05 އެޕްރީލް 2018
އެއް ބަޔަކު ބުނަނީ ރާއްޖޭގައި ގިނަ އަދަދެއްގެ ޓެރަރިސްޓުން އުޅޭ ކަމަށެވެ. އޭގެ ތެރެއިން ވެސް ގިނަ ބަޔަކު ތިބީ ބޭރު ގައުމުތަކުގެ ހަނގުރާމަތަކުގައި ބައިވެރިވާން އެ ގައުމުތަކަށް ގޮހެވެ. ބައެއް މީހުން އެ ގައުމުތަކުގައި މަރު ވެސް ވެއްޖެ އެވެ.
އެއް ބަޔަކު ބުނަނީ ރާއްޖޭގައި ގިނަ އަދަދެއްގެ ޓެރަރިސްޓުން އުޅޭ ކަމަށެވެ. އޭގެ ތެރެއިން ވެސް ގިނަ ބަޔަކު ތިބީ ބޭރު ގައުމުތަކުގެ ހަނގުރާމަތަކުގައި ބައިވެރިވާން އެ ގައުމުތަކަށް ގޮހެވެ. ބައެއް މީހުން އެ ގައުމުތަކުގައި މަރު ވެސް ވެއްޖެ އެވެ.
ސަރުކާރުން ބުނަނީ އެއީ މަދު އަދަދެއް ކަމަށެވެ. އަދި ރާއްޖޭގައި ޓެރަރިޒަމްގެ އަމަލުތަކަށް ހޭދަކުރާ ބަޔަކު ވެސް ނެތް ކަމަށް ސަރުކާރުން ބުނެ އެވެ.
އެކަމަކު ކަން ހިނގަމުންދާ ގޮތަށް ބަލާއިރު، އެންމެ ދަރަޖަ މަތީ ޓެރަރިސްޓުންގެ އަދަދު އެންމެ ގިނަ ގައުމަކަށް ހަމަ ގައިމު ވެސް ދިވެހިރާއްޖެ ވާނެ އެވެ. އޭގެ ތެރެއިން ޓެރަރިޒަމްގެ ކުށް ސާބިތުވެފައިވާ ބައެއް ބޭފުޅުން ތިއްބެވީ ޓެރަރިޒަމްގެ ކުށުގައި ޖަލުގަ އެވެ. ބައެއް ބޭފުޅުން ތިއްބެވީ ރާއްޖޭން ބޭރުގަ އެވެ.
އަދި ޓެރަރިސްޓުންގެ ދާއިމީ ލިސްޓަށް ނާރައި ހަމައެކަނި ދަފްތަރުގައި ނޯޓް ކޮށްލާފައި ތިބި ޓެރަރިސްޓުންތަކެއް ވެސް އެބަ އުޅެ އެވެ.
ޝަރުއީ ހުކުމާ ގުޅިގެން ޓެރަރިޒަމްގެ ދަލުގައި ޖެހިފައިވާ ބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި ކުރީގެ ޑިފެންސް މިނިސްޓަރުން ކަމަށްވާ ތަލްހަތު އިބްރާހީމް ކަލޭފާނާއި މުހައްމަދު ނާޒިމާއި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ ހިމެނެ އެވެ. އަދި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިނާއި އދ. މާމިގިލީ ކޯޓުގެ ކުރީގެ އިސް މެޖިސްޓްރޭޓް އަހްމަދު ނިހާނެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ޓެރަރިޒަމްގެ ތުހުމަތުގައި އެންމެ ފުރަތަމަ ހައްޔަރުކޮށް ހުކުމް އިއްވި ބޭފުޅުން ކަމުގައިވާ (ކ-ވ) ޝައިޚް އިމްރާނާއި ރައީސް ނަޝީދު އަދި ކާނަލް ނާޒިމް.
އަދި ރިއާސީ ލޯންޗުކޮޅު "ފިނިފެންމާ" ގޮއްވައިލި މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ކުރީގެ ދެ ބޮޑީ ގާޑަކު ވެސް ވަނީ ޓެރަރިޒަމްގެ ކުށް ސާބިތުވެ ޖަލަށް ލައިފަ އެވެ. ނޮވެމްބަރު 2015 ގައި މުލިއާގޭ ކައިރީގައި ބޮމެއް ބޭއްވި މައްސަލައިގައި ވެސް ހަތަރު މީހަކު ވަނީ ޓެރަރިޒަމްގެ ކުށުގައި ޖަލަށް ލައިފަ އެވެ.
