Roadha Mihaaru
މެގަ މޯލްޑިވްސް ބަނގުރޫޓުވުމުން އުވާލަނީ

މެގަ މޯލްޑިވްސް ބަނގުރޫޓުވުމުން އުވާލަނީ

28 ފެބުރުއަރީ 2018

ހިއްސާދާރުންގެ އޮނިގަނޑު އަލުން އެކުލަވައިލުމަށާއި ކުންފުންޏަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް މިދިޔަ އަހަރުގެ މެއި މަހު ދަތުރުތައް ވަގުތީ ގޮތުން ހުއްޓައިލި، މެގަ މޯލްޑިވްސް ބަނގުރޫޓުވުމުން އެ ކުންފުނި އުވާލުމަށް ނިންމައިފި އެވެ.

ހިއްސާދާރުންގެ އޮނިގަނޑު އަލުން އެކުލަވައިލުމަށާއި ކުންފުންޏަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް މިދިޔަ އަހަރުގެ މެއި މަހު ދަތުރުތައް ވަގުތީ ގޮތުން ހުއްޓައިލި، މެގަ މޯލްޑިވްސް ބަނގުރޫޓުވުމުން އެ ކުންފުނި އުވާލުމަށް ނިންމައިފި އެވެ.

އެއާލައިންތަކާ ގުޅޭ މައުލޫމާތު ގެނެސްދޭ އޭވިއޭޓާ.އެއާރޯ ވެބްސައިޓުން ބުނީ، މެގަމޯލްޑިވްސް އުވާލަން ނިންމީ އެއާލައިންގެ މަސައްކަތްތައް އަލުން ފަށަން ބޭނުންވާ ފައިސާ ނުވަތަ އިންވެސްޓަރުން ނުލިބުމުން ކަމަށެވެ.

"[މެގަ މޯލްޑިވްސްގެ] ހިއްސާދާރުން ވަނީ ކުންފުނި އުވާލުމަށް ލިކުއިޑޭޓާ އަކަށް ވިޝާމް އެންޑް ކޯ އައްޔަން ކޮށްފައި. ކުންފުނި އުވާލުމުގެ މަސައްކަތްތައް ކުރިއަށް ދާނީ، ރާއްޖޭގެ ކަމާ ގުޅޭ ގާނޫނުތަކާ އެއްގޮތަށް،" އެ ވެބްސައިޓްގައި ބުނެފައި ވެއެވެ.

ކުންފުނި އުވާލަން ނިންމި އިރު، އެ ކުންފުނީގެ ގިނަ މުވައްޒަފުންތަކަކަށް މުސާރަ ނުލިބޭ މައްސަލަ ވަނީ ބޮޑުވެފަ އެވެ. އެ ވެބްސައިޓްގައި ބުނެފައިވަނީ އެ ކުންފުނި އުވާލާ އިރު، މުވައްޒަފުންގެ އިތުރުން ސަރުކާރަށް ދައްކަންޖެހޭ ދަރަަނިތައް ދެއްކުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. ނަމަވެސް އެ ކުންފުނީގެ ދަރަނީގެ ތަފްސީލެއް ހާމައެއް ނުކުރެ އެވެ.

ރާއްޖޭގެ ގާނޫނުތައް ބުނާ ގޮތުން، ކުންފުންޏެއް އުވާލެވޭނީ އެކަން އާންމުކޮށް އިއުލާނު ކުރުމަށް ފަހު، ދަރަންޏެއް ވާނަމަ، އެ ދެއްކުމަށް ފަހު އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި މެގަ މޯލްޑިވްސްގެ 150 އެއްހާ މުވައްޒަފުންގެ މުސާރައިގެ މައްސަލަތައް ވަނީ ކުރިމަތިވެފަ އެވެ. އެ މުވައްޒަފުންގެ މުސާރަ އަށް އެކަނި ވެސް މަދުވެގެން 400،000 ޑޮލަރު (6.17 މިލިޔަން ރުފިޔާ) ދައްކަން ޖެހޭނެ އެވެ. އަދި އެއާޕޯޓާއި، މީރާގެ އިތުރުން ބައެއް ފަޅުވެރިން ބޭނުން ކުރި ގެސްޓްހައުސްތަކާއި ހޮޓާތަކުގެ އިތުރުން ވެސް އެހެން ބައެއް ތަންތަނަށް ވެސް ގިނަ އަދަދަކަށް ފައިސާ ދައްކަން ޖެހެ އެވެ.

ކުންފުނި އުވާލަން ނިންމި އިރު، ބޮޑެތި ބަދަލުތަކާއެކު މެގަ މޯލްޑިވްސްގެ އުދުހުންތައް މިދިޔަ އޯގަސްޓް މަހު އަލުން ފަށާނެ ކަމަށް އިއުލާނު ކުރި އެވެ. ނަމަވެސް ތަފާތު މައްސަލަތަކާ ހުރެ އެކަން ނުވެ ދިގުލައިގެން ދިޔައީ އެވެ.

މެގަ މޯލްޑިވްސްގެ ދަތުރުތައް ފަށާފައިވަނީ 2010 ވަނަ އަހަރު އެވެ. ރާއްޖެ އިން ބޭރަށް ދަތުރުކުރި އެއާލައިނުން 50 މަންޒިލަކަށް ދަތުރުކޮށް، 1.1 މިލިއަން ޕަސިންޖަރުންނަށް ޚިދުމަތް ދީފައިވާ ކަމަށް ވަނީ ބުނެފަ އެވެ.