Roadha Mihaaru
އިންތިޚާބުގެ ވޯޓާސް ލިސްޓު އަންނަ މަހު އިއުލާންކުރަނީ

އިންތިޚާބުގެ ވޯޓާސް ލިސްޓު އަންނަ މަހު އާއްމުކުރަނީ

04 އެޕްރީލް 2018

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އަންނަ މަހު އިއުލާން ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އަންނަ މަހު އިއުލާން ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

އެ ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވީ، އިންތިޚާބުގެ ތައްޔާރީތައް އެ ކޮމިޝަނުން ފަށާފައިވާއިރު، އެ މަސައްކަތް ކުރަނީ ވީހާވެސް ފަސޭހަ ގޮތްތަކެއް ޕާޓީތަކާއި އާންމުންނަށް ހަމަޖައްސައި ދޭން ކަމަށެވެ. އެގޮތުން، އިންތިޚާބުގެ ކަންކަން ކުރަން ގާނޫނުގައި ކަނޑައަޅާފައި އޮތް މުއްދަތުގެ ތެރޭގައި، އެކި ކަންކަމަށް ދެވެން އޮތް އެންމެ ދިގު މުއްދަތެއް ދޭން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

"އެހެންވެ އަޅުގަނޑުމެން މި ބަލަނީ، އަންނަ މަހު ވޯޓާސް ލިސްޓު އިއުލާން ކުރެވޭތޯ. އަދި އޭގެ ފަހުން، ޖޫން މަހު ރީ-ރެޖިސްޓްރޭޝަނަށް ހުޅުވާލެވޭތޯ،" އަކްރަމް ވިދާޅުވި އެވެ.

އޭނާ މިއަދު ވެސް ތަކުރާރުކޮށް ވިދާޅުވީ، ރިޔާސީ އިންތިޚާބަކީ ހާމަކަން ބޮޑު، މިނިވަން އިންސާފުވެރި އަދި ރައްޔިތުންގެ ބައިވެރިވުން ބޮޑު އިންތިޚާބަކަށް ވާނެ ކަމަށެވެ.

ރިޔާސީ އިންތިޚާބު ބޭއްވުމާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނުން މިހާރު އަންނަނީ ކަމާ ގުޅޭ އިދާރާތަކާ އެކު މަޝްވަރާ ކުރަމުންނެވެ. މީގެ އިތުރުން ބައިނަލްއަގްވާމީ ޖަމިއްޔާތަކާ އެކު ވެސް އަންނަނީ ބައްދަލުވުންތައް ބާއްވަމުންނެވެ. މި އަހަރު ކުރިއަށް ގެންދާނީ އިލެކްޓްރޯނިކް ވޯޓިން ކަމަށް ވާހަކަ ދެކެވުނަސް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ، މިހާތަނަށް ބޭއްވި އެހެން އިންތިޚާބުތަކެކޭ އެއްގޮތަށް ވޯޓު ކަރުދާސް ބޭނުންކޮށްގެން ރިޔާސީ އިންތިޚާބު ބާއްވާށެވެ.

ގާނޫނުއަސާސީގެ 110 ވަނަ މާއްދާ ބުނާ ގޮތުން، ހިނގަމުންދާ ރިޔާސީ ދައުރު ހަމަވުމުގެ 120 ދުވަހާއި 30 ދުވަހާ ދެމެދު ރިޔާސީ އިންތިޚާބު ބާއްވަން ޖެހޭނެ އެވެ. ރިޔާސީ އިންތިޚާބުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގައި ހިނގަމުންދާ ރިއާސީ ދައުރުގެ މުއްދަތު ހަމަވާން 120 ދުވަހަށް ވުމާ އެކު ގިނަވެގެން 10 ދުވަހުގެ ތެރޭގައި ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައި އެކަން އިއުލާން ކުރަންޖެހޭނެ އެވެ.

ރާއްޖޭގައި އަމަލު ކުރަމުން އަންނަ ގޮތުން ރިޔާސީ ދައުރު ގުނަން ފަށަނީ ރިޔާސީ އިންތިޚާބު ބާއްވާ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެންނެވެ. އެހެންކަމުން މިހާރު ހިނގަމުންދާ ރިއާސީ ދައުރު ހަމަވުމުގެ 120 ދުވަސް ގުނަން ފަށާނީ އަންނަ ޖުލައި މަހުގެ 14 ވަނަ ދުވަހުން ފެށިގެންނެވެ.

ރިޔާސީ އިންތިޚާބުގައި ޕީޕީއެމުން ވާދަކުރައްވާނީ ރައީސް އަބްދުﷲ ޔާމީނެވެ. އިދިކޮޅު ހުރިހާ ޕާޓީތައް ގުޅިގެން ކޯލިޝަނެއް ހަދާފައިވީ ނަމަވެސް އެ ކޯލިޝަނުން، ރައީސް ޔާމީނާ ވާދަކުރާނެ ކެންޑިޑޭޓަކު އަދި ކަނޑައެއް ނާޅާ އެވެ. އަދި ޕާޓީތަކުން އިންތިޚާބުގައި ވާދަކުރަނީ ވަކިވަކިންތޯ ނުވަތަ ނެރޭނީ ކޯލިޝަން ކެންޑިޑޭޓެއްތޯ ވެސް އަދި ނުނިންމަ އެވެ.