Roadha Mihaaru
ގާޒީންނާއި ފުލުހުން ތިބެނީ ކުށްވެރިންނާ ގުޅިފައި:ސަލީމް

ގާޒީންނާއި ފުލުހުން ތިބެނީ ކުށްވެރިންނާ ގުޅިފައި: ސަލީމް

17 ޖުލައި 2024

ބޮޑެތި ކުށްތައް ސާބިތު ނުވަނީ ގާޒީންނާއި ފުލުހުން ކުށްވެރިންނާ ގުޅިފައި އޮންނާތީ ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ބޮޑެތި ކުށްތައް ސާބިތު ނުވަނީ ގާޒީންނާއި ފުލުހުން ކުށްވެރިންނާ ގުޅިފައި އޮންނާތީ ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

ކަފާލާތް ދެވޭ ގޮތަށް ގާނޫނު އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލަށް މިއަދު ބަހުސް ކުރައްވަމުން ސަލީމް ވިދާޅުވީ ރާއްޖޭގައި މަސްތުވާތަކެއްޗާއި ނުވަތަ ބޮޑެތި އެއްވެސް ކުށެއް މިހާރު ސާބިތު ނުވުމަކީ ވަރަށް ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.

މަސްތުވާތަކެތި އެތެރެ ކުރާ މީހުންނާއި ބޮޑެތި ވައްކަންތައް ކުރާ މީހުން މިހާރު އެއްވެސް ކުށަކަށް އަރައިގަންނަން ބިރެއް ނުގަންނަ ކަމަށާއި ސަލާމަތް ވާނެ ކަމުގެ ޔަގީންކަން އެ މީހުންނަށް އޮންނަ ކަމަށް ސަލީމް ވިދާޅުވި އެވެ.

މައްސަލައެއް ތަހުގީގު ކުރުމަށް ފަހު ކޯޓު މަރުހަލާ އަށް ދިޔުމުން ކޮންމެވެސް "ލޫޕް ހޯލެއްގެ" ތެރެއިން ގާޒީންގެ ވިސްނުން ހުންނަނީ ކުށް ކުރާ މީހާ ސަލާމަތް ކުރުމަށް ކަމަށާއި އެއްވެސް މީހަކަށް އަދަބެއް ލިބޭތަން ނުފެންނަ ކަމަށް ސަލީމް ވިދާޅުވި އެވެ.

"އަޅުގަނޑު ދަންނަވާނީ ގާޒީންނާއި ބައެއް ފުލުހުންނާ ގުޅިގެން މައުލޫމާތު ހޯދަައިގެން އެ ކަންކަން ކުރިޔަށް ދަނީ،" ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވި ގޮތުގައި ކުށް ސާބިތު ނުވާތީ މިހާރު ގައުމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ އެވެ. ކުށުގެ ވެށީގައި މިހާރު 13 އަހަރުގެ ކުޑަކުދިން ވެސް އުޅެން ފަށާފައިވާ ކަމަށް ސަލީމް ވިދާޅުވި އެވެ.

އޭގެ އިތުރުން މަސްތުވާތަކެތި އެތެރެ ކުރުމުގެ ފަހަތުގައި ހުންނަ މީހާ، އެހެން މީހަކު ކުށާ ހަވާލުވާން ވެސް އަންގައިގެން މައްސަލަތައް ނިންމާފައި އެބަހުރި ކަމަށާއި އެއީ ރާވައިގެން ވަރަށް ގިނައިން ހިންގާ ކަންކަން ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.

"ހެކި ލިބިފައި ހުރި ކަމަށްވަންޏާ ކުށް ސާބިތު ވާނެ. ސާބިތު ވާ ވަރަށް ފުލުހުން ރިޕޯޓުތައް ހަދާ. ކޮންމެވެސް ދިމާލަކުން އެއްޗެއް މަދުވެގެންނޭ ކިޔާފަ ދޫކޮށްލަނީ،" އޭނާ ވިދާޅުވި އެވެ.