ގާނޫނުއަސާސީގައި އޮތީ މިގޮތަށެވެ؛ "އިލެކްޝަންސް ކޮމިޝަނަކީ ވަކި ފަރާތަކަށް ބުރަ ނުވާ، މުސްތަގިއްލު މުއައްސަސާއެކެވެ." އެ ކޮމިޝަން ހިންގަނީ މި އުސޫލުން ހެއްޔެވެ؟ ނުފޫޒެއްގެ ދަށު ނުވެ މިނިވަންކަމާއި ހަމަހަމަކަމާ އެކު ޒިންމާއަދާކުރޭ ހެއްޔެވެ؟ ރައްޔިތުންގެ އިތުބާރު ކޮމިޝަނަށް އެބަ އޮތް ހެއްޔެވެ؟ މިނިވަން، އިންސާފުވެރި އިންތިހާބެއް ބޭއްވިދާނެ ކަމުގެ ޔަގީންކަން އެބަ އޮތް ހެއްޔެވެ؟
22 މެއި 2018
ގާނޫނުއަސާސީގައި އޮތީ މިގޮތަށެވެ؛ "އިލެކްޝަންސް ކޮމިޝަނަކީ ވަކި ފަރާތަކަށް ބުރަ ނުވާ، މުސްތަގިއްލު މުއައްސަސާއެކެވެ." އެ ކޮމިޝަން ހިންގަނީ މި އުސޫލުން ހެއްޔެވެ؟ ނުފޫޒެއްގެ ދަށު ނުވެ މިނިވަންކަމާއި ހަމަހަމަކަމާ އެކު ޒިންމާއަދާކުރޭ ހެއްޔެވެ؟ ރައްޔިތުންގެ އިތުބާރު ކޮމިޝަނަށް އެބަ އޮތް ހެއްޔެވެ؟ މިނިވަން، އިންސާފުވެރި އިންތިހާބެއް ބޭއްވިދާނެ ކަމުގެ ޔަގީންކަން އެބަ އޮތް ހެއްޔެވެ؟
ރިޔާސީ އިންތިހާބު ބާއްވަން ތިން މަހަށް ވެފައި އޮތްއިރު، އެ ކޮމިޝަނަށް އަމާޒުވެފައި އޮތީ އިންތިހާ އަށް ފާޑުކިއުމެވެ. ރައްޔިތުންގެ އެންމެ މުހިއްމު އެއް ހައްގު، ކަށަވަރުކޮށްދިނުމުގެ ޒިންމާ މަތިކޮށްފައިވާ މުއައްސަސާއަށް އެކަން ވެދާނެތޯ ސުވާލު އުފައްދަނީ ސަބަބުތަކެއް ހުރީމަ އެވެ.
ހެއްކަކަށް ދައްކަނީ މީގެ ކުރިން އެކި މައްސަލަތަކުގައި ކޮމިޝަނުން އަަމަލުކޮށްފައިވާ ގޮތެވެ. ވެރިކަން ކުރާ ޕީޕީއެމްގެ ތެރޭގައި އުފެދުނު މައްސަލަތަކުގައި، އަމަލުކުރި ގޮތެވެ. ރައީސް އަބްދުﷲ ޔާމީނާއި، ކުރީގެ ރައީސް މައުމޫނާ ދެމެދު އުފެދުނު ޚިޔާލު ތަފާތުވުންތަކުގައި ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފަށް ކަންތައްތަކެއް ހިނގިއިރު، އިންސާފުވެރިކަމާ އެކު ހައްލު ހޯދައިދޭން އިލެކްޝަންސް ކޮމިޝަން އޮތީ ނުކުޅެދިފަ އެވެ. އޭގެ ފަހުން، ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ގާނޫނުގައި ބުނާ މުއްދަތު ހަމަވިއިރު، ވެސް އިންތިހާބު ނުބޭއްވުމެވެ. އެކަން އެގޮތަށް ކުރީ، ޕީޕީއެމް ދެ ބައިވެ، ރައީސް ޔާމީން ފެކްޝަނަށް އިންތިހާބަށް ތައްޔާރުވެވެންދެން ކަމަށް ތުހުމަތު ކުރި އެވެ. އޭގެ ފަހުން، ޕީޕީއެމުން އެދިގެން ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި އެ ކޮމިޝަނުން އަމަލުކުރަމުންދާ ގޮތެވެ.
