Roadha Mihaaru
ފުރަތަމަ މެޗުގައި ވެސް އިބްރަހިމޮވިޗް ޖާދޫ ދައްކާލައިފި

ފުރަތަމަ މެޗުގައި ވެސް އިބްރަހިމޮވިޗް ޖާދޫ ދައްކާލައިފި

01 އެޕްރީލް 2018

ލޮސް އެންޖެލެސް، ޔުނައިޓެޑް ސްޓޭޓްސް (އޭޕްރީލް 1) - ކުޅުނު ފުރަތަމަ މެޗުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ދެ ވަނަ ހާފުގައި އަރައި ޒަލަޓާން އިބްރަހިމޮވިޗް ޖެހި ދެ ގޯލާ އެކު ފަހަތުން އަރައި އެލްއޭ އަތުން 4-3 އިން އެލްއޭ ގެލެކްސީ މޮޅުވެއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލޮސް އެންޖެލެސް، ޔުނައިޓެޑް ސްޓޭޓްސް (އޭޕްރީލް 1) - ކުޅުނު ފުރަތަމަ މެޗުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ދެ ވަނަ ހާފުގައި އަރައި ޒަލަޓާން އިބްރަހިމޮވިޗް ޖެހި ދެ ގޯލާ އެކު ފަހަތުން އަރައި އެލްއޭ އަތުން 4-3 އިން އެލްއޭ ގެލެކްސީ މޮޅުވެއްޖެ އެވެ.

އެމެރިކާގެ މޭޖާ ލީގުގެ ގެލެކްސީއާ ދާދި ފަހުން ގުޅުނު އިބްރަހިމޮވިޗް ރޭ ކުޅެން އެރިއިރު މެޗު ނިމެން އޮތީ 20 މިނެޓެވެ. އޭރު ގެލެކްސީ އޮތީ 3-1 އިން ދަށުގަ އެވެ. ކުޅެން އެރިތާ މާގިނަ ވަގުތުތަކެއް ނުވެ އިބްރަހިމޮވިޗް ފުރަތަމަ ލަނޑު ޖެހީ ހާފުގެ މެދުތެރެއިން ފޮނުވާލި ވޮލީ އަކުންނެވެ. އޭނާ އެ ޓީމު މޮޅުކޮށްދިން ލަނޑު ޖެހީ މެޗުގެ އިތުރު ވަގުތުގައި ބޮލުންނެވެ.

"ބެންޗުގައި އިން އިރު އަހަރެން އެހިން ސަޕޯޓަރުން ޒަލަޓާން (އިބްރަހިމޮވިޗް) ބޭނުންވާ ވާހަކަ ބުނި އަޑު. ބެންޗުން އަރައި އަހަރެން މި ސާބިތުކޮށްދިނީ އެ ސަޕޯޓަރުން ޒަލަޓާން (އިބްރަހިމޮވިޗް) ދަނޑުމަތީގައި ބަހައްޓަން ބޭނުންވި ސަބަބު،" މެޗަށް ފަހު ފޮކްސް ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި އިބްރަހިމޮވިޗް ބުންޏެވެ.

ސްވިޑަންގެ މަލްމޯ އިން ކެރިއަރު ފަށައި ނެދަލެންޑްސްގެ އަޔަކްސް އިން ވިދާލި އިބްރަހިމޮވިޗް ވަނީ އިޓަލީގެ ޔުވެންޓަސް އާއި އިންޓަ އާއި އޭސީ މިލާނުގެ އިތުރުން ސްޕެއިނުގެ ބާސެލޯނާ އަދި ޕީއެސްޖީ އަށް ކުޅެފަ އެވެ. މީގެ ތެރެއިން ގިނަ ޓީމުތަކަށް ކުޅުނު ފުރަތަމަ މެޗުގައި އިބްރަހިމޮވިޗް ވަނީ ލަނޑު ޖަހައިފަ އެވެ.

"އާ ޓީމަކަށް އަހަރެން އަންނައިރު އަބަދުވެސް ފުރަތަމަ މެޗުގައި ލަނޑު ޖެހޭތޯ ބަލަން. އެއީ ތާރީހުގައި އަހަރެން އަބަދުވެސް ކުރަމުން އަންނަ ކަމަކަށްވާތީ. މި މެޗުގައި ވެސް އެކަން ފުރިހަަމަ ވެއްޖެ،" އިބްރަހިމޮވިޗް ބުންޏެވެ.

އޭނާ ގެލެކްސީއާ ގުޅުނީ އިންގްލެންޑުގެ މެންޗެސްޓާ ޔުނައިޓެޑާ އެކު ހަދާފައިވާ ކޮންޓްރެކްޓް ބާތިލްކުރުމަށް ފަހު އެވެ. އޭނާ ފުރަތަމަ ސީޒަނުގައި އެ ޓީމުގައި މޮޅު ކުޅުމެއް ދެއްކި ނަމަވެސް އެ ސީޒަނުގެ ފަހުކޮޅު ކުރިމަތިވި އަނިޔާއަކާ ގުޅިގެން މި ސީޒަނުގެ ބޮޑުބައި ގެއްލުނީ އެވެ.