Roadha Mihaaru
ކުޅުންތެރިން ތިބީ ވަރުގަދަ އަޒުމެއްގައި: ސޮބާ

ކުޅުންތެރިން ތިބީ ވަރުގަދަ އަޒުމެއްގައި: ސޮބާ

03 މާޗް 2018

އެސްޓީއޯ މާލޭ ލީގުގައި ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ވިކްޓަރީ އަތުން 3-0 އިން ބަލިވިޔަސް އެއީ ކްލަބް ވެލެންސިއާގެ އަސްލު ފެންވަރެއް ނޫން ކަމަށާއި އެކަން ސާބިތުކޮށްދޭން ކުޅުންތެރިން ތިބީ އަޒުމް ކަނޑައަޅައިގެން ކަމަށް އެ ޓީމުގެ ކޯޗު ސޮބާހް މުހައްމަދު އިބްރާހިމް ބުނެފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

އެސްޓީއޯ މާލޭ ލީގުގައި ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ވިކްޓަރީ އަތުން 3-0 އިން ބަލިވިޔަސް އެއީ ކްލަބް ވެލެންސިއާގެ އަސްލު ފެންވަރެއް ނޫން ކަމަށާއި އެކަން ސާބިތުކޮށްދޭން ކުޅުންތެރިން ތިބީ އަޒުމް ކަނޑައަޅައިގެން ކަމަށް އެ ޓީމުގެ ކޯޗު ސޮބާހް މުހައްމަދު އިބްރާހިމް ބުނެފި އެވެ.

އެ ޓީމުން ދެ ވަނަ މެޗުގައި މިރޭ ނުކުންނާނީ، ފުރަތަމަ މެޗުން ވިކްޓަރީ އަތުން 4-1 އިން މޮޅުވި ކްލަބް އީގަލްސްއާ ދެކޮޅަށެވެ. އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) އަކީ ކުޅުންތެރިޔެއްގެ ގޮތުގައި ސޮބާ އަށް ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީ ކަމަށްވާ 2008 ގެ ސާފް ޗެމްޕިއަންޝިޕް ގައުމީ ޓީމާ އެކު ކާމިޔާބުކުރިއިރު އެ ޓީމުގެ އެސިސްޓަންޓް ކޯޗެވެ.

"މޯހަން ކޯޗަށް އަޅުގަނޑު ރެސްޕެކްޓްކުރަން. ކުޑައިރުން ފެށިގެން އަޅުގަނޑަށް ބައިވަރު އެއްޗެހި ދަސްކޮށްދިން ކޯޗެއް އެއީ. މޯހަން ކޯޗަށާއި އީގަލްސް އަށް އަޅުގަނޑުގެ ފުލް ރެސްޕެކްޓް އޮންނާނެ." އީގަލްސް އިން ކެރިއަރު ފެށި ސޮބާ ބުންޏެވެ.

ސޮބާ ބުނީ މިރޭގެ މެޗަށް ނުކުންނާނީ އީގަލްސް އަކީ ކޮން ކަހަލަ ބޯޅައެއް ކުޅޭ ޓީމެއްކަން ދަނެގެން އަދި އީގަލްސްގައި ތިބި މުހިއްމު ކުޅުންތެރިންނަށް ވެސް ސަމާލުކަންދީގެން ކަމަށެވެ.

"އީގަލްސްގެ ރިޒޭ އާއި ބްރެޒިލް ފޯވާޑް ވަރަށް ތަފާތު. ކުރީ މެޗުގައި ވެސް ފަހު ހާފުގައި ރިޒޭ އެރުމާ އެކު ގޭމް ބަދަލުވެގެންދިޔަ. އީގަލްސްގައި އެ ތިބީ ޔަންގް ވިޔަސް އަވަސް ގޭމެއް ކުޅޭ ކުޅުންތެރިންތަކެއް. އަޅުގަނޑުމެން ނުކުންނާނީ އީގަލްސް އިން އެ ކުޅޭ ބޯޔައަށް ވިސްނައިގެން. ކޯޗިންގައި އަޅުގަނޑު ކިތަންމެ ކުޑަ ދުވަސްކޮޅެއް ހޭދަކުރި ނަމަވެސް ބޯޅައިގެ ތެރެއިން ލިބިފައިވާ ތަޖުރިބާ ބޭނުންކޮށްގެން އެކަމަށް ވިސްނައިގެން ނުކުންނާނީ. ޑްރޯއަކަށް ނޫން. މެޗު ދޭކަށް ނޫން. ފައިޓްކޮށްގެން ޕޮއިންޓްތަކެއް ނަގަން (ނުކުންނާނީ)،" ސޮބާ ބުންޏެވެ.