މި ފަހުން މައްސަލައަކަށް މިވީ، ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީ ބޭއްވުމާ ގުޅޭ ގޮތުން ކުއްލިއަކަށް އިލެކްޝަންސް ކޮމިޝަނުން ވުޖޫދުކުރި އުސޫލެވެ. ޕާޓީތައް ހިންގާނެ ގޮތާއި އިންތިހާބުތައް ބާއްވާނެ ގޮތް، އެ ޕާޓީތަކުގެ އަސާސީ ގަވާއިދުގައި ލިއެފައި ވަނިކޮށް އިލެކްޝަންސުން ކޮންޓްރޯލް ނަގައި ގާނޫނުތަކުން ލިބިދީފައި ނުވާ ބާރެއްގެ މައްޗަށް ވެރިވެގަތީ ކަމަށް އިދިކޮޅު ޕާޓީތަކުން ދެކެ އެވެ.
ޕްރައިމަރީ ބޭއްވުމާ ގުޅޭ ގޮތުން އިލެކްޝަންސުން ނެރުނު އިއުލާނުގައި ޕާޓީތަކަށް ނުސީދާ އިންޒާރުތަކެއް ވަނީ ދީފަ އެވެ. ކުށްވެރިންނަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ނުދޭނެ ކަމަށް ސަރުކާރުން ބުނަމުން ދަނިކޮށް، ހަމަ އެ މޭރަމުން، ވަކި ބަޔަކަށް ރިޔާސީ ޕްރައިމަރީގައި ކުރިމަތި ނުލެވޭނެ ކަން އެންގީ އެވެ. އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަނާޅަނީސް ވަކި ބައެއްގެ ކެންޑިޑެސީ ސައްހަ ނޫން ކަމަށް ކަނޑައަޅައި އެ އެންގުމާ ޚިލާފަށް ބާއްވާ އިންތިހާބުތައް ބާތިލްކުރާނެ ކަން އެންގީ އެވެ.
މީގެ އިތުރުން، އިންތިހާބު ބާއްވަން ވީ ގޮތާއި، ކުރިމަތިލެވޭނެ މީހުން ވެސް ޕާޓީތަކަށް ކިޔައިދިނީ އެވެ. މިއީ، ވޭތުވެދިޔަ އިންތިހާބުތަކުގައި އެ ކޮމިޝަނުން އަމަލުކޮށްފައިވާ އުސޫލެއް ނޫނެވެ. މިފަހަރު، އެގޮތަށް އަމަލުކުރަން ޖެހުނީ، ކޮމިޝަނުން ބުނާ ގޮތުގައި، ރިޔާސީ ޕްރައިމަރީތައް ގާނޫނީ އިމުގެ ތެރޭގައި ކުރިއަށް ގެންދިއުމަށެވެ. ސިޔާސީ ޕާޓީތަކުގެ ހަރަކާތްތައް ގާނޫނާ އެއްގޮތަށް، ގެންދޭތޯ ކަށަވަރުކުރުމަކީ އެ ކޮމިޝަނުގެ ޒިންމާއެއް ކަމަށްވާތީ އެވެ.
އެކަމަކު، ދިފާއުގައި އިލެކްޝަންސުން މި ދެއްކި ވާހަކަ ޕާޓީތަކުން ގަބޫލެއް ނުކުރެ އެވެ.
އިދިކޮޅު ޕާޓީތަކުން ދެކޭ ގޮތުގައި، އެ ކޮމިޝަނުގެ ބޭނުމަކީ، ޕާޓީތަކުގެ ރިޔާސީ ޕްރައިމަރީ އަށް ނުފޫޒު ފޯރުވުމެވެ. އެއީ، ކަނޑައެޅިގެން ގާނޫނާ ޚިލާފަށް އެންގި އެންގުމެއް ކަމަށް ބުނެ ޕާޓީތަކުން ދައްކާ ގާނޫނީ ހުއްޖަތުތަކެއް އެބަހުއްޓެވެ.
އެއް ކަމަކަށް، ކެންޑިޑޭޓަކު އިޚްތިޔާރު ކުރުމުގެ ހައްގު އެ ޕާޓީއެއްގެ މެމްބަރުންނަށް އޮންނަން ޖެހުމެވެ. އެ ކެންޑިޑޭޓަކީ އިންތިހާބަށް ޝަރުތު ހަމަވާ ކެންޑިޑޭޓެއްތޯ ނޫންތޯ ކަނޑައެޅުމަކީ، ރިޔާސީ ޕްރައިމަރީ އަށް ފަހު އިލެކްޝަންސުން ކުރަން ޖެހޭނެ ކަމެއް ކަން ސާފުކޮށްދީފައި ވަނީ އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނުގަ އެވެ.
