިގުލައިގެން ދާތީ އާއިލާއިން ކަންބޮޑުވެއްޖެ އެވެ.

ކޮޓަރި ތެރޭގައި ނިޝާމާ، 29، މަރުވެފައި އޮއްވައި ފެނުމާއި އެ މަރުގައި ޝައްކުތަކެއް ހުރުމުން ފުލުހުން ވަނީ ޕޯސްޓްމޯޓަމް ހަދަން ނިންމައިފަ އެވެ.

އެ މައްސަލައިގެ ތުހުމަތުވަނީ އޭނާގެ ފިރިމީހާ ފައިސަލަށެވެ. އެކަން ތަހުގީގުކުރަން އޭނާ ފުލުހުންގެ ބަންދުގައި ބަހައްޓާފައި ހުއްޓާ ދަންޖެހުމުން ހާލު ސީރިއަސްވެގެން އަންނަނީ ފަރުވާ ދެމުންނެވެ.

ނިޝާމާގެ ބައްޕަ މުހައްމަދު އިބްރާހިމް "މިހާރު" އަށް ބުނީ ދަރިފުޅު ޕޯސްޓްމޯޓަމް ނުހެދި ދިގުލައިގެން ދިއުމަކީ ކަންބޮޑުވުމެއް ކަމަށެވެ. އެ މައްސަލައިގައި މީގެ ދެ ތިން ދުވަސް ކުރިން ވެސް ޕޮލިހާ މަޝްވަރާކުރި ކަމަށާއި އެކަމަކު އިންޑިއާއަށް ދާން ޓިކެޓް ނުލިބޭތީ ހަށިގަނޑު ފޮނުވާނުލެވެނީ ކަމަށް އެ ޖަވާބު ދިން ކަމަށް މުހައްމަދު ބުންޏެވެ.

"ބައްދަލުކުރީމާ ބުނީ ފަރުވާ ކުޑަކޮށްލައިގެން އުޅެނީއެއް ނޫނޭ. ލަސްވެގެން އުޅެނީ ޓިކެޓު ފުލްވެގެން އުޅޭތީ ކަމަށް. ދެން އޮތް ގޮތަކީ ފްލައިޓެއް ޗާޓަރު ކުރުން ކަމަށް. އެކަން ވެސް ކުރެވޭނީ މި މަހުގެ 21 ހިސާބުގައި ކަމަށް ފުލުހުން ބުނި." އޭނާ ބުންޏެވެ.

މުހައްމަދު ބުނީ ދަރިފުޅުގެ ޕޯސްޓްމޯޓަމް ހަދަން އެއްގޮތަކަށް ވެސް ބޭނުން ނުވާ ކަމަށެވެ.

"ފުރަތަމަ ވެސް ހުށަހެޅިން ޕޯސްޓްމޯޓަމް ނުހަދާ ވަޅުލަން. ވީހާ ވެސް އަވަހަކަށް ވަޅުލަން ބޭނުންވަނީ." އޭނާ ބުންޏެވެ.

ދިވެހިންގެ ޕޯސްޓްމޯޓަމް ހަދަނީ އިންޑިއާއަށް ފޮނުވައިގެންނެވެ. މި އަހަރު އެކަނި ވެސް ތިން މީހެއްގެ ހަށިގަނޑު ފޮނުވައިގެން ޕޯސްޓްމޯޓަމް ހަދާފައިވެ އެވެ.

ފުލުހުން ބުނީ ނިޝާމާގެ ހަށިގަނޑު ވެސް ބޭރަށް ފޮނުވަން ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. އެކަމަކު، ފޮނުވޭނެ ދުވަހެއް އަދި ނުބުނެ އެވެ.

މުހައްމަދު ބުނި ގޮތުގައި އޭނާގެ ދަރިފުޅު ވީހާ ވެސް އަވަހަކަށް ވަޅުލުމަށް ޕޯސްޓްމޯޓަމަށް ފަހު އިންޑިއާގައި އެކަން ކުރެވޭތޯ ބެލި ކަމަށެވެ. ނަމަވެސް، އިންޑިއާގައި ވަޅުލާ ނަމަ ދެ ހަފުތާ ވެދާނެ ކަމަށް އަންގާފައިވާތީ އެ ވިސްނުން ވެސް އާއިލާއިން ދޫކޮށްލީ އެވެ.