Roadha Mihaaru
އިސްތިއުފާ ދޭން ތައްޔާރު، މިދަނީ ޗުއްޓީއަކަށް: ދުންޔާ

އިސްތިއުފާ ދޭން ތައްޔާރު، މިދަނީ ޗުއްޓީއަކަށް: ދުންޔާ

13 ފެބުރުއަރީ 2018

ސަރުކާރުން އިސްތިއުފާ ދެއްވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެ، އާއިލާ އާ އެކު މަޑުކޮށްލެއްވުމަށް ޓަކައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ދުންޔާ މައުމޫން މިއަދު ޗުއްޓީ ނަންގަވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސަރުކާރުން އިސްތިއުފާ ދެއްވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެ، އާއިލާ އާ އެކު މަޑުކޮށްލެއްވުމަށް ޓަކައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ދުންޔާ މައުމޫން މިއަދު ޗުއްޓީ ނަންގަވައިފި އެވެ.

ދުންޔާ "މިހާރު" އަށް ވިދާޅުވީ މި ވަގުތު އާއިލާއާ އެކު ވަގުތު ހޭދަކުރައްވަން ބޭނުންވާ ކަމަށެވެ. އެހެންވެ، ޗުއްޓީ ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް މިނިސްޓްރީގައި އެދިވަޑައިގަތީ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު، ޗުއްޓީ ނެންގެވީ ކިހާ ދުވަހަކަށް ކަމެއް، ކުރިން ފޮރިން މިނިސްޓަރު ކަން ވެސް ކުރެއްވި ދުންޔާ ވިދާޅެއް ނުވެ އެވެ.

އެނގިފައިވާ ގޮތުގައި ބައްޕާފުޅު، މައުމޫން ހައްޔަރު ކުރި ފަހުން ދުންޔާ އޮފީހަށް ވަޑައެއްނުގަންނަވަ އެވެ. އޭނާ ރަސްމީކޮށް ޗުއްޓީ އަށް އެދިވަޑައިގަތީ މިއަދު އެވެ. ސަރުކާރު ވައްޓާލަން އުޅުމާއި ރިޝްވަތު ދިނުމުގެ ތުހުމަތުގައި މައުމޫން ހައްޔަރުކޮށްފައި ވަނީ މި މަހުގެ ފަސް ވަނަ ދުވަހުގެ ރެ އެވެ.

ޖަލުގައި ހައްޔަރުކޮށްފައިވާ، ދަރިކަލުން އަހުމަދު ފާރިސްއާ ބައްދަލުކުރެއްވުމަށް މައުމޫން އާއި ދަރިކަނބަލުން ދުންޔާ މައުމޫން ވަޑައިގަންނަވަނީ.

ޖަލުގައި ހައްޔަރުކޮށްފައިވާ، ދަރިކަލުން އަހުމަދު ފާރިސްއާ ބައްދަލުކުރެއްވުމަށް މައުމޫން އާއި ދަރިކަނބަލުން ދުންޔާ މައުމޫން ވަޑައިގަންނަވަނީ.

ދުންޔާ ޗުއްޓީ އަށް ވަޑައިގެންނެވިކަން ހާމަ ކުރައްވައި ކުރެއްވި ޓުވީޓެއްގައި، ސްޓޭޓް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ނުސީދާކޮށް ވިދާޅުވެފަ އެވެ. އަދި މީގެ ކުރިން ވެސް ސަރުކާރާ ދުރަށް ވަޑައިގެންނެވިކަން ދުންޔާ ފާހަގަކުރެއްވި އެވެ. ދުންޔާ މި ވާހަކަތައް މި ދެއްކެވީ، ބައްޕާފުޅު ޖަލަށް ލައި، އަދި ކޮއްކޯފުޅު، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ވެސް ޖަލަށް ލީ އިރު ދުންޔާ އާއި ކޮއްކޯފުޅު ޣައްސާން މައުމޫން ސަރުކާރުގެ އިސް ވަޒީފާގައި ތިއްބެވުމުން އާންމުންގެ ވަރަށް ބޮޑު ފާޑުކިޔުންތަކެއް ރައްދުވެފައި އޮއްވަ އެވެ.

ދުންޔާ މިއަދު ކުރެއްވި ޓުވީޓު.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފޮރިން މިނިސްޓަރުކަން ކުރެއްވުމަށް ފަހު، ސަރުކާރާ މެދު ހިތްހަމަޖެހިވަޑައިނުގެން، ޖުލައި 5، 2016 ގައި ދުންޔާ އިސްތިއުފާ ދެއްވި އެވެ. އޭގެ ފަހުން، ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ދުންޔާ އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ޖެނުއަރީގަ އެވެ.

"އަޅުގަނޑު މިހުރީ ނިކުންނަން ތައްޔާރަށް. މީގެ ކުރިން ވެސް ހުންނާނީ ނިކުމެފައި. އަޅުގަނޑު ނިކުންނާނީ އެކަނި. އެ މީހެއްގެ ނިންމުމަކީ އަމިއްލަ ނިންމުމަށް ވާން ޖެހޭ. ސުވާލުކޮށްލަން ބޭނުންވަނީ އެއީތޯ ގައުމަށާއި ރައްޔިތުންނަށް މިވަގުތު އެންމެ ރަނގަޅު ނިންމުމަކީ؟" ދުންޔާ ވިދާޅުވި އެވެ.

މައުމޫން ޖަލަށްލިތާ ހަތް ދުވަސް ފަހުން، އިއްޔެ ދުންޔާ ވަނީ އެމަނިކުފާނު ދޫކޮށްލުމަށް ގޮވާލައްވައިފަ އެވެ. މާފުށީ ޖަލުގައި ބަންދުކޮށްފައި ހުންނެވި މައުމޫނަށް، އާއިލާ އާއި ވަކީލުންނާ ބައްދަލު ކުރެއްވޭނެ ގޮތް ހަމަޖައްސައިދީ، ސިއްހީ ފަރުވާ ފޯރުކޮށްދިނުމަށް ވެސް މައުމޫން ގޮވާލެއްވި އެވެ. އެކަމަކު، އާއިލީ ބައްދަލުވުންތަކާއި ވަކީލުންނާ ބައްދަލުނުކުރެވޭ ކަމަށް ބުނެ ފަތުރާ ވާހަކަތައް ސަރުކާރުން ދޮގުކުރެ އެވެ.

މައުމޫންގެ އިތުރުން، ދުންޔާގެ ކޮއްކޯފުޅު، ފާރިސް މައުމޫން ވަނީ ހައްޔަރުކޮށްފަ އެވެ. ފާރިސް ހައްޔަރު ކުރުމުން ދުންޔާ މީގެކުރިން ވަނީ ހިތްހަމަޖެހިވަޑައިނުގެންފަ އެވެ.