Roadha Mihaaru
ނިއުއާ އެކު ހޯދި މޮޅު ގައުމީ ކޯޗަށް ހަދިޔާކޮށްފި

ނިއު މޮޅުކޮށްދިނުމަށް ފަހު ދަގަނޑޭ: "މި މޮޅު ހަދިޔާކުރަނީ ގައުމީ ކޯޗަށް"

03 އެޕްރީލް 2018

ދެ ލަނޑު ޖަހައި އިތުރު ދެ ލަނޑު ޖަހަން މަގުފަހިކޮށްދީގެން އެސްޓީއޯ މާލޭ ލީގުގައި މިރޭ ޔުނައިޓެޑް ވިކްޓަރީ އަތުން 4-1 އިން ނިއު ރޭޑިއަންޓް މޮޅުކޮށްދިނުމަށް ފަހު އެ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އެ މޮޅު ގައުމީ ކޯޗަށް ހަދިޔާކޮށްފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ދެ ލަނޑު ޖަހައި އިތުރު ދެ ލަނޑު ޖަހަން މަގުފަހިކޮށްދީގެން އެސްޓީއޯ މާލޭ ލީގުގައި މިރޭ ޔުނައިޓެޑް ވިކްޓަރީ އަތުން 4-1 އިން ނިއު ރޭޑިއަންޓް މޮޅުކޮށްދިނުމަށް ފަހު އެ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އެ މޮޅު ގައުމީ ކޯޗަށް ހަދިޔާކޮށްފި އެވެ.

ފަސޭހަކަމާ އެކު ހޯދި ތިން ޕޮއިންޓާ އެކު ނިއު ވަނީ 10 ޕޮއިންޓް ހަމަކޮށް ތާވަލުގެ އެއް ވަނަ އަށް އަރައިފަ އެވެ. މިރޭ އެންމެ ބޮޑު ތަފާތެއް ދެއްކީ ނޫސްވެރިންގެ ބައްދަލުވުމަކަށް ހާޒިރުނުވުމުން ކަމަށް ބުނެ، ގައުމީ ޓީމުން މިދިޔަ ހަފުތާގައި ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުން ކޯޗު ޕީޓާ ސެގާޓް ފުރުސަތު ނުދިން ދަގަނޑޭ އެވެ.

"އަޅުގަނޑު މި މޮޅު ހަދިޔާކުރާނީ ގައުމީ ކޯޗަށް،" މެޗަށް ފަހު ނޫސްވެރިން ގާތު ދަގަނޑޭ ބުންޏެވެ.

ގައުމީ ޓީމަށް އެތައް ހިދުމަތެއްކޮށްދީފައިވާ ކުޅުންތެރިޔަކު ކުއްލި ގޮތަކަށް ޓީމުން ވަކިކުރި މައްސަލައިގައި ގައުމީ ކޯޗަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ. އަނެއްކޮޅުން ކޯޗުގެ ނިންމުމަށް އެއް ބަޔަކު ތާއީދު ވެސް ކުރެ އެވެ.

ޔުނައިޓެޑް ވިކްޓަރީގެ ގޯލްކީޕަރުގެ ޖާޒީގެ ކުލަ އާއި ރެފްރީންގެ ކިޓުގެ ކުލަ އެއްގޮތްވުމުން ޔުނައިޓެޑް ވިކްޓަރީން މައްސަލަ ޖެއްސުމުން މިރޭގެ މެޗު ފެށުން ލަސްވި އެވެ. އެންމެ ފަހުން ރެފްރީންގެ ކިޓުގެ ކުލަ ބަދަލުކޮށްގެން އަރައި މެޗު ފަށައިގެން އަށް މިނެޓު ހިނގިތަނާ ދަނޑުގެ އިރު ދެކުނު ކަނުގެ ބޮކި ދަނޑި ނިވި ކުޅުން މެދުކަނޑާލަން ޖެހުނެވެ. އެކަން ހައްލުކޮށްގެން ކުޅެން ފަށައިގަނެވުނީ 12 ވަރަކަށް މިނެޓު ފަހުންނެވެ.

