Roadha Mihaaru

މާވަށުގައި މަރާލި މޫސަގެ ހަށިގަނޑުގެ އޮޓޮޕްސީ ހަދަނީ

ލ. މާވަށުގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި މޫސާ އިބްރާހިމްގެ ހަށިގަނޑުގެ އޮޓޮޕްސީ ހަދަން ރާއްޖެއިން ބޭރަށް ފޮނުވާލަން ނިންމައިފި އެވެ.

މާވަށުގައި މަރާލި މޫސަގެ ހަށިގަނޑުގެ އޮޓޮޕްސީ ހަދަނީ
އާސިމާ ނިޒާރު
އާސިމާ ނިޒާރު

30 ޖުލައި 2025

ލ. މާވަށުގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި މޫސާ އިބްރާހިމްގެ ހަށިގަނޑުގެ އޮޓޮޕްސީ ހަދަން ރާއްޖެއިން ބޭރަށް ފޮނުވާލަން ނިންމައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މޫސަ 29، ގެ ހަށިގަނޑުގެ އޮޓޮޕްސީ ހެދުމަށް ތަހުގީގު ކުރާ ޓީމުން ނިންމާފައިވާ ކަމަށެވެ. އެހެންވެ، ހަށިގަނޑު ބޭރަށް ފޮނުވާލުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

މިދިޔަ ހޯމަ ދުވަހުގެ ހެނދުނު 10:10 ހާއިރު މޫސަގެ ކަރަށް ހަމަލާދިނީ، އެ ރަށުގައި ދިރިއުޅެމުން އަންނަ ހދ. ނޮޅިވަރަންފަރު، އަސަރީމަންޒިލް، މުހައްމަދު އިބްރާހިމެވެ. ދެ މީހުންގެ ދެމެދުގައި ހިނގި ދެބަސްވުމަކަށް ފަހު މި ހަމަލާއާ ގުޅިގެން ރަށު ހެލްތު ސެންޓަރަށް މޫސަ ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް، އެ ސެންޓަރާ ހަވާލާދީ ފުލުހުން ވަނީ ބުނެފަ އެވެ.

އެ މައްސަލަ ތަހުގީގުކުރަން ހަމަ އެ ދުވަހުގެ ރޭ އޭނާގެ ހަށިގަނޑު މާލެ ގެނެސްފައިވެ އެވެ.

މޫސަގެ މަރުގެ ތުހުމަތުގައި މުހައްމަދު އިބްރާހިމް ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފަ އެވެ. އަދި މޫސައަށް ހަމަލާދިނުމަށް ބޭނުންކުރި ކަމަށް ބެލެވޭ ވަޅި ވެސް ފުލުހުން ވަނީ ހޯދައިފަ އެވެ.

މާވަށުން ވާހަކަ ދެއްކި މީހުން ބުނާ ގޮތުގައި މި މަރާ ގުޅިފައި ވަނީ މަސްތުވާތަކެއްޗެވެ.

ފުލުހުން ބުނި ގޮތުގައި އެ މައްސަލާގައި ހައްޔަރުކުރީ މަސްތުވާތަކެތީގެ ރެކޯޑު އޮންނަ މީހެކެވެ.