Roadha Mihaaru
ވިކްޓަރީ އަތުން ފަހަތުން އަރައި ޔޫވީ މޮޅުވެއްޖެ

ވިކްޓަރީ އަތުން ފަހަތުން އަރައި ޔޫވީ މޮޅުވެއްޖެ

02 މާޗް 2018

އެސްްޓީއޯ މާލޭ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން ފަހަތުން އަރައި ވިކްޓަރީ ސްޕޯޓްސް ކްލަބް އަތުން 2-1 އިން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) މޮޅުވެއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އެސްްޓީއޯ މާލޭ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން ފަހަތުން އަރައި ވިކްޓަރީ ސްޕޯޓްސް ކްލަބް އަތުން 2-1 އިން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) މޮޅުވެއްޖެ އެވެ.

މި މެޗަށް ނުކުތްއިރު ޔުނައިޓެޑް ވިކްޓަރީ ވަނީ ކުޅުނު ފުރަތަމަ މެޗުން ކްލަބް ވެލެންސިއާ ބަލިކޮށްފަ އެވެ. އަދި ވިކްޓަރީ ވަނީ ފުރަތަމަ މެޗުން ކްލަބް އީގަލްސް އަތުން ބަލިވެފަ އެވެ. މި މެޗުން ލިބުނު މޮޅާ އެކު ޔުނައިޓެޑް ވިކްޓަރީ އަށް ފުރަތަމަ ދެ މެޗުން ހަ ޕޮއިންޓް ވަނީ ލިބިފަ އެވެ.

މެޗު ފަށައިގެން ވިކްޓަރީން ރަނގަޅު ކުޅުމެއް ދެއްކި އެވެ. އެ ޓީމުން ވަނީ ލަނޑު ޖަަހަން ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. މެޗުގެ ހަތް ވަނަ މިނިޓްގައި ވިކްޓަރީ އަށް ލިބުނު ހިލޭ ޖެހުމަކުން އަހުމަދު ވިސާމް (ޖެރާޑް) ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ.

ފުރަތަމަ 15 މިނިޓަށް ފަހު ޔުނައިޓެޑް ވިކްޓަރީން ކޮންމެވެސް ވަރަކަށް ކުޅުން ރަނގަޅުކުރި އެވެ.

މެޗުގެ 18 ވަނަ މިނިޓްގައި ޔުނައިޓެޑް ވިކްޓަރީގެ ޓްރިންޑާޑް އެންޑް ޓޮބޭގޯ ފޯވާޑް ކޯޑެލް ސެމިއުލް ނަގައިދިން ހުރަހަކުން އޭރިއާ ތެރެއިން އެ ޓީމުގެ އަލީ ހައިޝަމް (ޗުމްޕު) ބޮލުން ފޮނުވާލި ބޯޅަ ބޭރުވީ ވިކްޓަރީގެ ކީޕަރު މުހައްމަދު އިމްރާން އަތްމަތިން ގޮސް ހުރަސް ދަނޑީގައި ޖެހިފަ އެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ޔުނައިޓެޑް ވިކްޓަރީ އަށް ލީޑުނަގައިދޭން ސެމިއުލް އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އޭރިއާ ތެރެއަށް ހުސްކޮށް ކަހަލަ ގޮތަކަށް ވަދެ ސެމިއުލް ފޮނުވާލި ބޯޅަ ކީޕަރު އިމްރާން ވަނީ މަތަކޮށްފަ އެވެ.

ޔުނައިޓެޑް ވިކްޓަރީ އަށް ލިބުނު ފުރުސަތު އެ ޓީމުން ނަގާލުމުގެ ނަތީޖާ އަކަށްވީ ވިކްޓަރީން ލިބުނު ފުރުސަތުގެ ބޭނުން ހިފައި މެޗުގެ ލީޑު ނެގުމެވެ. ފުރަތަމަ ހާފުގެ ފަހު މިނިޓްގައި ނާއްޓޭ އަރިމަތިން ނަގައިދިން ބޯޅަ އޭރިއާ ތެރެއިން ލިބުނީ އެ ޓީމުގެ އަލީ ނާފިއު (ކަޅޭ) އަށެވެ. ކަޅޭ އެ ބޯޅަ ހުރަސްކޮށްލީ ގޯލު ކުރިމަތީ ހުސްކޮށްހުރި އެ ޓީމުގެ ބިދޭސީ ފޯވާޑް ސިމޮން އަށެވެ. އޭނާ ވަނީ ހަމަޖެހިލާފައި ގޯލު ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ވިކްޓަރީގެ ސިމޮން (ކ) ޔުނައިޓެޑް ވިކްޓަރީގެ ގޯލަށް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ވިކްޓަރީގެ ސިމޮން (ކ) ޔުނައިޓެޑް ވިކްޓަރީގެ ގޯލަށް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދެ ވަަނަ ހާފް ފަށައިގެން ފުރަތަމަ ދެ މިނިޓް ތެރޭގައި ލީޑު ފުޅާ ކުރަން ސިމޮން އަށް ލިބުނު ދެ ފުރުސަތު ވެސް އޭނާ އަށް ބޭނުމެއް ނުކުރެވުނެވެ. އޭގެ ފަހުން ކަޅޭ ފޮނުވާލި ބޯޅަ ވެސް ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.

