Roadha Mihaaru
މެސީގެ 600 ވަނަ ގޯލުން ބާސެލޯނާ ލީޑު ފުޅާކޮށްފި

މެސީގެ 600 ވަނަ ގޯލުން ބާސެލޯނާ ލީޑު ފުޅާކޮށްފި

05 މާޗް 2018

ބާސެލޯނާ (މާޗް 5) - ފުޓްބޯޅަ ކެރިއަރުގައި ލިއޮނަލް މެސީ ކާމިޔާބުކުރި 600 ވަނަ ގޯލާ އެކު 1-0 އިން އެތުލެޓިކޯ މެޑްރިޑް ބަލިކޮށް ސްޕެނިޝް ލީގުގެ އެއް ވަނައިގައި ބާސެލޯނާ އިން ލީޑު ފުޅާކޮށްފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ބާސެލޯނާ (މާޗް 5) - ފުޓްބޯޅަ ކެރިއަރުގައި ލިއޮނަލް މެސީ ކާމިޔާބުކުރި 600 ވަނަ ގޯލާ އެކު 1-0 އިން އެތުލެޓިކޯ މެޑްރިޑް ބަލިކޮށް ސްޕެނިޝް ލީގުގެ އެއް ވަނައިގައި ބާސެލޯނާ އިން ލީޑު ފުޅާކޮށްފި އެވެ.

މި މޮޅާ އެކު ބާސެލޯނާ މެޗަކުން ބަލިނުވެ އެއް ވަނައިގައި އޮތީ 27 މެޗުން 69 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އެތުލެޓިކޯ އަށް 27 މެޗުން ލިބިފައިވަނީ 61 ޕޮއިންޓެވެ.

މިރޭގެ މެޗުގައި ބާސެލޯނާގެ ހަމައެކަނި ގޯލު މެސީ ކާމިޔާބުކުރީ ފުރަތަމަ ހާފުގައި ލިބުނު ހިލޭ ޖެހުމަކުންނެވެ. މި ލަނޑާ އެކު މެސީ ވަނީ ކެރިއަރުގައި 600 ގޯލު ހަމަކޮށްފަ އެވެ. މީގެ ތެރެއިން 539 ގޯލަކީ އޭނާ ބާސެލޯނާ އަށް ޖަހައިދިން ގޯލެވެ. އަނެއް 61 ލަނޑު އޭނާ ކާމިޔާބުކުރީ އާޖެންޓީނާގެ ގައުމީ ޓީމަށެވެ.

މި މެޗުގެ ދެ ވަނަ ހާފުގައި އެތުލެޓިކޯ އިން ވަރަށް ބޮޑަށް ބާސެލޯނާ އަށް ޕްރެޝަރު ބޮޑުކުރި އެވެ. އަދި އެތުލެޓިކޯ އިން މެޗުގެ ފަހު ވަގުތު ވަނީ ލަނޑެއް ޖަހައިފަ އެވެ. އެހެން ނަމަވެސް ކެވިން ގަމޭރޯ މި ލަނޑު ޖެހީ އޮފްސައިޑްގައި ހުރި ޑިއޭގޯ ކޮސްޓާ ތަނަވަސްކޮށްދިން ބޯޅައަކުން ކަމަށް ވުމުން މެޗުގެ ރެފްރީ އެ ލަނޑު ނުގުނަ އެވެ.

މި މެޗުގައި ބާސެލޯނާ އަށް ލިބުނު ހިތްހަމަ ނުޖެހުމަކީ އެ ޓީމުގެ ކެޕްޓަން އަންދްރެސް އިނިއެސްޓާ އަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ބަދަލުކުރަން ޖެހުމެވެ.

މެޗަށް ފަހު އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުނީ ތަފާތަކަށް ފެނުނީ ހަމައެކަނި މެސީ ކަމަށެވެ.

"މިއީ ވަރަށް ފަސޭހަ ވާހަކައެއް ދައްކާލަން. މެސީ ލައިގެން ހުރި ބާސެލޯނާ ޖާޒީ ބާލުވާފައި އޭނާ ލައްވަންވީ އެތުލެޓިކޯގެ ޖާޒީއެއް. އެ ހިސާބުން އެ ނިމުނީ އެތުލެޓިކޯ މޮޅުވާނެކަން ޔަގީން،" ސިމިއޯނީ ބުންޏެވެ.

މިއީ މެސީ ހިލޭ ޖެހުމަކުން ބާސެލޯނާ އަށް ޖެހިޖެހިގެން ލަނޑު ޖަހައިދިން ތިން ވަނަ މެޗެވެ. ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ވެސް ވަނީ މެޗަށް ފަހު މެސީ އަށް ތައުރީފް ކޮށްފަ އެވެ.

"އަހަރެން އަބަދުވެސް ބުނަމުން މި އަންނަނީ މެސީ ފަދަ ދެ ވަނަ ކުޅުންތެރިއަކު ނެތޭ. މެސީ ނުލައި މި ޓީމަށް ވާނެ ގޮތެއް އަދި އަހަރެން ކުރާނެ ކަމެއް ވިސްނަން ވެސް ބޭނުމެއް ނޫން،" ވަލްވޭޑޭ ބުންޏެވެ.

ވަލްވޭޑޭ ބުނީ އިނިއެސްޓާ އަށް ލިބުނު އަނިޔާ އެންމެ ސީރިއަސް ނޫން ކަމަށާއި ޗެމްޕިއަންސް ލީގުގެ ދެ ވަނަ ލެގުގައި ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗަށް އޭނާ ފިޓްވާނެ ކަމަށެވެ.