19 މާޗް 2018
ސަރުކާރުން މިހާރު ހުރިހާ ކަމެއް ވެސް ކުރަމުން ދަނީ ގާނޫނާއި ގަވައިދުތަކާ ހިލާފަށް ކަމަށާއި ލޯކަލް ގަވަރަމަންޓް އޮތޯރިޓީން (އެލްޖީއޭ) އިން އައްޑޫ ސިޓީ ކައުންސިލްގެ ހަތަރު މެމްބަރަކު ސަސްޕެންޑްކޮށް، ކައުންސިލް އުވައިލާނެ ކަމުގެ ބިރު ދެއްކިޔަސް، ހައްގު ބަސް ބުނުމުގައި ފަސްނުޖެހޭނެ ކަމަށް އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުން މިހާރު ހުރިހާ ކަމެއް ވެސް ކުރަމުން ދަނީ ގާނޫނާއި ގަވައިދުތަކާ ހިލާފަށް ކަމަށާއި ލޯކަލް ގަވަރަމަންޓް އޮތޯރިޓީން (އެލްޖީއޭ) އިން އައްޑޫ ސިޓީ ކައުންސިލްގެ ހަތަރު މެމްބަރަކު ސަސްޕެންޑްކޮށް، ކައުންސިލް އުވައިލާނެ ކަމުގެ ބިރު ދެއްކިޔަސް، ހައްގު ބަސް ބުނުމުގައި ފަސްނުޖެހޭނެ ކަމަށް އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) މިއަދު ވިދާޅުވެއްޖެ އެވެ.
ސޯބެގެ އިތުރުން މުސާރަ އާއި އިނާޔަތްތައް ނުލިބޭ ގޮތަށް އެއް މަސް ދުވަހަށް ސަސްޕެންޑްކޮށްފައި ވަނީ ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފާއި ފޭދޫ ކައުންސިލަރު އަލީ ފަހުމީ އަހުމަދުގެ އިތުރުން އައްޑޫ ސިޓީ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ހަމައެކަނި އަންހެން ކައުންސިލަރު، ހިތަދޫ މެދު ދާއިރާގެ ޖަމްޝީދާ މުހައްމަދެވެ.
މާލެ ފިޔަވައި ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޓީގެ ހަތް ކައުންސިލަރުންނަކީ ވެސް އިދިކޮޅު އެމްޑީޕީގެ މެމްބަރުންނެވެ.
އެލްޖީއޭ އިން ހަތަރު ކައުންސިލަރު ސަސްޕެންޑް ކުރީ ސްޕްރީމް ކޯޓުން ފެބްރުއަރީ 1 ގައި ނެރުނު އަމުރު ތަންފީޒު ކުރަން ގޮވާލައި، ނޫސް ބަޔާނެއް ނެރުމުންނެވެ. އެލްޖީއޭ އިން ބުނީ ކައުންސިލުން އެކަން ކުރީ ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް ދޭ ބާރާއި އިމްތިޔާޒުގެ ބޭރުން ކަމަށެވެ.
މިކަމާ ބެހޭ ގޮތުން މޭޔަރު ވިދާޅުވީ އެލްޖީއޭ އިން ކައުންސިލަރުންނަށް ފިޔަވަޅު އެޅީ ޖަވާބުދާރީވުމުގެ އެއްވެސް ފުރުސަތެއް ނުދީ ކަމަށެވެ.
"އުސޫލެއްގެ ގޮތުން އެލްޖީއޭ އިން މިހާރު އެކަން ކުރި ގޮތަކަށް ފިޔަވަޅު އެޅުމުގެ ހައްގެއް ވެސް ނޯންނާނެ. މިއީ ޑިމޮކްރެޓިކް މުޖުތަމައަކުން ކަންކަން ހިނގާ އުސޫލެއް ވެސް ނޫން،" ސޯބެ ވިދާޅުވި އެވެ.
"އެކަމަކު އަޅުގަނޑުމެން ހައިރާނެއް ނުވޭ އެލްޖީއޭ އިން މިފަދަ ފިޔަވަޅެއް އެޅުމަކުން ވެސް. ހުރިހާ ކަމެއް މި ކުރަނީ މިހާރު ހަމަ އާއި އުސޫލްތަކާއި ގާނޫނުތަކާއި ގަވައިދުތަކާ ހިލާފަށް."
