Roadha Mihaaru
އައްޑޫ މޭޔަރުކަން އަލީ ނިޒާރަށް

އައްޑޫ މޭޔަރުކަން އަލީ ނިޒާރަށް

10 އެޕްރީލް 2021

މިއަދު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫގެ މޭޔަރުގެ މަގާމަށް ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އަލީ ނިޒާރު މަގާމު ކާމިޔާބުކޮށްފައިވާކަން މިހާތަނަށް ލިބުނު ނަތީޖާތަކުން ދައްކައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިއަދު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫގެ މޭޔަރުގެ މަގާމަށް ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އަލީ ނިޒާރު މަގާމު ކާމިޔާބުކޮށްފައިވާކަން މިހާތަނަށް ލިބުނު ނަތީޖާތަކުން ދައްކައިފި އެވެ.

އައްޑޫގައި ބެހެއްޓި 27 ވޯޓް ފޮށީގެ އިތުރުން މާލޭގައި އައްޑޫ ރައްޔިތުންނަށް ބެހެއްޓި ވޯޓް ފޮށިތަކުގެ ތެރެއިން މިހާތަނަށް އިއުލާންކުރި ވަގުތީ ނަތީޖާތައް ދައްކާ ގޮތުން މޭޔަރުގެ މަގާމަށް ނިޒާރާ އެކު ވާދަކުރެއްވި ޕީޕީއެމްގެ ކެންޑިޑޭޓް މުހައްމަދު ލަތީފާއި އަމިއްލަ ގޮތުން ވާދަކުރި އިބްރާހީމް ތާހިރަށް ވުރެ ހުރިހާ ފޮއްޓަކުން ވެސް ނިޒާރު ކުރި ހޯއްދަވާފައިވެ އެވެ.

ނިޒާރުގެ ކާމިޔާބީއާއާ އައްޑޫގެ ވަރަށް ގިނަ ބަޔަކު މިހާރު އަންނަނީ ސޯޝަލް މީޑިއާގައި ނިޒާރަށް މަރުހަބާ ވެސް ކިޔަމުންނެވެ.

ނިޒާރަކީ ރައްޔިތރުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާފައިވާ އަދި އެމްޑީޕީއާ އެކު ސިޔާސީ ގޮތުން މިހާތަނަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އައްޑޫގެ މޭޔަރުކަން ނިޒާރަށް ކަށަވަރުވެފައިވާ އިރު، މި ފަހަރުގެ އިންތިހާބަކީ އައްޑު އަށް ސިޓީއެއްގެ ދަރަޖަ ލިބުނު ފަހުން މޭޔަރު ރައްޔިތުންގެ ވޯޓުން ހޮވި ފުރަތަމަ ފަހަރު ވެސް މެ އެވެ.

ކައުންސިލްގެ ކުރީގެ ދެ ދައުރަކީ ކައުންސިލްގައި ހިމެނޭ ދާއިރާތައް ކާމިޔާބުކުރައްވާ މެމްބަރުންގެ މެދުގައި ވޯޓްލައިގެން ހޮވާ މަގާމެކެވެ. އެގޮތުން މޭޔަރާއި ޑެޕިއުޓީ މޭޔަރު ހޮވަނީ ކައުންސިލް މެމްބަރުންގެ މެދުގައި ސިއްރު ވޯޓެއް ލައިގެންނެވެ. އައްޑޫ ސިޓީ ކައުންސިލްގެ ފާއިތުވި ދެ އަހަރުގައި މޭޔަރުކަން ކުރެއްވީ ހިތަދޫ އުތުރު ދާއިރާ ތަމްސީލުކުރެއްވި އަބްދުﷲ ސޯދިގް (ސޯބެ) އެވެ.

މި ފަހަރު އައްޑޫ ސިޓީ ކައުންސިލަކީ ޖުމްލަ 13 މެމްބަރުން ހިމެނޭނެ ކައުންސިލެކެވެ. ކުރިން ކައުންސިލްގައި ހިމެނުނީ ހަތް މެމްބަރުންނެވެ. އޭގެ ތެރެއިން ތިން ކެންޑިޑޭޓަކަށް ވަނީ އިންތިހާބަކާ ނުލައި މި ފަހަރު ގޮނޑި ކަށަވަރުވެފަ އެވެ. އެއީ ހިތަދޫ ކޮރުވަލު ދާއިރާ އަށް ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް ޝިނާޒް މޫސާ އާއި ހުޅުދޫ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް ހުސެއިން ފައިޒުއްރަހްމާނާއި ހިތަދޫ ބޭރުމަތި ދާއިރާގެ ކެންޑިޑޭޓް މަރިޔަމް ސައީދެވެ.