Roadha Mihaaru
ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށްފި

ކުށެއް ސާބިތުވެއްޖެ ނަމަ އޮޓަމެޓިކުން ފަނޑިޔާރުކަން ގެއްލޭ އިސްލާހު ތަސްދީގު ކުރައްވައިފި

14 މާޗް 2018

ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ އިސްތިއުނާފް މަރުހަލާ ނިމޭއިރު ވެސް އެ ހުކުމް ދަމަހައްޓައިފި ނަމަ މަޖިލީހުުގެ ދައުރެއް ނެތި، އޮޓަމެޓިކުން ފަނޑިޔާރުކަން ގެއްލޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހު ރައީސް އަބްދުﷲ ޔާމީން މިއަދު ތަސްދީގު ކުރައްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ އިސްތިއުނާފް މަރުހަލާ ނިމޭއިރު ވެސް އެ ހުކުމް ދަމަހައްޓައިފި ނަމަ މަޖިލީހުުގެ ދައުރެއް ނެތި، އޮޓަމެޓިކުން ފަނޑިޔާރުކަން ގެއްލޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހު ރައީސް އަބްދުﷲ ޔާމީން މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ގާނޫނު އަސާސީގެ 154 ވަނަ މާއްދާ ބުނާގޮތުން ފަނޑިޔާރަކު މަގާމުން ވަކި ކުރެވެނީ ޖުޑިޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ) އިން ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވާ މެމްބަރުންގެ ތެރެއިން ތިން ބައި ކުޅަ ދެ ބައި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

އެކަމަކު ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ފަނޑިޔާރުންގެ ގާނޫނަށް ހުށަހަޅުއްވައި، މަޖިލީހުން އިއްޔެ ފާސްކުރި އިސްލާހުގައިވާ ގޮތުން ޖިނާއީ ކުށެއް ފަނޑިޔާރެއްގެ މައްޗަށް ސާބިތުވެގެން އިސްތިއުނާފް މަރުހަލާ ނިމޭއިރު ވެސް އެ ހުކުމް ދަމަހައްޓައިފި ނަމަ މަޖިލީހުގެ ދައުރެއް ނެތި އޮޓަމެޓިކުން އެ ފަނޑިޔާރަކު ވަކިވާނެ އެވެ. އަދި އެ ހާލަތުގައި ގާނޫނު އަސާސީގެ 154 ވަނަ މާއްދާގައި ބުނާ ގޮތަށް މަޖިލީހަށް ހުށަހަޅައި، ފާސްކުރަން ނުޖެހޭނެ ކަމަށް ވެސް އެ އިސްލާހުގައިވެ އެވެ.

ސަބަބެއްގެ ގޮތުގައި އެ އިސްލާހުގައިވަނީ ކުށެއްް ސާބިތުވެގެން ފަނޑިޔާރަކު ވަކިވާ ވަކިވުމަކީ ތައުދީބީ ނުވަތަ ސުލޫކީ ފިޔަވަޅަކާ ގުޅިގެން ވަކިވާ ވަކިވުމެއް ކަމަށް ނުވާތީ އެވެ.

މީގެ އިތުރުން ފަނޑިޔާރެއްގެ މައްޗަށް ކުށެއް ސާބިތުވެއްޖެ ނަމަ އިސްތިއުނާފްގެ ހުރިހާ މަރުހަލާ ނިންމަންޖެހޭ މުއްދަތު ވެސް އެ އިސްލާހުގައި ވަނީ ކަނޑައަޅައިފަ އެވެ. އެގޮތުން އިސްތިއުނާފްގެ ކޮންމެ މަރުހަލާއަކުން ވެސް އެފަދަ މައްސަލަތައް 30 ދުވަސް ތެރޭގައި ނިންމަންޖެހޭ ގޮތަށް އެ އިސްލާހުގައިވަނީ ހިމަނައިފަ އެވެ.

ޖިނާއީ ކުށެއްގެ ތުހުމަތުގައި ފަނޑިޔާރަކު ހައްޔަރުކޮށްފި ނަމަ މުސާރަ ލިބޭ ގޮތަށް އެ ފަނޑިޔާރަކު ސަސްޕެންޑް ކުރަންޖެހޭ ގޮތަށް ވެސް އިސްލާހުގައިވަނީ ކަނޑައަޅައިފަ އެވެ. އަދި ފަނޑިޔާރެއްގެ މައްޗަށް ކުށެއްގެ ދައުވާ އުފުލައިފި ނަމަ މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކުރަން ޖެހޭނެ ކަމަށް ވެސް އެ އިސްލާހުގައިވެ އެވެ.

އެ އިސްލާހު އެގޮތަށް ފާސްކުރީ ޖިނާއީ ބޮޑެތި ތުހުމަތުތަކެއްގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކޮށްފައި ވަނިކޮށެވެ. އެ ބޭފުޅުންގެ މައްޗަށް ރިޝްވަތުގެ ތުހުމަތާއި ގާނޫނާ ޚިލާފަށް ސަރުކާރު ބަދަލުކުރަން އުޅުމުގެ ތުހުމަތު ވެސް ކުރެ އެވެ. އެހެންވެ އެ ދެ ބޭޭފުޅުންގެ މައްޗަށް ކުށެއް ސާބިތުވެގެން އިސްތިއުނާފު މަރުހަލާ ނިމިއްޖެ ނަމަ، މިއަދު ތަސްދީގު ކުރެއްވި އިސްލާހުގެ ދަށުން އެ ދެ ބޭފުޅުންގެ މަގާމު ގެއްލޭނެ އެވެ.