މޭޔަރުކަން ތިން ވަނަ ދައުރަކަށް ކުރައްވަމުން ގެންދަވާ ސޯބެ ވިދާޅުވި ގޮތުގައި ކައުންސިލްތަކުގެ ބާރު ކުރިން ވެސް އޮތީ ކަނޑުވާލާފަ އެވެ. އޭގެ އިތުރުން ކައުންސިލަރުންގެ މުސާރަ ވެސް ކުޑަކުރި އެވެ. އެހެންކަމުން މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކުރުމަކުން ކައުންސިލަރުން ހާސްވެ، ހަދާނެ ގޮތް ހުސްނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިތިބީ ވަރަށް ސާބިތުކަމާ އެކު،" ސޯބެ ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވީ ސަރުކާރުން ގާނޫނާ ހިލާފަށް ކުރަމުންދާ ކަންކަމަށް ރާއްޖޭގެ ހުރިހާ ކައުންސިލަކުން ވެސް ހައްގު ބަސް ބުނާނެ ކަމަށެވެ. އަދި އެކަން ނުހުއްޓޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އެހެންވީމާ އެލްޖީއޭ އިން ޖެހޭނީ ހަމަ މިގޮތަށް ކައުންސިލަރުން ސަސްޕެންޑްކޮށް، ކައުންސިލްތައް އުވައިލާނެ ކަމުގެ ބިރު ދައްކަދައްކައި ތިބެން. ސިޔާސީ ގޮތުން ވެސް އަޅުގަނޑުމެން ކުރާ މަސައްކަތަށް ހަމަހިލާ ކުޑަ ވެސް ހުއްޓުމެއް ނާންނާނެ،" ސޯބެ ވިދާޅުވި އެވެ.
"މިހާރު މިވީ ގޮތުން ކައުންސިލަރުންނަށް މާ ބޮޑަށް ވެސް ފަސޭހަވެގެން ދިޔައީ ސަރުކާރަށް ދެކޮޅަށް ބާއްވާ މުޒާހަރާތަކަށް ވެސް ނުކުންނަން. ނިކަން ބަލަން ތިބެމާ ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ކިތައް ކައުންސިލަރުން މާލޭގެ މުޒާހަރާތަކަށް ވެސް ނުކުންނަތޯ."
މިދިޔަ މަހު އައްޑޫގައި ބޭއްވި މުޒާހަރާއެއްގައި ފަހުމީ (ކ)، ޖަމްޝީދާ އަދި ޔަސްރިފް (ވ).
ސޯބެ ވިދާޅުވީ އެލްޖީއޭ އިން ހަތަރު ކައުންސިލަރަކު ސަސްޕެންޑް ކުރުމުން އިދާރީ ގޮތުން ކައުންސިލްގެ މަސައްކަތްތައް ހުއްޓޭނެ ކަމަށެވެ.
"މިހާރު މިވީ ގޮތުން ކައުންސިލްގެ ބައްދަލުވުމެއް ވެސް ނުބޭއްވޭނެ. ހަތަރު މެމްބަރަކު ސަސްޕެންޑްކޮށްފައި ދެން ތިބި، ތިން ކައުންސިލަރުންގެ ކައިރީގައި މަސައްކަތް ކުރިއަށް ގެންދާށޭ ބުންޏަސް އެކަމެއް ނުކުރެވޭނެ. ކޯރަމަކީ ހަތަރެއް،" ސޯބެ ވިދާޅުވި އެވެ.
"އެހެންވީމަ ދެން ކިހިނެއްތޯ ކޯރަމް ނެތި ކައުންސިލްގެ ބައްދަލުވުމެއް ވެސް ބާއްވާނީ؟ މިކަމަކީ އިދާރީ ގޮތުން ކައުންސިލްތައް ހުއްޓުމަކަށް ގެނައުން."
އޭނާ ވިދާޅުވި ގޮތުގައި އެލްޖީއޭ އިން ވެސް ނުހައްގުން ކުރާ ކަންކަމަށް ފަހުން ޖަވާބުދާރީވާން ޖެހޭނެ އެވެ. އަދި އެ ދުވަސް އަންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އަބަދަކު މިގޮތަށް ފިއްތައިގެން އޮބިއަޅައިގެން، ބިރު ދައްކައިގެނެއް ނުތިބެވޭނެ. އެ ބޭފުޅުން ވެސް ކުރާ ގާނޫނާ ހިލާފު ކަންކަމަށް ޖަވާބުދާރީވާން ޖެހޭނެ ދުވަހެއް އަންނާނެ،" ސޯބެ ވިދާޅުވި އެވެ.
އައްޑޫ ޑެޕިއުޓީ މޭޔަރު އިސްތިއުފާ ދީފި
އައްޑޫގެ ފެން މީޓަރުން ނަގާ 30ރ. އުނިކޮށްފި
އައްޑޫ މޭޔަރާއި ތިން ކައުންސިލަރަކު ސަސްޕެންޑްކޮށްފި
އައްޑޫ މޭޔަރަކަަށް މި ފަހަރު ވެސް ސޯބެ
ގޯއްޗަށް ކުރިމަތިލާން ދަންވަރު ހުޅުވުން ބޭއަދަބީ!
ކައުންސިލުން ހުޅުމީދޫ ވަކިވާން ޖެހޭ ސަބަބެއް ނެތް: މޭޔަރު
އައްޑޫ ޑެޕިއުޓީ މޭޔަރަކީ ޝުއާއު
އައްޑޫގެ އަޣުލަބިއްޔަތު ވެސް އެމްޑީޕީ އަށް ގެއްލިއްޖެ
އައްޑޫ މޭޔަރުކަން އަލީ ނިޒާރަށް
އަލީ ނިޒާރު: އަބަދުވެސް ރައްޔިތުންނާ ކައިރީގައި