Roadha Mihaaru
ނިޔާ ވަގުތީ ގޮތުން ވިކްޓަރީގެ އެސިސްޓަންޓް ކޯޗަކަށް

ނިޔާ ވަގުތީ ގޮތުން ވިކްޓަރީގެ އެސިސްޓަންޓް ކޯޗަކަށް

10 މާޗް 2018

ތަޖުރިބާކާރު މިޑްފީލްޑަރު އަހުމަދު ނިޔާޒް (ނިޔާ) ވަގުތީ ގޮތުން ވިކްޓަރީގެ އެސިސްޓަންޓް ކޯޗަކަށް ހަމަޖައްސައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ތަޖުރިބާކާރު މިޑްފީލްޑަރު އަހުމަދު ނިޔާޒް (ނިޔާ) ވަގުތީ ގޮތުން ވިކްޓަރީގެ އެސިސްޓަންޓް ކޯޗަކަށް ހަމަޖައްސައިފި އެވެ.

މި ސީޒަނުގައި ކްލަބް ގްރީން ސްޓްރީޓްސް އަށް ކުޅުމަށް ނިޔާ ސޮއިކުރި އެވެ. އެހެން ނަމަވެސް އެ ޓީމުން ރިލީޒް ހޯދައި އޭނާ ފަހުން ވަނީ މިދިޔަ ސީޒަނުގައި އޭނާ ކުޅުނު ކްލަބް ކަމަށްވާ ވިކްޓަރީ އަށް ބަދަލުވެފަ އެވެ.

"މި ސީޒަނުގައި ފުރަތަމަ ގްރީން ސްޓްރީޓްސް އަށް ކުޅެން ސޮއިކުރީ. އެކަމަކު އެ ޓީމުން ރިލީޒް ހޯދައިގެން ވިކްޓަރީއާ ގުޅުނީ." ނިޔާ "މިހާރަ"ށް ބުންޏެވެ.

ނިޔާ ބުނީ މި ވަގުތު ކޯޗު ލާޒްލޯ ކިސްގެ އެސިސްޓަންޓެއްގެ ގޮތުގައި މަސައްކަތް ކުރި ނަމަވެސް ޓްރާންސްފާ އަށް ފަހު އެކަން ބަދަލުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

"މި ވަގުތު ހާލަތު ހުރިގޮތުން ނެތް ކުޅެވެން. ސީޒަންގެ ފުރަތަމަ ކޮޅުގައި އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ފެންނާނީ. ދެން ކޯޗު (ކިސް) ބޭނުންނަމަ ޓްރާންސްފާގެ ފަހުން ކުޅޭނަން." ނިޔާ ބުންޏެވެ.

ކުރިން ވެލެންސިއާ އާއި ވީބީ އައްޑޫ އެފްސީ އަށް ވެސް ކުޅުނު ނިޔާ މިދިޔަ ސީޒަނުގައި ފުރަތަމަ ކުޅުނީ ވިކްޓަރީ އަށެވެ. އެ ޓީމަށް ދިވެހި ޕްރިމިއާ ލީގުން ޖާގަ ނުލިބުމުން ނިޔާ ދެން ބަދަލުވީ މިނިވަން ޗެމްޕިއަންޝިޕުން ޕްރިމިއާ ލީގަށް ކޮލިފައިވި ގދ. ތިނަދޫ ފުޓްބޯޅަ ޓީމަށެވެ. އަދި ތިނަދޫ އިން ޕްރިމިއާ ލީގުގައި ކުޅުނު މެޗުތަކުގައި ނިޔާ ވަނީ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފަ އެވެ.

މިދިޔަ ޑިސެމްބަރު މަހު އޮތް ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރި ތިނަދޫ ޓީމުގެ ކޯޗަކަށް ހުރީ ނިޔާ އެވެ.

ނިޔާގެ ކެރިއަރުގައި އެންމެ ހާއްސަ އަހަރަކީ 2013 ވަަނަ އަހަރެވެ. އެ ފަހަރު ނިއު ރޭޑިއަންޓުން އޭއެފްސީ ކަޕްގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދިއިރު، ނިޔާ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަދި އެ ފަހަރު އޭނާ ވަނީ ގައުމީ ފުޓްބޯޅަ ޓީމުން ވެސް ފުރުސަތު ހޯދައިފަ އެވެ.

މި ވަގުތު ފުރަތަމަ ޑިވިޝަނުގައި ކުޅޭ އެންމެ ދުވަސްވީ ކުޅުންތެރިޔަކީ ޔުނައިޓެޑް ވިކްޓަރީގެ ޑިފެންޑަރު އަލީ ޝަރީފް (އައްޔަ) އެވެ. އައްޔަ އަށް އަންނަ މަހު 40 އަހަރު ފުރޭނެ އެވެ. ނިޔާ އަށް މި މަހުގެ 17 ވަނަ ދުވަހު 38 އަހަރު ފުރޭނެ އެވެ.