Roadha Mihaaru
ޕޯސްޓްމޯޓަމް ހަދަން ކުއްޖާގެ ހަށިގަނޑު މާދަމާ ފޮނުވަނީ

ޕޯސްޓްމޯޓަމް ހެދުމަށް ކުއްޖާގެ ހަށިގަނޑު މާދަމާ އިންޑިއާއަށް ފޮނުވަނީ

04 ޖުލައި 2021

ރަހީނުކޮށް މަރާލުމަށް ފަހު ހުޅުމާލޭ މޫދަށް އެއްލާލާފައި އޮއްވައި ފެނުނު 13 އަހަރުގެ ފިރިހެން ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް މާދަމާ އިންޑިއާ އަށް ފޮނުވަން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރަހީނުކޮށް މަރާލުމަށް ފަހު ހުޅުމާލޭ މޫދަށް އެއްލާލާފައި އޮއްވައި ފެނުނު 13 އަހަރުގެ ފިރިހެން ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް މާދަމާ އިންޑިއާ އަށް ފޮނުވަން ނިންމައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ ޕޯސްޓްމޯޓަމް ހަދަން އެ ކުއްޖާގެ ހަށިގަނޑު މާދަމާ އިންޑިއާ އަށް ފޮނުވަން ހަމަޖައްސާފައިވާ ކަމަށެވެ. ނަމަވެސް އޭގެ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.

މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ ދަންވަރު ހުޅުމާލެ ދެ ވަނަ ފިޔަވަހީގެ މޫދުން ފެނުނު އެ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ބޭރަށް ފޮނުވުމަށް މިދިޔަ ހަފުތާގައި ވެސް ފުލުހުން އުޅުނެވެ. އެކަމަކު ބައެއް ކަންކަން ފުރިހަމަ ކުރުމަށް ވަގުތު ބޭނުންވާތީ އެ މަސައްކަތް ލަސްވެގެން ދިޔައީ އެވެ.

ކުއްޖާ މަރުވި ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަމް ހަދަނީ އެ ކުއްޖާގެ އާއިލާގެ ވެސް ރުހުމާ އެކު އެވެ. އެކަމަކު ޖިނާއީ އިޖުރާއަތުގެ ގާނޫނަށް މި ފަހުން ގެނައި އިސްލާހުގައިވާ ގޮތުން އާއިލާގެ ރުހުމާ ނުލައި ވެސް ޕޯސްޓްމޯޓަމް ހެދުމުގެ ބާރު ފުލުހުންނަށް ލިބެ އެވެ.

ފޮއްޓަކަށް ލައި، މޫދަށް އެއްލާލާފައި އޮއްވައި، ފުލުހުން އެ ކުއްޖާގެ ހަށިގަނޑު ހޯދީ އޭނާ ރަހީނުކުރި ކަމުގެ ރިޕޯޓް އާއިލާ އިން ކުރުމުން ފުލުހުން އެ މައްސަލަ ބެލުމުގެ ތެރެއިންނެވެ. ކުއްޖާ މަރާލި މައްސަލައިގައި މިހާތަނަށް ދެ މީހަކު ހައްޔަރުކޮށްފައިވެ އެވެ. އެއީ އިބްރާހިމް ޒިހާން، 27 އާއި 17 އަހަރުގެ ފިރިހެން ކުއްޖެކެވެ.

އެނގިފައިވާ ގޮތުގައި އެ ކުއްޖާ މަރައިލީ އޭނާ އަށް ޖިންސީ ގޯނާކުރި ކަމުގެ މައުލޫމާތު، އެހެން ބައެއްގެ ގާތުގައި ދެއްކުމުން، އެކަމާ ރުޅި އައިސްގެން ކުއްޖާ ރަހީނުކޮށްގެން އުޅުމަށް ފަހު އެވެ.