Roadha Mihaaru
ދުންޔާ ސަރުކާރުން ވަކިވެވަޑައިގެންފި

ދުންޔާ ސަރުކާރުން ވަކިވެވަޑައިގެންފި

27 ފެބުރުއަރީ 2018

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަނބަލުން، އަދި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫން މިއަދު ސަރުކާރުން އިސްތިއުފާ ދެއްވައިފި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަނބަލުން، އަދި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫން މިއަދު ސަރުކާރުން އިސްތިއުފާ ދެއްވައިފި އެވެ.

ސަރުކާރުން އިސްތިއުފާ ދެއްވަން ތައްޔާރަށް ހުންނެވި ކަމަށާއި އާއިލާއާ އެކު މަޑުކޮށްލެއްވުމަށްޓަކައި ކަމަށް ވިދާޅުވެ ދުންޔާ ވަނީ މި މަހުގެ 13 ވަނަ ދުވަހު ޗުއްޓީ ނަންގަވައިފި އެވެ. އަދި މި ވަގުތު ދުންޔާ ހުންނެވީ ސިންގަޕޫރުގައެވެ.

ބޮޑުބޭބޭފުޅު، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ދުންޔާ އިސްތިއުފާ ދެއްވި އިރު، މި މަހުގެ ފަސް ވަނަ ދުވަހުގެ ރެއިން ފެށިގެން ދުންޔާގެ ބައްޕާފުޅު ހުންނެވީ ފުލުހުންގެ ބެލުމުގެ ދަށުން ހައްޔަރު ކޮށްފަ އެވެ. ގާނޫނާ ޚިލާފަށް ވެރިކަން ބަދަލުކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކަށް ރިޝްވަތު ދިން ކަމުގެ ތުހުމަތުގައި ބައްޕާފުޅު ހައްޔަރު ކުރި ފަހުން ދުންޔާ އޮފީހަށް ވަޑައެއްނުގަންނަވަ އެވެ.

މީގެ ގަޑިއެއްހާއިރު ކުރިން ދުންޔާ، ބައްޕާފުޅުގެ ހަނދާނުގައި ކުރައްވާފައިވާ ޓުވީޓެއް

އިސްތިއުފާ ދެއްވުމަށް ފަހު ދުންޔާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މަގާމުން ވަކިވެވަޑައިގަތުމަކީ ފަސޭހަ ކަމަކަށް ނުވިއަސް އާއިލާ އަށް ކުރިމަތިވެފައިވާ މި ހިތާމަވެރި ވަގުތުގައި އޭނާ ހުންނެވީ ވަރަށް ސާބިތުކަމާއެކު ބައްޕާފުޅާ އެކު ކަމަށެވެ.

އެކި ފަރާތްތަކުގެ ފިއްތުންތައް ކުރިމަތިވަމުންދާ ކަން ފާހަގަކުރައްވައި ދުންޔާ ވިދާޅުވީ އޭނާ ހުންނެވީ އަމިއްލައަށް ގަބޫލުކުރާ ކަންތައްތަކާއެކު ކަމަށެވެ.

"އަޅުގަނޑު މިހުރީ މިނިވަން ކޮށެވެ. އިދިކޮޅު ފަރާތްތަކަކާ އަޅުގަނޑު ނުގުޅެމެވެ. އަދި އަޅުގަނޑު ދެމިހުންނާނީ ފަހުރުވެރި ދިވެއްސެއްގެ ގޮތުގަ އެވެ،" ބަޔާނުގައި ވެ އެވެ.

އޭނާ ވިދާޅުވީ ރާއްޖެއަށް ގެނައި ޑިމޮކްރަސީ ފެއިލްވަމުންދާތަން ފެންނަމުންދާ ކަމަށެވެ. އަދި ރާއްޖޭގެ ޑިމޮކްރަސީ އާއި ޝަރުއީ ދާއިރާ އަދި މިނިވަން މުއައްސަސާތައް ހަރުދަނާކުރަން ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑު ތަކުރާރުކޮށް ބުނަމުން މިދަނީ ރުޅިވެރިކަމާއި ހަސަދައާ އެކު އެއްވެސް މައްސަލައެއް ހައްލެއް ނުކުރެވޭނެ އެވެ. މަޝްވަރާކޮށްގެން މެނުވީ އަޅުގަނޑުމެންނަށް މި ވަގުތު ދިމާވެފައި މިވާ ހަލަބޮލިކަމަށް ހައްލެއް ނުގެނެވޭނެ އެވެ. މި ހާލަތުން އަރައިގަތުމަކީ ހުރިހާ ދިވެހިންނާއި އަޅުގަނޑުމެންގެ ދަރިންނާއި ކުރިއަށް އޮތް ޖީލުތަކާއި ދިވެހި ގައުމުގެ ހައްގުގައި އަޅުގަނޑުމެން ކުރަންޖެހޭ ކަމެކެވެ،" ބަޔާނުގައި ވެ އެވެ.

އޭނާ ހުންނެވީ ރައީސް އަރިހުގައި، ސިޔާސީ އެހެން ލީޑަރުންނާއެކު މަޝްވަރާތައް ކުރިއަށް ގެންދިއުމަށްޓަކައި ވެދެއްވެން އޮތް އެހީތެރިކަމެއް ދެއްވުމަށް ތައްޔާރަށް ކަމަށް ވެސް ވިދާޅުވި އެވެ.

ދުންޔާ އަކީ މި ސަރުކާރުގެ ފުރަތަމަ ފުރަތަމަ ފޮރިން މިނިސްޓަރެވެ. ސަރުކާރުގެ ބައެއް ސިޔާސަތުތަކާ މެދު ހިތްހަމަޖެހިވަޑައިނުގެން ޖުލައި 5، 2016 ގައި ސަރުކާރުން އިސްތިއުފާ ދެއްވި ނަމަވެސް ޖެނުއަރީ 5، 2017 ގައި އެކަމަނާ އަލުން ސަރުކާރާ ގުޅިވަޑައިގަތެވެ. އެ ފަހަރު ދުންޔާ އައްޔަން ކުރެއްވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ.

ދުންޔާ ސަރުކާރުން ވަކިވެވަޑައިގަތް ނަމަވެސް އެކަމަނާގެ ކޮއްކޯފުޅު މުހައްމަދު ޣައްސާން މައުމޫން އަދިވެސް ހުންނެވީ ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގަ އެވެ. ބައްޕާފުޅު ޖަލަށް ލާފައިވާއިރު، ޣައްސާން ސަރުކާރުގައި އުޅުއްވާތީ އެކި ފަރާތްތަކުން ދަނީ އޭނާ އަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ދުންޔާ ވެސް ސަރުކާރުގައި ހުންނެވި އިރާ ހަމައަށް އެ ފާޑުކިޔުން އއިސްފައިވެ އެވެ.