Roadha Mihaaru
ތިމާވެށި ހިމާޔަތްކުރަން މަސައްކަތްކުރާ ރިސޯޓަށް އެވޯޑެއް

ތިމާވެށި ރައްކާތެރިކުރަން އެންމެ ބޮޑަށް މަސައްކަތްކުރާ ރިސޯޓަކަށް އެވޯޯޑެއް ދެނީ

18 ޖުލައި 2016

ތިމާވެށި ރައްކާތެރިކޮށް ސާފުކޮށް ބެލެހެއްޓުމަށް އެންމެ ރަނގަޅަށް މަސައްކަތް ކުރަމުން އަންނަ ރިސޯޓަކަށް "ތްރީއާރު އެވޯޑު"ގެ ނަމުގައި މިއަހަރު އެވޯޑެއް ދޭނެ ކަމަށް އެންވަޔަރްމަންޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ތިމާވެށި ރައްކާތެރިކޮށް ސާފުކޮށް ބެލެހެއްޓުމަށް އެންމެ ރަނގަޅަށް މަސައްކަތް ކުރަމުން އަންނަ ރިސޯޓަކަށް "ތްރީއާރު އެވޯޑު"ގެ ނަމުގައި މިއަހަރު އެވޯޑެއް ދޭނެ ކަމަށް އެންވަޔަރްމަންޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ކުނި މެނޭޖުކުރުމާ ގުޅޭގޮތުން މިނިސްޓްރީން އިއްޔެ ދަރުބާރުގޭގައި ފެށި "ސާފު ރާއްޖެ ގައުމީ މަހާސިންތާ"ގެ މަސައްކަތްތައް ހިއްސާކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ އާމިރު ވިދާޅުވީ ތްރީއާރު އެވޯޑަކީ ރިސޯޓުތަކުގެ ޕްރޮމޯޝަނަށް ލިބޭނެ ވަރަށް މުހިއްމު އެވޯޑެއް ކަމަށެވެ.

މިނިސްޓްރީން މިދިޔަ އަހަރު ވަނީ ތިމާވެއްޓާ ގުޅޭގޮތުން ބައިނަލްއަގުވާމީ ފޯރަމެއް ބާއްވައިފަ އެވެ. ތްރީއާރުގެ ނަމުގައި ބޭއްވި އެ ފޯރަމްގެ ތެރޭގައި 99 ރިސޯޓަކުން ވަނީ ކުނި މަދުކުރުމާ ގުޅޭ ގަރާރެއްގައި ސޮއިކޮށްފަ އެވެ. އެ ގަރާރާ އެއްގޮތަށް ކަންތައްތައް ތަންފީޒުކުރެވެމުން އާދޭތޯ އިއްޔެ މަޝްވަރާކޮށްފައިވާނެ ކަމަށް އެންވަޔަރްމަންޓް މިނިސްޓްރީން ބުންޏެވެ.

އާމިރު ވިދާޅުވީ އެވޯޑު ދޭނީ މައިގަނޑު ހަ ކަމަކަށް ބެލުމަށްފަހު އެންމެ މަތީން މާކްސް ލިބޭ ރިސޯޓަކަށެވެ. އަދި ކުނި ނައްތާލާ ތަނަކަށް ރިސޯޓުން ގެންދާ ކުނި މަދުވުމަކީ ވެސް އެއް އަމާޒު ކަމަށް އޭނާ ވިދާޅުވި އެވެ.

މަހާސިންތާގެ މިއަދުގެ ސެޝަންތަކުގައި ވަނީ އެންވަޔަރްމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)ން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވައިފަ އެވެ. މީގެ އިތުރުން ލިބެން ހުރި ވަސީލަތްތަކުން ކުނި މެނޭޖުކުރުމާ ގުޅޭގޮތުން ވެސް ވާހަކަ ދައްކާފައިވާ ކަމަށް އާމިރު ވިދާޅުވި އެވެ.

މަހާސިންްތާއަށް ގާތްގަނޑަކަށް ތިން މިލިއަނެއްހާ ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށް މިނިސްޓްރީން ބުންޏެވެ. ނަމަވެސް ސީދާ އަދަދެއް އިނގޭނީ މަހާސިންތާ ނިމުމުން ކަމަށް އާމިރު ވިދާޅުވި އެވެ.