ނިއު އަށް މެޗުގެ ފުރަތަމަ ދެ ގޯލް ޖަހައިދިނީ ސްޕެއިން ފޯވާޑް ހުއިލެމް މާޓީ މިސުޓެވެ. އޭނާ ފުރަތަމަ ގޯލް ފަސް ވަނަ މިނެޓުގައި ބޮލުން ވައްދާލީ ހިލޭ ޖެހުމަކުން ދަގަނޑޭ ހުރަސްކުރި ބޯޅައަކުންނެވެ. ދެ ވަނަ ލަނޑު 30 ވަނަ މިނެޓުގައި ޖެހީ ދަގަނޑޭ ދިން ބޯޅައެއް ހުސްކޮށް އޮތް ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.

އޭގެ ކުރިން ނިއު އަށް ރަނގަޅު ދެ ފުރުސަތެއް ލިބި ބޭކާރުވި އެވެ. އެގޮތުން 21 ވަނަ މިނެޓުގައި އަފްގާނިސްތާން ޑިފެންޑަރު ޒޯހިބް އިސްލާމް އަމީރީ ކޯނަރަކުން ހުރަސްކުރި ބޯޅަ މާޓީ ބޮލުން ޖެހުމުން ޔުނައިޓެޑް ވިކްޓަރީގެ ގޯލްކީޕަރު ތޮލާލް ހަސަން (ޓޮޕްލަޗް) މަތަކުރި އެވެ. އަދި 22 ވަނަ މިނެޓުގައި ދަގަނޑޭ ދިން ބޯޅައަކަށް އަލީ ފާސިރު (ސެންޓޭ) ހުހަށް އަރަނިކޮށް ވެސް ތޮލާލް އެ ބޯޅަ ސަލާމަތްކުރި އެވެ.

މި ހާފުގެ ފަހުކޮޅު ދަގަނޑޭ އަށް ހުސް ތިން ފުރުސަތެއް ލިބި ބޭކާރުވި އެވެ. އޭނާ 34 ވަނަ މިނެޓުގައި ހުހަށް އަރައި ކީޕަރު ތޮލާލް ކައިރިން ނައްޓާލަން އުޅުނު ވަގުތު ތޮލާލް އެ ބޯޅަ ދިފާއުކުރި އެވެ. އަދި އިތުރު ވަގުތު އަކްރަމް އަބްދުލްގަނީ ނެގި ހުރަހެއް ދަގަނޑޭ އޭރިއާ ތެރެއިން ފޮނުވާލުމުން ވެސް ތޮލާލް ދިފާއުކުރި އެވެ.

ދެ ވަނަ ހާފު ފަށައިގެން ފަސް ވަނަ މިނެޓުގައި ދަގަނޑޭ ވަނީ ނިއުގެ ތިން ވަނަ ގޯލް ޖަހައިފަ އެވެ. ނިއުގެ ސެންޓޭ ފޮނުވާލި ބޯޅައެއް ޔުނައިޓެޑް ވިކްޓަރީގެ ކުޅުންތެރިޔެއްގެ ބްލޮކްވެގެން އައި ގަޑީގައި އޭނާ ވަނީ ބޯޅަ ގޯލަށް ވައްދާލައިފަ އެވެ.

އޭގެ ފަހުން 56 ވަނަ މިނެޓާއި 59 ވަނަ މިނެޓުގައި ދަގަނޑޭ ވަނީ މާޓީ އަށް ރަނގަޅު ދެ ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. ފުރަތަމަ ފުރުސަތުގައި އޭނާ ޖެހި ބޯޅަ ގޯލާ އަމާޒުނުވެ ދިޔައިރު ދެ ވަނަ ބޯޅަ ޖެހުމުން އަމާޒުވީ ހުރަސް ދަނޑިއަށެވެ. ނިއުގެ ހަތަރު ވަނަ ލަނޑު ދަގަނޑޭ ޖެހީ 80 ވަނަ މިނެޓުގައި ސެންޓޭ ނެގި ހުރަހަކުން އޭރިއާ ތެރޭ ހުހަށް ހުރެ ގޯލަށް ވައްދާލައިގެންނެވެ.

