Roadha Mihaaru
ފައިސަލްގެ ބަންދަށް 15 ދުވަސް ޖަހައިފި

އަނބިމީހާ މަރާލި ކަމަށް ތުހުމަތު ކުރެވޭ ފައިސަލްގެ ބަންދަށް 15 ދުވަސް

11 ޑިސެމްބަރ 2022

ހދ. ނޮޅިވަރަމް، ނިޝާމާ މުހައްމަދުގެ މަރުގެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ އޭނާގެ ފިރިމީހާ، ފައިސަލް އަލީ 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރުމަށް ކޯޓުން މިއަދު ހުއްދަ ދީފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހދ. ނޮޅިވަރަމް، ނިޝާމާ މުހައްމަދުގެ މަރުގެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ އޭނާގެ ފިރިމީހާ، ފައިސަލް އަލީ 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރުމަށް ކޯޓުން މިއަދު ހުއްދަ ދީފި އެވެ.

ނިޝާމާ މަރުވެފައި އޮއްވައި އިއްޔެ ފެނުނުއިރު ޝައްކުވާ ފަދަ ޒަހަމްތަކެއް އޭނާގެ ކަރުގައި ހުރި ކަމަށް ވެ އެވެ. ނިޝާމާ މަރާލި ކަމަށް އޭނާގެ އާއިލާ އިން ތުހުމަތުކޮށްފައި ވަނީ އެ ހާދިސާއާއެކު ފައިސަލް "ފިލައިގެން" ރަށުން ދިއުމުންނެވެ.

އެ މައްސަލާގައި ފައިސަލް ހައްޔަރުކޮށްފައި ވަނީ އޭނާ އަމިއްލައަށް ކުޅުދުއްފުށީގައި ހުންނަ ޕޮލިސް ސްޓޭޝަނަށް ގޮސް، އޭނާއަކީ އަނިޔާ ލިބޭ މީހެއް ކަމަށް ބުނެ މައްސަލަ ހުށަހެޅުމުންނެވެ.

ފުލުހުން ބުނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރުމަށް ހުއްދަ ދީފައިވާ ކަމަށެވެ. އެކަމަކު އެ މަރުގެ މައްސަލައާ ގުޅޭ އިތުރު ތަފްސީލު ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

އެ މީހުން ދިރިއުޅޭ ކޮޓަރީގެ ތެރޭގައި އުމުރުން 28 އަހަރުގެ ނިޝާމާ މަރުވެފައި އޮތްއިރު ހިމަ އެއްޗެއް ކަރަށް ބާރުކޮށްލުމުން ހުންނަ ކަހަލަ ޒަހަމެއް ކަރުގައި ހުއްޓެވެ.

ނިޝާމާ މަރުވެފައި އޮތްކަން އާއިލާއަށް އެނގުނީ ފައިސަލްގެ ފޭސްބުކްގައި ނިޝާމާ ބުރުގާ ނާޅައި ނަގާފައި ހުރި ފޮޓޯތަކެއް ލާފައި ހުރުމުން އެ ޑިލީޓް ކުރުމަށް އާއިލާގެ ބަޔަކު ނިޝާމާ އާއި ފައިސަލަށް ގުޅައި ގުޅައި ފޯނު ނުނެގުމުން އެ ގެ އަށް ދިއުމުންނެވެ.

އާއިލާ އިން ވާހަކަ ދެއްކި މީހުން "މިހާރު" އަށް ބުނެފައިވާ ގޮތުގައި އެ މީހުންގެ ކޮޓަރީގެ ދޮރުގައި ތެޅުމުން ވެސް ދޮރު ނުހުޅުވުމުން، އެތެރެއަށް ވަދެފައި ވަނީ މަކުޑި ނައްޓުވާލައިގެންނެވެ.

އެ މީހުންގެ ކައިވެންޏަށް ތިން ކުދިން ލިބިފައި ވެ އެވެ.

ނިޝާމާގެ މަރުގެ މައްސަލަގަނޑުގެ ތެރެއިން ފައިސަލް އިއްޔެ ވަނީ ކުދިންނާ އެކު ނަގާފައިވާ ފޮޓޯތަކަކާއި އަނބިމީހާ ބުރުގާ ނާޅާ ނަގާފައިވާ ފޮޓޯތަކެއް ވެސް ފޭސްބުކްގައި އާންމުކޮށްފަ އެވެ. އެކަމަކު އެ ޕޯސްޓް މިހާރު ވަނީ ޑިލީޓްކޮށްފަ އެވެ.

ނިޝާމާގެ މަރުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ފައިސަލަކީ އޭނާގެ އުފަން ރަށް، އދ. ފެންފުށީގައި ވެސް ކައިވެންޏެއް ކޮށްގެން އުޅުނު މީހެކެވެ. އެކަމަކު މަސްތުވާތަކެތި ބޭނުންކުރުމުގެ ރިކޯޑް ވެސް އޮންނަ ފައިސަލްގެ ފަރާތުން ލިބޭ އަނިޔާތަކާ ގުޅިގެން އޭނާގެ ގާތުން އެ އަންހެނުން ވަރިވީ ކަމަށް ވެ އެވެ.

ނިޝާމާގެ މަރުގެ ސަބަބު ދެނެގަތުމަށް ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ފުލުހުން ވަނީ ނިންމައިފަ އެވެ.