Roadha Mihaaru
މެޑިސިން ހަދާ ދަރިވަރުންގެ ލޯނުގެ މުއްދަތު އިތުރުކޮށްފި

ރާއްޖޭގައި ޑޮކްޓަރުކަން ކިޔަވާ ދަރިވަރުން ލޯނަށް އެދުމުގެ މުއްދަތު އިތުރުކޮށްފި

04 އެޕްރީލް 2018

ރާއްޖޭގައި އެމްބީބީއެސް ފެންވަރަށް ޑޮކްޓަރުން ތަމްރީން ކުރުމަށް ފަށާ ފުރަތަމަ ކޯހުގައި ބައިވެރިވާ ދަރިވަރުންނަށް ދޫކުރަން ހަމަޖައްސާފައިވާ ލޯނުގެ 50 ފުރުސަތަށް އެދުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގައި އެމްބީބީއެސް ފެންވަރަށް ޑޮކްޓަރުން ތަމްރީން ކުރުމަށް ފަށާ ފުރަތަމަ ކޯހުގައި ބައިވެރިވާ ދަރިވަރުންނަށް ދޫކުރަން ހަމަޖައްސާފައިވާ ލޯނުގެ 50 ފުރުސަތަށް އެދުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

ޑިޕާޓްމަންޓް އޮފް ހަޔަ އެޑިއުކޭޝަން (ޑީއެޗްއީ) އިން އިއްޔެ ކުރި އިއުލާނުގައި ބުނީ އެމްބީބީއެސްގެ ލޯނަށް އެދުމުގެ މުއްދަތު، މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.

ޑޮކްޓަރުކަމުގެ މި ކޯސް މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން ޖުލައި މަހު ފަށަން އަންނަނީ ތައްޔާރުވަމުންނެވެ. އެ ކޯހަށް ކުރިމަތިލާން އަދި ހުޅުވައިނުލިއަސް ލޯނަށް އެދުމުގެ ފުރުސަތު އޮންނާނެ އެވެ.

ކޯހުގެ ފުރަތަމަ ބެޗަށް މަދުވެގެން 50 ދަރިވަރުން ބޭނުންވާނެ ކަމަށް އެ ޔުނިވާސިޓީން ބުނެފައިވެ އެވެ.

އެމްއެންޔޫ އިން އެމްބީބީއެސް ކޯސް ހިންގާނީ އަލަށް ގާއިމްކުރާ މެޑިކަލް ކޮލެޖް ހުޅުވަންދެނެވެ. އެ ކޮލެޖުގެ ހިންގުމަށް ހަމަޖެހިފައިވަނީ އައިޖީއެމްއެޗާ ޖެހިގެން މިހާރު ހަދަމުން އަންނަ 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވުުމުން، އެ ތަނުގެ ބައެއްގަ އެވެ.

މެޑިކަލް ކޮލެޖުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި ޕާކިސްތާނުން ވަނީ ފަސް މިލިއަން ޑޮލަރުގެ އެހީއެއް ދީފަ އެވެ. އެ އެހީގެ ދަށުން ލެބޯޓްރީއަށާއި ކިޔަވައިދިނުމަށް ބޭނުންވާ ޓެކްނިކަލް ސާމާނު މިހާރު ވަނީ ހޯދައިފަ އެވެ.

މީގެ ކުރިން ސްޓޫޑެންޓް ލޯނުގެ ތެރެއިން ރާއްޖޭން ބޭރުގައި އެމްބީބީއެސް އަށް ކިޔަވަން ޖާގަ ދިނެވެ. ނަމަވެސް ރާއްޖޭގައި އެ ކޯސް ފަށަން ހަމަޖެއްސުމުން، މި މަހު ހުޅުވާލި ލޯނު ފުރުސަތުގައި ރާއްޖޭން ބޭރުގައި ޑޮކްޓަރުކަން ކިޔަވަން ލޯނެއް ނުދެ އެވެ.