Roadha Mihaaru
އިދިކޮޅަށް ކާމިޔާބު ނުލިބެނީ މިސްރާބެއް ނެތީމަ: ސައީދު

އިދިކޮޅު މީހުންނަށް ކާމިޔާބު ނުވަނީ މިސްރާބެއް ނެތުމުން: ސައީދު

24 މާޗް 2018

އިދިކޮޅު ފަރާތްތަކުގެ މިސްރާބެއް ނެތް ކަމަށާއި އެމީހުންނަށް ކާމިޔާބު ނުލިބޭ ސަބަބަކީ އެއީ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ ވިދާޅުވެއްޖެ އެެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިދިކޮޅު ފަރާތްތަކުގެ މިސްރާބެއް ނެތް ކަމަށާއި އެމީހުންނަށް ކާމިޔާބު ނުލިބޭ ސަބަބަކީ އެއީ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ ވިދާޅުވެއްޖެ އެެވެ.

ގއ. ވިލިނގިލީގައި ޕީޕީއެމުން ބޭއްވި ޖަލްސާގައި ސައީދު ވިދާޅުވީ މިހާރު އިދިކޮޅުގައި ތިއްބެވި ލީޑަރުން ވަނީ އެއް ބޭފުޅަކު އަނެއް ބޭފުޅެއްގެ ހަގީގަތްތައް ކުރިިން ވިދާޅުވެފައި ކަމަށާއި އެ ބޭފުޅުންގެ ދުރުވިސްނުމެއް ނުވަތަ ހާސިލްކުރަން ބޭނުންވާ ވަކި ލަނޑުދަނޑިއެއް ނެތް ކަމަށެވެ.

ސައީދު ވިދާޅުވި ގޮތުގައި، މިއީ ރައީސް އަބްދުﷲ ޔާމީން ހައްގުގެ މަގުގައި ދެމިހުންނެވިކަން ސާބިތުކޮށްދޭ ސަބަބެކެވެ.

"ފެނިގެން ހިނގައްޖެ 30 އަހަރު، އެންމެ ވެރިއަކު ވެރިކަން ކުރި ތަން. ފެނިގެން ހިނގައްޖެ އެގޮތް ކަމު ނުދެއޭ، އެ ވެރިއަކު ވެރިކަން ކުރީ ގޯސްކޮށޭ ބުނެ ތިން އަހަރު ރައީސްކަމާ ހަވާލުވި ވެރިއެއް، ފެނިގެން ހިނގައްޖެ އެ ވެރިމީހާ ތިން އަހަރަށް ފަހު އިސްތިއުފާ ދީފައި ދިވެހި ރައްޔިތުންނާ ދުރަށް ދިޔަ މަންޒަރު، 23 ޑިސެމްބަރުގައި، ދާދި ކައިރި ތާރީހެއްގައި ޝެއިހު އިމްރާން ވިދާޅުނުވޭތޯ ރައީސް ނަޝީދަކީ ހުޅަނގުގެ އެޖެންޓެކޭ، ރައީސް މައުމޫން ވިދާޅުނޭތޯ މުހައްމަދު ނަޝީދަކީ ކާކުކަން، ގާސިމް އިބްރާހިމް ވިދާޅުނުވޭތޯ މުހައްމަދު ނަޝީދަކީ ކާކުކަން، މުހައްމަދު ނަޝީދު ވިދާޅެއް ނުވޭތޯ ރައީސް މައުމޫނަކީ ކޮން ބޭފުޅެއްކަން. ރައީސް މައުމޫން ވިދާޅެއް ނުވޭތޯ ދެން ތިބި ބޭފުޅުންނަކީ އާދެ، އިދިކޮޅު ކޯލިޝަންގައި މި ތިއްބަވާ މީހުންނަކީ ކޮބައިކަން،" ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ އިދިކޮޅު މީހުންގެ އެއްވެސް މިސްރާބެއް، އެއްވެސް ކަހަލަ ޕްލޭނެއް ނެތް" ކަމަށެވެ.

"...ތަރައްގީގެ އެއްވެސް ކަހަލަ ފިކުރެއް ވިސްނުމެއް ނެތް ބައެއްގެ ވާހަކަ. އެއީ އެ މީހުންނަށް ކާމިޔާބު ނުވާނެ ސަބަބަކީ. އެއީ ރައީސް ޔާމީން ހައްގުމަގުގައި ހުރިކަން ދޭހަކޮށްދޭ އެންމެ ސާބިތު އަސާސަކީ."

އޭނާ ވިދާޅުވީ ރައީސް ޔާމީން ގައުމު ތަރައްގީކުރައްވަނީ އެންމެ ހެޔޮ އަގުގައި ބޭރު ފައިސާ ހޯއްދަވައިގެން ކަމަށެވެ. އެއީ މި ފަހުގެ ތާރީހެއްގައި ގައުމަކަށް ލިބޭނެ އެންމެ ހެޔޮ އަގު ކަމަށް ސައީދު ވިދާޅުވި އެވެ.

ރައީސް ޔާމީން ގައުމާ ހަވާލުވެވަޑައިގެންނެވީ ގައުމު އަނދިރިކަމަކަށް ވައްޓާލައި ނާމާންކަމެއްގެ ތެރޭގައި އޮއްވައި ކަމަށާއި ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި އެމަނިކުފާނު ކޮށްދެއްވި މަސައްކަތުން އިތުރު ދައުރަކަށް ޖާގަ ދެއްވަން ޖެހޭ ކަމަށް ވެސް ސައީދު ވިދާޅުވި އެެވެ.

ރައީސް ޔާމީން އަލުން އިންތިހާބުކޮށްފި ނަމަ، ސައީދު ވިދާޅުވި ގޮތުގައި، ބޭރު ގައުމުތަކަށް ގޮސް ސަލާންޖަހާކަށް ނުޖެހޭނެ އެވެ.