މީގެ އިތުރުން، ޓެރަރިޒަމްގެ ދަލުގައި ރަނގަޅަށް ޖެއްސުމަށްޓަކައި ލަވަމުންދާ އިތުރު 14 ބޭފުޅަކު ވަކި ގޮތެއް ނުނިމި އެބަ ތިއްބެވި އެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފާއި ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލް އާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދާއި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހީމާއި ޖުމްހޫރީ ޕާޓީގެ އޭރުގެ ފޮރިން ރިލޭޝަންސް އެގްޒެކްޓިވް ސޮބާހް ރަޝީދު ހިމެނެ އެވެ.
މި 14 ބޭފުޅުންގެ ލިސްޓުގައި ހިމެނޭ މަޖިލީހުގެ މެމްބަރުންނަކީ؛ ގަލޮޅު ދެކުނު ދާއިރާގެ އަހްމަދު މަހްލޫފާއި ދިއްގަރު ދާއިރާގެ ފާރިސް މައުމޫނާއި ހިތަދޫ މެދު ދާއިރާގެ، ސިފައިންގެ ކުރީގެ ޖެނެރަލް އިބްރާހީމް ދީދީ އާއި ދަނގެތީ ދާއިރާގެ އިލްހާމް އަހްމަދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާނާއި ކިނބިދޫ ދާއިރާގެ މެމްބަރު، ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް އެވެ.
މި 14 ބޭފުޅުންނަކީ ވެސް، ޓެރަރިޒަމްގެ ދައުވާ ކޮށްފައިވާ ސިޔާސީ ބޭފުޅުންނެވެ. މީގެ ތެރެއިން މަދު ބޭފުޅަކު ފިޔަވައި ހުރިހާ ބޭފުޅުން ވެސް ތިއްބެވީ ޝަރީއަތް ނިމެންދެން ހައްޔަރުކޮށްފައި ބައިތިއްބަން ކޯޓުން ހުއްދަ ދީފަ އެވެ.
ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ގޮވާލައި ފެބްރުއަރީ 21 ވަނަ ދުވަހުގެ ރޭ އިދިކޮޅު ހަރަކާތުން ބޭއްވި އެއްވުމުގައި މަހްލޫފާއި އެހެން ބައެއް މީހުން ރައީސް ޔާމީނާ ދެކޮޅަށް އަޑުއުފުލަމުން މަގުތަކުގައި ހިނގަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު
ޓެރެރިޒަމްގެ ކުށް، ސިޔާސީ ހުރިހާ ބޭފުޅުންނަށް ފަސޭހައިން ހެޔޮވަރު ކޮށްލެވޭ ލިބާހަކަށްވީ، މޭޑޭގެ މުޒާހަރާ އިން، ޝައިޚް އިމްރާން ހައްޔަރުކޮށް އޭނާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރި ފަހުންނެވެ. އޭރު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އޮތީ، ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލައިގައި މާ ލުއި އަދަބެއް ލިބޭ ދައުވާއެއް ކޮށްފަ އެވެ. އެހެންކަމުން އެ ދައުވާ އަނބުރާ ގެނެސް ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އެމަނިކުފާނުގެ މައްޗަށް ވެސް ޓެރަރިޒަމްގެ ދައުވާކުރި އެވެ.
އެ ހިސާބުން ޓެރަރިޒަމްގެ ކުށަކީ ސިޔާސީ ޚަންޖަރަކަށް ވި އެވެ. ސަރުކާރަށް ތުރާލަކަށްވާ ސިޔާސީ ކޮންމެ ބޭފުޅަކު ޓެރަރިޒަމްގެ ޚަންޖަރުން ކަތިލަމުން ދަނީ އަޖާއިބު ކުރަނިވި ގޮތްގޮތަށެވެ. އެ ހަމަލާތައް އެންމެ ފަހުން އަމާޒުވި ބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ފާރިސް މައުމޫނާއި މަހްލޫފް ފަދަ ބޭފުޅުން ފާހަގަކޮށްލެވެ އެވެ.
