Roadha Mihaaru
"އާ މަންހަޖާ އެކު ވަނީ ބޮޑު ބަދަލެއް އައިސްފައި"

އާ މަންހަޖާ އެކު ތައުލީމީ ދާއިރާ އަށް ވަނީ ބޮޑު ބަދަލެއް އައިސްފައި: މިނިސްޓަރު

17 ޖުލައި 2016

ތައުލީމީ އާ މަންހަޖާ އެކު ރާއްޖޭގެ ތައުލީމީ ދާއިރާ އަށް އިންގިލާބީ ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށާއި އެ ބަދަލު އަދިވެސް އަންނަމުން ދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ތައުލީމީ އާ މަންހަޖާ އެކު ރާއްޖޭގެ ތައުލީމީ ދާއިރާ އަށް އިންގިލާބީ ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށާއި އެ ބަދަލު އަދިވެސް އަންނަމުން ދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް މިއަދު ވިދާޅުވެއްޖެ އެވެ.

ގައުމީ މަންހަޖުގެ ދެން އޮތް ސްޓޭޖްް، ކީ ތިނެއްގެ އިންސްޓްރަކްޓަރުން ތަމްރީނުކުރަން އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަމުން މިނިސްޓަރު ވިދާޅުވީ މިދިޔަ އަހަރު ތަންފީޒުކުރަން ފެށި އާ މަންހަޖާއެކު ސްކޫލުތަކުގެ ވަސީލަތްތައް ގާއިމްކުރަން ވެސް ބޮޑު ހަރަދެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން އެ މަޝްރޫއުތަކަށް 600 މިލިއަނަަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"ފާއިތުވި ދެ އަހަރު ސްކޫލުތަކުގެ ވަސީލަތްތައް ގާއިމްކޮށްދިނުމަށް 600 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކުރެވިފައިވޭ. ފައުންޑޭޝަން ސްޓޭޖްގެ ކިޔަވާދިނުން ރަސްމީ ތައުލީމުގެ ނިޒާމުގެ ތެރެއަށް ގެނެސް، ޕްރީ ސްކޫލް އުމުރު ފުރައިގެ ކުދިންނަށް ބޭނުންވާ ތަފާތު ހުނަރުތައް ތަރައްގީކުރުމަށް ވެސް މިއަހަރު ހާއްސަ އިސްކަމެއް ދީފައިވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ގައުމީ މަންހަޖުގެ ކީ ސްޓޭޖް ތިނެއްގެ މުދައްރިބުން ތަމްރީނުކުރުމުގެ މަސައްކަތް ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ވާހަކަދައްކަވަނީ.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ގައުމީ މަންހަޖުގެ ކީ ސްޓޭޖް ތިނެއްގެ މުދައްރިބުން ތަމްރީނުކުރުމުގެ މަސައްކަތް ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ވާހަކަދައްކަވަނީ.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ދަރިވަރުންގެ ތައުލީމުގެ ފެންވަރު ރަނގަޅުކުރަން ކޮންމެ ކަމެއް ކުރުމުގައި ސަރުކާރުން ފަސްނުޖެހި މަސައްކަތްކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން ގެންނަމުން އަންނަ ތަރައްގީއާއެކު ތައުލީމީ ދާއިރާއަށް ވެސް ބޮޑު ކުރިއެރުމެއް ލިބެމުން އަންނަ ކަމަށެވެ.

ގްރޭޑް 1-6އިން މިހާރު އަންނަނީ އާ ގައުމީ މަންހަޖަށް ކިޔަވައިދެމުންނެވެެ. މިއަދުގެ ރަސްމިއްޔާތުގައި ވަނީ އާ މަންހަޖުން ދަރިވަރުންނަށް އައިސްފައިވާ ރަނގަޅު ބަދަލުތަކުގެ މައްޗަށް އަލިއަޅުވާލައި ޕްރެޒެންޓޭޝަނެއް ދައްކާލައިފަ އެވެ. އެގޮތުން ބައެއް ދަރިވަރުން ފާހަގަކުރި ގޮތުގައި ސިކުނޑީގެ ބޭނުންކޮށްގެން ފިލާވަޅުތައް ހެދުމާއި ލީޑަޝިޕްގެ ހުނަރުތައް ވަނީ ދަސްވެފަ އެވެ.

ގައުމީ މަންހަޖުގެ ކީ ސްޓޭޖް ތިނެއްގައި ހިމެނެނީ ގްރޭޑް ހަތެއް އަދި އަށެކެވެ. މި ގްރޭޑްތަކުން އާ މަންހަޖަށް އަމަލުކުރަން ފަށާނީ އަންނަ އަަހަރެވެ. މި ގްރޭޑްތަކުގެ ޓީޗަރުން ތަމްރީނުކުރާނެ މަންދޫބުން ތަމްރީނުކުރާނީ ތިން ބުރަކަށް ބަހާލައިގެންނެވެ. މި ތިން ބުރުގެ ތެރޭގައި ރާއްޖެއިން 450 މަންދޫބުން ތަމްރީނުކުރެވިގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.