އެ ގާނޫނުގައި ބުނެފައިވާ ގޮތުގައި އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޓު އިލެކްޝަންސް ކޮމިޝަނަށް ލިއުން ހުށަހަޅާތާ މަދުވެގެން 48 ގަޑިއިރުގެ ތެރޭގައި އެ މީހެއްގެ ހުށަހެޅުން ގަބޫލުކުރި ކަން ނުވަތަ ނޫން ކަން އަންގަންވާނެ އެވެ. އެ މީހެއްގެ ޝަރުތު ހަމަނުވާ ކަމަށް އިލެކްޝަންސުން ނިންމާ ނިންމުމަކާ ދޭތެރޭގައި ހިތްހަމަނުޖެހޭ ނަމަ، ގޮތެއް ކަނޑައެޅުމުގެ އިޚްތިޔާރު ދީފައި އޮތީ ސުޕްރީމް ކޯޓަށެވެ.
ލޯކަލް ކައުންސިލް އިނތިްހާބުގެ ވޯޓުލުން ނިންމާލި ވޯޓު ފޮއްޓެއް ގުނަނީ: ޕާޓީތަކުގެ ޕްރައިމަރީ ބޭއްވުމާ ގުޅޭ ގޮތުން އީސީން އެންގި ކަންކަމަށް ފާޑުކިއުން ވަނީ އަމާޒުވެފައި.-- ފޮޓޯ: ނިޝާން އަލީ /މިހާރު
"އިލެކްޝަންސުން ބެހެން ނުޖެހޭ ކަންތައްތަކުގެ ތެރެއަށް މި ވަދެގަތީ. އެ ކޮމިޝަނުން ކަންކަން ކުރާ އުސޫލަށް ބަލާއިރު، މިއީ ސީދާ ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅުވާ ގޮތަށް އިންތިހާބު ހިންގައިދޭން ކުރާ ކަންކަން ކަމަށް ގަބޫލުކުރެވެނީ. އެ ކޮމިޝަނުގައި ތިބި މެމްބަރުންނަކީ ސަރުކާރު ބޭނުންވާ ގޮތަށް ކަންކަން ކުރަން ތިބި ބައެއް،" ރިޔާސީ އިންތިހާބަށް އެކުލަވާލި ގައުމީ ލަފާ ދޭ ކޮމެޓީގައި އެމްޑީޕީ ތަމްސީލްކުރައްވާ، އަލީ ނިޔާޒް ވިދާޅުވި އެވެ.
"އެ އުސޫލުން ހާމަކޮށްދިނީ މިނިވަން އިންތިހާބަކަށް އެންމެ ބޮޑަށް ހުރަހަކީ އިލެކްޝަންސް ކޮމިޝަން ކަން."
އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވަން އުޅެނިކޮށް ކުއްލިއަކަށް އާއްމުކުރި އުސޫލުގެ ބޭނުމަކީ އެ ޕާޓީން ކުރިމަތިލެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ހުރަސްއެޅުމެވެ.
ޖުމްހޫރީ ޕާޓީން ވެސް ގަބޫލުކުރާ ގޮތުގައި، އިލެކްޝަންސުން ކުއްލިއަކަށް މި ތެޅިފޮޅިގަތީ، ރައީސް ޔާމީނާ ވާދަނުކުރެއްވޭ ގޮތަށް ގާނޫނާ ޚިލާފަށް ހުކުމް އިއްވާފައި ތިބި ލީޑަރުން އިންތިހާބަށް ކުރިމަތިލާން ހުރަސްއެޅުމެވެ.
"މިގޮތަކަށް އިލެކްޝަންސް ކޮމިޝަނަކަށް ޕާޓީތަކުގެ އެތެރޭގެ ކަންކަމާ ނުބެހެވޭނެ. މިއީ، އަޅުގަނޑުމެންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް. އެ ޕާޓީތަކުން ރިޔާސީ ޕްރައިމަރީ އަށް ކުރިމަތިލައި ހޮވެން މަސައްކަތް ކުރާ މީހަކަށް ވާދަނުކުރެވޭނެ ކަމަށް އީސީން ބުނުމަކީ ހަމަޖެހޭ ގޮތެއް ނޫން،" ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިލެކްޝަންސް ކޮމިޝަނުގެ ހުރިހާ ކަމެއް ވެސް ދަނީ ގޯހުން ގޯހަށެވެ. ސިޔާސީ ޕާޓީތައް މިނިވަންކަމާ އެކު ހިންގުމުގެ ފުރުސަތު ދޭން ޖެހޭއިރު، އެ ކޮމިޝަނުން ވަކި ފަރާތަކަށް ބުރަވެ، ސަރުކާރުގެ މަސްލަހަތު ހިމާޔަތްކުރުމަކީ ކަންބޮޑުވުމެއް ކަމަށް ވެސް ވިދާޅުވި އެވެ.