އޭގެ ފަހުން ޔުނައިޓެޑް ވިކްޓަރީން ވަނީ ރަފީނިއާ އާއި ހުސެއިން ޝިމާޒް (ކޮކީ)ގެ ބަދަލުގައި އަހުސަން ނައީމް އާއި ނާވީ މުހައްްމަދު ކުޅެން އަރުވައިފަ އެވެ. މި ދެ ބަދަލާ އެކު ޔުނައިޓެޑް ވިކްޓަރީގެ ކުޅުން ރަނގަޅުވި އެވެ.

ޔުނައިޓެޑް ވިކްޓަރީ އަށް މެޗުގެ 68 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުން ނަތީޖާ ހަމަހަމަކޮށްދިނީ ބްރެޒިލްގެ މިޑްފީލްޑަރު ސޯސާ ރިބެއިރޯ އެވެ. މި ޕެނަލްޓީ އަކީ ވިކްޓަރީ އޭރިއާ ތެރެއިން އެ ޓީމުގެ ސައްދާމް ހުސެއިން ޔުނައިޓެޑް ވިކްޓަރީގެ ސެމިއުލް އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

ވިކްޓަރީ އަށް އަލުން ލީޑުނަގައިދޭން އޭރިއާ ތެރެއިން ސިމޮން އަށް ލިބުނު ބޯޅަ އޭނާ ފޮނުވާލި ނަމަވެސް ޔުނައިޓެޑް ވިކްޓަރީގެ ކީޕަރު ތޮލާލް ހަސަން (ތޮލާ) ވަނީ މަތަކޮށްފަ އެވެ.

ޔުނައިޓެޑް ވިކްޓަރީން ލީޑުނެގީ މެޗުގެ 78 ވަނަ މިނިޓްގައި ޗުމްޕު ޖެހި ގޯލަކުންނެވެ. އޭރިއާ ތެރެއިން ސެމިއުލް ނަަގައިދިން ބޯޅައަކުން ޗުމްޕު މި ގޯލު ކާމިޔާބުކުރީ ބޮލުންނެވެ.

އޭގެ ފަހުން ވިކްޓަރީން ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކުރަން މަސައްކަތް ކުރި ނަމަވެސް ކާމިޔާބުވާ ގޮތެއްނުވި އެވެ. ފަހުން ވެސް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ސިމޮން އަށެވެ.

މެޗަށް ފަހު ޔުނައިޓެޑް ވިކްޓަރީގެ ކޯޗު މުހައްމަދު ނަޒީހު ބުނީ ދެ ވަނަ ހާފުގައި ގެނެވުނު ބަދަލާ ކުޅުންތެރިންގެ ކުރި ބުރަ މަސައްކަތާ އެކު މެޗު ކާމިޔާބު ކުރެވުނީ ޕްލޭނާ އެއްގޮތަށް ދިއުމުން ކަމަށެވެ.

"ފުރަތަމަ ހާފުގައި ފެނުނީ ޗިކަން ފުޓްބޯޅައެއް. އެހެންވެ ވިކްޓަރީ އަށް މެޗު ޑޮމިނޭޓްކުރަން ފުރުސަތު ލިބުނު. ގާތްގަނޑަކަށް އެމީހުން 80 ޕަސެންޓް ކުޅުނު. އެކަމަކު ދެ ވަނަ ހާފުގައި ގެނެވުނު ދެ ބަދަލާ އެކު ކުޅުންތެރިން ކުރި ބުރަ މަސައްކަތުން މެޗު ކާމިޔާބު ކުރެވިއްޖެ. ހަގީގަތުގައި އެ ޕްލޭނަށް ކުޅުންތެރިން ކުރި މަސައްކަތް މި ފެނުނީ،" ނަޒީހު ބުންޏެވެ.

އޭނާ ބުނީ ދެ ވަނަ ހާފްގައި އަހުސަން އާއި ނާވީ އެރުވުމުން ޓީމުގެ ބެލެންސް ވަރަށް ރަނގަޅުވި ކަމަށާއި އޭގެ ފައިދާ މުޅި ޓީމަށް ކުރި ކަމަށެވެ.

ވިކްޓަރީގެ ކޯޗު ލާޒްލޯ ކިސް ވަނީ މެޗުގެ ރެފްރީ އަބްދުﷲ ސާތިރުގެ ނިންމުންތަކާ މެދު ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ.

"އަހަންނަށް އެއްގޮތަކަށް ވެސް ނުވިސްނުނު މިއަދު ރީނދޫ ޖާޒީ ލައިގެން ތިބި މީހުން (ރެފްރީން)ގެ ނިންމުންތައް ހުރީ ކިހިނެއް ކަމެއް. ޔުނައިޓެޑް ވިކްޓަރީ އަށް ލިބުނު ޕެނަލްޓީގައި މައްސަލައެއް ނެތް. އެކަމަކު އަހަރެމެންނަށް ތިން ޕެނަލްޓީ ލިބެން ޖެހޭ،" ކުރިން ވެލެންސިއާ އަށް ކޯޗުކޮށްދިން ކިސް ބުންޏެވެ.

އޭނާ ބުނީ މި މެޗުގެ 60 މިނިޓާ ހަމައަށް ވިކްޓަރީން ވަރަށް ރަނގަޅަށް ކުޅުނު ކަމަށާއި އެހެން ނަމަވެސް ފަހުން އަނެއްކާ ވެސް ފެނުނީ ކުރީ މެޗެކޭ އެއްގޮތަށް ފިޓްނަސް ދަށްވުމުގެ މައްސަލަ ކަމަށެވެ.