ޔުނައިޓެޑް ވިކްޓަރީގެ ހަމައެކަނި ލަނޑު 81 ވަނަ މިނެޓުގައި ޖެހީ އެ ޓީމުގެ ކެޕްޓަން އަދި ނިއުގެ ކުރީގެ ފޯވާޑް ހުސެއިން ޝިމާޒް (ކޮކީ) އެވެ. ނިއުގެ ކުޅުންތެރިން އޮފްސައިޑް ކަމަށް ހީކޮށްގެން ތިބި ބޯޅައެއް އައި ވަގުތު ކީޕަރު އިމްރާނަށް ރަނގަޅަށް ސާފުކޮށްނުލެވުމުން ކޮކީ ހޯދައި ވަނީ ގޯލަށް ވައްދާލައިފަ އެވެ.

ނިއުގެ ކޯޗު އޮސްކާ ބްރުޒޮން ސަސްޕެންޝަނުގައި ހުރުމުން މިރޭ ޓީމަށް އިރުޝާދުދިން އެސިސްޓަންޓް ކޯޗު އަޝްރަފް ލުތުފީ (ސަމްޕަތު) ބުނީ ކުޅުމާ މެދު އެހާ ހިތްހަމަނުޖެހޭ ކަމަށާއި ލިބުނު ގިނަ ފުރުސަތުތައް ބޭކާރުވެ ފެނިގެން ދިޔައީ ލަސް ކުޅުމެއް ކަމަށެވެ.

"ކަން ދިމާވި ގޮތުން ކަމަށް ވެސް ވެދާނެ (އެހެންވީ). މެޗު ފެށުން ވެސް ޑިލޭވެގެން ދިޔައީ. އޭގެ އިފެކްޓްވެސް ކުރި. އަނެއްކާ ލައިޓް ނިވިގެން ވެސް މެދުކަނޑާލަން ޖެހުނު،" ސަމްޕަތު ބުންޏެވެ.

އޭނާ ބުނީ ނިއު އިން ނުކުންނަނީ ވަރަށް ސީރިއަސް ވެގެން ކަމަށާއި މިފަދަ ކަންކަން ދިމާވަނީ އިންތިޒާމްކުރާ ފަރާތުން ތައްޔާރުނުވާތީ ކަމަށް ވެސް ވެދާނެ ކަމަށެވެ. އަދި އޭނާ ވަނީ ކީޕަރާއި ރެފްރީގެ ކުލަ އެއްގޮތުން ވުމުން އެގޮތުގައި މެޗު ކުރިއަށް ގެންދިޔަނުދޭން ޔުނައިޓެޑް ވިކްޓަރީގެ ކޯޗު މުހައްމަދު ނަޒީހު ނެގި ޑިޒިޝަނަށް މަރުހަބާ ކިޔައިފަ އެވެ.

ނަޒީހު ބުނީ ނިއުގެ ފެންވަރާއި ކުޅުމަށް ބަލާއިރު އޭނާގެ ޓީމަށް މެޗުން ޕޮއިންޓެއް ވެސް ހައްގު ނޫން ކަމަށާއި ޔުނައިޓެޑް ވިކްޓަރީގެ ކުޅުންތެރިން ކުޅުނީ ނިއު އިން ގޯލެއް ޖަހާފާނެތީ އެކަމަށް ބިރުން ތިބެ ކަމަށެވެ. އެކަމަކު ޔުނައިޓެޑް ވިކްޓަރީގެ ކުޅުންތެރިންނަށް ދެ ވަނަ ހާފުގައި ކޮންޓްރޯލް ލިބުނު ވަގުތުތަކުގައި ރަނގަޅު ގޭމެއް ކުޅެލިކަން އޭނާ ފާހަގަކުރި އެވެ.

ފުރަތަމަ ދެ މެޗުން މޮޅުވި ޔުނައިޓެޑް ވިކްޓަރީ ވަނީ މި މެޗުގެ ކުރިން ކުޅުނު މެޗުން ކްލަބް ގްރީންސްޓްރީޓްސް އަތުން 5-0 އިން ބަލިވެފަ އެވެ. އެ ޓީމު އޮތީ ހަ ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ.

"އަދި އެއްވެސް ހާސްކަމެއް ނެތް،" ދެ މެޗުން ބަލިވި ބަލިވުމުން އަރައިގަނެވިދާނެތޯ އެހުމުން އޭނާ ބުންޏެވެ.