އެކަމަކު އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވީ އެ ކޮމިޝަނުގެ ބޭނުމަކީ ޕާޓީތަކުގެ އެތެރޭގެ ކަންކަމަށް ނުފޫޒު ފޯރުވުން ނޫން ކަމަށެވެ. ގާނޫނުތަކުގައި ކަނޑައަޅާފައިވާ ގޮތަށް ޕްރައިމަރީ ކުރިއަށް ގެންދޭތޯ ކަށަވަރު ކުރުން ކަަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ސިޔާސީ ޕާޓީތަކަށް އިލްތިމާސްކުރީ، ގާނޫނުތަކާއި އުސޫލްތަކާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދަން،" އޭނާ ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަނީ ނުފޫޒެއް ނެތި މިނިވަންކަމާ އެކު ކަމަށް އެ ކޮމިޝަނުން ބުންޏަސް ސަރުކާރަށް ފަހިވާ ހުރިހާ ގޮތަކަށް ދީލާލާ މަންޒަރު ފެނުމަކީ ކޮމިޝަންގެ އިތުބާރާ މެދު ސުވާލު އުފެދޭނެ ކަމެވެ. މިނިވަން އިންތިހާބެއް އަދި މިނިވަން ކޮމިޝަނެއްގެ މާނައަކީ، އިންތިހާބެއް ބޭއްވުމުގެ ތައްޔާރީތައްވެ އިންތިޒާމްތައް ހަމަޖެއްސުމެއް ނޫނެވެ. އެ ކޮމިޝަނަކީ ނުފޫޒެއްގެ ދަށުނުވެ މަސައްކަތްކުރާ މިނިވަން ތަނެއް ކަން ވޯޓުލާ މީހުންނަށް ޔަގީންކަން އޮންނަން ޖެހެ އެވެ.
އެކަމަކު ސިޔާސީ ޕާޓީތަކާ ގުޅޭ ކަންކަމުގައި ކޮމިޝަނުން މިހާތަނަށް އަމަލުކޮށްފައިވާ ގޮތުން އިތުބާރާއި ޔަގީންކަން އޮތީ ގެއްލިފަ އެވެ. އެހެންކަމުން އިންތިހާބާ ދެމެދު މިއޮތް ދުވަސްތަކުގައި، އިތުބާރު ގާއިމްކޮށް، ގާނޫނުގައި ބުނާ ގޮތަށް ކޮމިޝަން ހިންގާނެ ގޮތެއް ވެސް ހޯދަން މިއޮތީ ޖެހިފަ އެވެ.
ޕާޓީތަކުގެ އަސާސީ ގަވާއިދު އިސްލާހުކުރަން އަންގައިފި
އެމްޑީޕީގެ މެމްބަރުންގެ އަދަދު ބައިލައްކައަށް އަރައިފި
މާލެއަށް ދެ ދާއިރާ އިތުރު ކުރަން ނިންމައިފި
އިބޫ އިންތިޚާބު ކާމިޔާބު ކުރާނީ 70 ޕަސެންޓުން: އަލީ
"ވޯޓު ފޮށި ބަހައްޓަން ރިސޯޓުތަކުން ދެކޮޅެއް ނޫން"
އިތުބާރު އޮތް އިލެކްޝަންސް ކޮމިޝަނެއް ބޭނުންވޭ:އިދިކޮޅު
އިންތިޚާބުގެ ވޯޓާސް ލިސްޓު އަންނަ މަހު އިއުލާންކުރަނީ
ޕާޓީތަކަށް ފައިސާ ދޫނުކުރާ މައްސަލާގައި ޖަވާބެއް ނުދިން
އެ ބޮޑު ގޯހަށް ފަހު އެމްޑީޕީން އަނެއް ކޮޅަށް!
ލޯކަލް އިންތިޚާބު ވަކި ޕާޓީއެއްގެ މަސްލަހަތަށްތަ؟