އޭނާ ބުނީ ވެލެންސިއާ އަންނަނީ ދުވަހަކަށް ވުރެ ދުވަހެއް، ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ރަނގަޅުވަމުން ކަމަށާއި ޕްލެޔަރުން އަޒުމް ކަނޑައަޅައިގެން ތިބީ ފުރަތަމަ މެޗުން ބަލިވުމާ އެކު، ބުރަކޮށް މަސައްކަތްކޮށްގެން މެޗުތައް ނަގަން ކަމަށެވެ.

"ފުރަތަމަ ކަމަކަށް ފެށުން ދަށްކޮށް ދިޔައީ. ހިތްހަމަޖެހޭ ވަރަށް ޕާފޯމްނުކުރޭ. ފިޓްނަސް ދަށަސް ފުރަތަމަ ހާފު ނިމެންދެއް ނުވަތަ 60 މިނެޓު 70 މިނެޓު ކުޅެވޭނެ ވަރަށް ޕްރެކްޓިސްކުރެވުނު. އެކަމަކު ފެނިގެން ދިޔައީ މަސައްކަތުގެ ރޭޓާއި އެޓިޓިއުޑް ދަށްކޮށް،" ސޮބާ ބުންޏެވެ. "ކުޅުންތެރިން ވެސް ހެޕީއެއް ނޫން. ކުޅުންތެރިން ތިބީ އަޒުމް ކަނޑައަޅައިގެން ބަދަލުކުރަން."

އޭނާ ބުނީ ވެލެންސިއާގައި އޮތް ސްކޮޑާ ބަލާއިރު އެއަށް ވުރެ މާ ރަނގަޅަށް ޕާފޯމްކުރެވޭނެ ކަމަށާއި އަދި އެވަރަށް ކޮށްފި ނަމަ ނަތީޖާ ނެރެވޭނެ ކަމަށެވެ.

އީގަލްސްގެ ކޯޗު މޯހަން ބުނީ ފުރަތަމަ މެޗުން މޮޅުވުމަކީ ކުޅުންތެރިންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި ކުޅުންތެރިން ތައްޔާރުވަމުން އަންނަނީ ވަރަށް ހިތްހަމަޖެހިފައި ތިބެ ކަމަށެވެ.

"ފުރަތަމަ ދުވަހު ލިބުން ކާމިޔާބީއަކީ ކުޅުންތެރިންނަށް ލިބޭ ހިތްހަމަޖެހުމެއް. ހާއްސަކޮށް އާ ކުޅުންތެރިންނަށް. ހާއްސަކޮށް ފަހަތުން އަރާ (މޮޅުވީމާ). ފުދޭވަރަކަށް ރަނގަޅު ގޭމެއް ކުޅުނު އެންމެ އެންމެ ރަނގަޅު ނުވިޔަސް،" މޯހަން ބުންޏެވެ. "އަޅުގަނޑު ވަރަށް ހިތްހަމަޖެހޭ މި މެޗުގެ ތައްޔާރީތައް ދާ ގޮތާ މެދު."

އެކަމަކު އެ ކާމިޔާބީއާ އެކު ކުޅުންތެރިން މެޗު ފަސޭހަކޮށްފާނެ ކަމަށް އޭނާ ނުދެކެ އެވެ. މޯހަން ބުނީ ސީޒަން ފެށުނީއްސުރެ އެންމެ ބޮޑު ފޯކަސްއެއް ދިނީ މެޗު ފަސޭހަނުކުރަން ކުޅުންތެރިން ތައްޔާރުކުރަން ކަމަށެވެ. އަދި މިދިޔަ އަހަރު ހެދުނު ގޯސްތައް ރަނގަޅުކުރަން ވެސް މަސައްކަތްކުރަމުން އަންނަ ކަމަށް އޭނާ ބުންޏެވެ. މިދިޔަ އަހަރު އީގަލްސްގެ ފެށުން ރަނގަޅުވީ ނަމަވެސް ފަހު ވަގުތު ޕްރިމިއާ ލީގުން ފުރުސަތެއް ނުލިބުނެވެ.

"ކުޅުންތެރިންނަށް ވިސްނައިދެމުން އަންނަނީ މިދިޔަ އަހަރުގެ މިދިޔަ ކަންތައް އަނބުރާ އިޔާދަނުވާނެ ގޮތަކަށް ކަންތައް ކުރަން. މިދިޔަ އަހަރު ވަރަށް ރަނގަޅު ނަތީޖާތަކެއް ވެސް ނެރުނު. އަދި ވަރަށް ދަށް ނަތީޖާތަކެއް ވެސް ފެނުނު. ކޮންމެ ގޮތަސް ޕްރިމިއާ ލީގަށް ކޮލިފައިވާން ކުރަން ޖެހޭ މަސައްކަތަށް ފޯކަސްކުރަނީ. ބޮޑު ޓީމެއް ބަލިކުރަން، އެ ވިސްނުމަށް ވުރެ ޖުމްލަކޮށް ލީގަށް ކޮލިފައިވުމުގެ މަސައްކަތް އޮތީ،" މޯހަން ބުންޏެވެ.