ޓެރަރިޒަމްގެ ކުށް ސާބިތުވެ ޖަލަށް ލާފައި ތިބި ސިޔާސީ ބޭފުޅުންގެ މައްޗަށް ޝަރީއަތް ހިންގި ގޮތާ މެދު ގިނަ ބައެއްގެ މެދުގައި އޭރު ވެސް ބަހުސް ކުރެވުނެވެ. އެ ޝަރީއަތްތައް ހިނގައިދިޔައީ ޝަރުއީ އަދި ގާނޫނީ އިޖުރާއާތުގެ ތެރެއިން ނޫން ކަމަށާއި އެއީ ސިޔާސީ ޝަރީއަތްތަކެއް ކަމަށް، އެ ބޭފުޅުންގެ ވަކީލުންނާއި އާންމުންގެ ގިނަ ބަޔަކު އޭރު ވެސް ބުނަމުން ދިޔަ އެވެ. ކޯޓުގައި ވެސް އެކަން ފާހަގަކުރި އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ދައުލަތުގެ މައްޗަށް ނެރުނު އަމުރުގައި، އެ ކޯޓުގެ ހުރިހާ ފަނޑިޔާރުން ވެސް އޮތީ، އެ ޝަރީއަތްތަކާ މެދު ކުރެވުނު ތުހުމަތުތަކަށް އިއުތިރާފްވެވަޑައިގެންފަ އެވެ.
އެ އަމުރުގެ ފަސް ވަނަ ނަންބަރުގައި މައިގަނޑު ފަސް ކަމަކަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން އިއްތިފާގުވެ ވަޑައިގެންފައިވެ އެވެ. އެއީ؛ (1) އެ އަމުރުގައި ހިމަނާފައިވާ ނުވަ ބޭފުޅުންގެ މައްޗަށް ދައުވާކޮށް ޝަރީއަތް ހިންގާފައިވަނީ ސިޔާސީ ސަބަބުތަކަށްޓަކަ އެވެ. (2) އެ ބޭފުޅުންގެ މައްޗަށް ތަހުގީގު ހިންގީ ގާނޫނުއަސާސީ އާއި ރާއްޖެ ބައިވެރިވެފައިވާ އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާތަކާ ޚިލާފަށެވެ. (3) އެ ބޭފުޅުންގެ މައްޗަށް ދައުވާކުރީ ގާނޫނާ ޚިލާފަށް ހިންގި ތަހުގީގުތަކެއްގެ މައްޗަށް ބިނާކޮށެވެ. (4) އެ ބޭފުޅުންގެ މައްޗަށް ހުކުމްކޮށްފައިވަނީ، ދައުވާ އުފުލާ ފަރާތަށާއި ފަނޑިޔާރުގެ އަށް ނުފޫޒު ފޯރުވައިގެން ގާނޫނީ އިޖުރާއާތުތަކާ ޚިލާފަށެވެ.
ސުޕްރީމް ކޯޓުން މިހާ ސާފުކޮށް ބަޔާންކޮށްފައިވާ އަމުރެއް ނެރުމުން، ފެބްރުއަރީ ފަސް ވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށް، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރި އެވެ. އަދި ޖެހިގެން އައި ދުވަހު އެ ކޯޓުގެ އަނެއް ތިން ފަނޑިޔާރުންގެ އިއްތިފާގުން، ފަސް ފަނޑިޔާރުންގެ އަމުރު ބާތިލުކުރި އެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު ހައްޔަރު ކޮށްފައިވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު (ކ) އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު. - ފޮޓޯ: މިހާރު
ސުވާލަކީ، މިހާރު ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކޮށްފައި ތިބި ސިޔާސީ ބޭފުޅުން ކުރެއްވި ނަމަ ކުރެއްވި އަމަލަކީ ހަމަ ޓެރަރިޒަމްގެ އަމަލުތަކެއް ހެއްޔެވެ؟ ނުވަތަ އެ ބޭފުޅުންނަކީ ހަމަ ހަގީގަތުގައި ވެސް ޓެރަރިސްޓުން ހެއްޔެވެ؟
"ނޫން އެއީކީ ޓެރަރިސްޓުންނަށް ވެގެން ކުރާ ދައުވާތަކެއް ނޫން. ކާކުތޯ އެކަން ގަބޫލުކުރާނީ. ރައްޔިތުން ނުކުރާނެ ގަބޫލެއް. ނުކުރާތީ ނޫންތޯ އެ ބުނާ ޓެރަރިސްޓުންގެ ފޮޓޯ ހިފައިގެން ރައްޔިތުން ނުކުމެ އެމީހުން މިނިވަންކޮށްދޭށޭ ކިޔައިގެން އެ ގޮވަނީ. ކޮން ގައުމެއްގައިތޯ ޓެރަރިސްޓުން މިނިވަންކޮށްދޭން ގޮވައި މުޒާހަރާ ކުރަނީ. އެއީކީ ޓެރަރިސްޓުންނެއް ނޫން،" މި ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓަރުކަން ކުރެއްވި އަމީން އިބްރާހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން ޓެރަރިސްޓުން ކަމަށް ބުނާ ބޭފުޅުންނަކީ، ޓެރަރިސްޓުން ކަމަށް ގަބޫލު ކުރާ ނަމަ، ފުލުހުންގެ މުގުރުތަކުގެ ހަމަލާތަކާއި ޕެޕާ ސްޕްރޭއާ ކަރުނަ ގޭސްތަކުގެ ކުރިމައްޗަށް ރައްޔިތުން ނުކުމެ އެ ބޭފުޅުން މިނިވަންކޮށްދޭކަށް ނުގޮވާނެ އެވެ.
