Roadha Mihaaru

އެމިރޭޓްސްގެ ބޯޓުން ވެއްޓުނު ފްލައިޓް އެޓެންޑެންޓް މަރުވެއްޖެ

ކަމްޕާލާ (މާޗް 16) - ޔުގެންޑާގެ އެންޓެބެ އެއާޕޯޓުގައި ޕާކްކޮށްފައި އޮތް އެމިރޭޓްސް އެއާލައިނުގެ މަތިންދާ ބޯޓެއްގެ އިމަޖެންސީ ދޮރުން ވެއްޓުނު ފްލައިޓް އެޓެންޑެންޓް މަރުވެއްޖެ އެވެ.

އެމިރޭޓްސްގެ ބޯޓުން ވެއްޓުނު އެޓެންޑެންޓް މަރުވެއްޖެ
ހަސަން އާމިރު
ހަސަން އާމިރު

16 މާޗް 2018

ކަމްޕާލާ (މާޗް 16) - ޔުގެންޑާގެ އެންޓެބެ އެއާޕޯޓުގައި ޕާކްކޮށްފައި އޮތް އެމިރޭޓްސް އެއާލައިނުގެ މަތިންދާ ބޯޓެއްގެ އިމަޖެންސީ ދޮރުން ވެއްޓުނު ފްލައިޓް އެޓެންޑެންޓް މަރުވެއްޖެ އެވެ.

އަންހެން އެޓެންޑެންޓް މަރުވީ ހޮސްޕިޓަލަށް ގެންދިޔަ ފަހުންނެވެ. ވެރިރަށް ކަމްޕާޕާގެ ކިސޫބީ ހޮސްޕިޓަލުގެ އޮފިޝަލަކު ބުނީ އެޓެންޑެންޓުގެ މޫނަށާއި ކަކުލަށް ބޮޑެތި ޒަޚަމްތައް ލިބިފައިވާ ކަމަށެވެ. ބޯއިން 777 ގެ ބޯޓުގެ އިމަޖެންސީ ދޮރުން އޭނާ ވެއްޓުނީ ބޯޑިން އަށް ތައްޔާރުވެފައި ވަނިކޮށެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އެޓެންޑެންޓް ވެއްޓުނީ އިމަޖެންސީ ދޮރު ހުޅުވަން އުޅެނިކޮށެވެ. ޔުގެންޑާގެ އޭވިއޭޝަން އޮތޯރިޓީން މިހާރު ވަނީ އެ ހާދިސާ ތަހްގީގު ކުރަން ފަށައިފަ އެވެ.

އެމިރޭޓްސް އެއާލައިނުން ނެރުނު ބަޔާނެއްގައި ވެސް ވަނީ ބޯޑިން އަށް ބޯޓު ތައްޔާރު ކުރުމުގައި އުޅުނު އެޓެންޑެންޓަކު ވެއްޓުނުކަން ޔަގީންކޮށްދީފަ އެވެ. އަދި ޔުގެންޑާ އިން ކުރިއަށް ގެންދާ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ވަނީ ބުނެފަ އެވެ.