"ސަރުކާރުން ޓެރަރިސްޓެކޭ ބުނާ ކޮންމެ މީހަކު މި ފެންނަނީ ރައްޔިތުންގެ ލޯބި މިލްކުވެގެންދާ ބައެއްގެ ގޮތުގައި. ގާނޫނުގައި ޓެރަރިޒަމް މާނަކޮށްފައި އޮތް ގޮތަކަށް ނޫން ސަރުކާރުން ޓެރަރިޒަމޭ ކިޔައިގެން ރައްޔިތުންނަށް މި ދައްކައިދެނީކީ،" އަމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރައީސް ޔާމީނާ ދެކޮޅަށް ތެދުވާ ކޮންމެ މީހަކީ ޓެރަރިސްޓެކެވެ. ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރަން ވެއްޖެޔޭ ބުނާ ކޮންމެ މީހަކީ ވެސް ޓެރަރިސްޓެކެވެ. މިހާރު ޓެރަރިޒަމްގެ ދައުވާކޮށްފައިވާ ސިޔާސީ ހުރިހާ މީހުންނަކީ ވެސް، ޓެރަރިޒަމްގެ އަމަލެއް ކުރުމެއް ނެތި ރައީސް ޔާމީނާ ދެކޮޅަށް ތެދުވި މީހުން ކަން އޭނާ ފާހަގަ ކުރެއްވި އެވެ.
ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ގޮވާލައި މާލޭ ޖަލުގެ ކުރިމަތީގައި އިށީނދެ ތިބި އިދިކޮޅު ފަރާތްތަކުން އަޑު އުފުލަނީ.---ފޮޓޯ: މިހާރު
"އަޅުގަނޑަށް ޓެރަރިޒަމްގެ ތުހުމަތު ކޮށްފަ ދައުވާ ކުރަން ފޮނުވީ މޭ ޑޭގެ މުޒާހަރާގައި ވާހަކަ ދައްކައިގެން. އަޅުގަނޑުގެ ވާހަކައިގައި ބުނިހާ ވެސް އެއްޗަކީ، އަޅުގަނޑުމެން ކޮންމެ މީހަކީ ވެސް ދިވެހި ކާބަފައިން ފަދައިން ގައުމަށްޓަކައި ގުރުބާންވާ ބަޔަކަށް ވާންޖެހޭނެޔޭ، އެހެން ބުނީމާ ރައީސް އޭގެ މާނަ ނެންގެވީ ޓެރަރިޒަމް ކަމަށް،" އަމިއްލަ އަށް އިނގިރޭސި ވިލާތަށް އަރުވާލެއްވިގެން ހުންނެވި އަމީން ވިދާޅުވި އެވެ.
އެންމެ ފަހުން ޓެރަރިޒަމްގެ ދައުވާ އުފުލުނު ބޭފުޅަކީ، މި ސަރުކާރަށް އެންމެ ބޮޑު ތުރާލަކަށް ވެފައިވާ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފެވެ. އޭނާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރަނީ، މިދިޔަ ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހު މާފުއްޓަށް ވަޑައިގެން، ފެބްރުއަރީ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި އަމުރުގައި ބުނެފައިވާ ބޭފުޅުންތައް މިނިވަން ކުރުމަށް ގޮވާލައި މާފުށީ ޖަލު ކައިރީގައި މުޒާހަރާ ކުރެއްވި މައްސަލައިގަ އެވެ.
ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހު، "އެވަރުގެ ބޮޑު ޓެރަރިޒަމްގެ އަމަލެއް" ކުރުމުން ވެސް، ގާނޫނު ތަންފީޒު ކުރާ އިދާރާތަކުން ވެސް މަހްލޫފް ހައްޔަރު ކުރާކަށް ނޫޅެ އެވެ. އޭނާ ހުންނެވީ ފުރިހަމަ މިނިވަންކަމާ އެކު މުޖްތަމައަށް ދޫކޮށްލައިފަ އެވެ. ފުލުހުން އޭނާ ހައްޔަރު ކުރީ ފެބްރުއަރީ 22 ވަނަ ދުވަހު މާލޭގައި ކުރި މުޒާހަރާގެ ތެރެއިންނެވެ.
"ރާއްޖޭގައި ކޮން ގަވާއިދެއްގައިތޯ އޮތީ މާފުށްޓަށް ގޮސް މުޒާހަރާ ކުރުމަކީ މަނާކަމެކޭ. ކޮން ގާނޫނެއްގައި ކޮން ގަވާއިދެއްގައިތޯ އޮތީ މިވެނި ރަށެއްގައި މުޒާހަރާ ކުރުމަކީ މަނާ ކަމެކޭ. ގަވާއިދުގައި ވެސް ކަނޑައަޅާފައި އޮތީ މާލޭގައި މުޒާހަރާ ކުރުން މަނާ ތަންތަން. ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކުރި އަމުރެއް، އެ އަމުރު ސައްހަ ގޮތުގައި އޮއްވައި ތަންފީޒު ކުރާށޭ ގޮވުމަކީ ޓެރަރިޒަމަށް ވަނީ ކޮން ގޮތަކުންތޯ؟" އަމީން ސުވާލު ކުރެއްވި އެވެ.
ސަރުކާރަށް މުހިންމީ ގާނޫނުގައި ޓެރަރިޒަމް މާނަކޮށްދީފައި އޮންނަ ގޮތެއް ނޫނެވެ. އަދި ރައްޔިތުން އެކަމާ މެދު ދެކޭ ގޮތެއް ވެސް ނޫނެވެ. ކޮންމެ ތުހުމަތެއް ކުރިޔަސް އެއީ ރައްޔިތުން ބަލައިގަންނަ ކަމެއްތޯ ނޫންތޯ ބެލުން ސަރުކާރަށް މުހިންމެއް ނޫނެވެ.
ސަރުކާރަށް މުހިންމީ ސަރުކާރަށް ކުރިމަތިވާ ހުރަސްތައް ނައްތައިލުމެވެ. ސަރުކާރުގެ ވެރިން ވިދާޅުވާ ގޮތުން ނަމަ، ތަރައްގީ އަށް ހުރަސްއަޅާ މީހުން އެއްފަރާތް ކޮށްފައި ވިޔަސް، ސަރުކާރު ދާނީ ކުރިއަށެވެ. އެންމެ ކުޑަމިނުން އަންނަ ރިއާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ގޮންޖެހުމަކަށް ވެދާނެ ހެން ހީވާ ކޮންމެ މީހަކު އެއްފަރާތް ކުރުމަކީ ސަރުކާރުން މިވަގުތު އެންމެ ބޮޑު އިސްކަމެއް ދޭނެ ކަންތަކެވެ.
އިދިކޮޅު ހަމައެކަނި ކެންޑިޑޭޓަކީ "ތިމަން މަނިކުފާނު"
ކޯލިޝަން "ރޫޅި" އެ ތަޖުރިބާ! ހައްލެއް ނެތް؟
ކާމިޔާބު ފޯމިއުލާއަކީ ކޯލިޝަން: ޖަމީލް
މައުމޫންގެ ބަންދާ މެދު މިރޭ ގޮތެއް ނުނިންމި
އިބޫއަކީ ކޭކު ފަޅަން ވަޅި ހިފަހައްޓައިގެން ހުރި މީހެއް
އިބޫ، ހަތަރު ލީޑަރުން ރަމްޒީކޮށް "މިނިވަންކޮށްފި"!
އިންތިޚާބަށް ނުނިކުންނަން އުމަރާއި ޝުޖާއު ނިންމަވައިފި
ދެ ފަނޑިޔާރުންގެ ހުކުމް: ދިރިތިބީންނަށް އިބްރަތެއް
އެމްޑީޕީގެ ރިޔާސީ ކެމްޕޭން ލޯންޗުކުރުން ފަސްކޮށްފި
ހަ ބޭފުޅެއްގެ ޝަރީއަތުގެ މަރުހަލާ ކުރިއަށްދާނީ އެއްކޮށް