Roadha Mihaaru
ހެލްތުގެ ސްޓޭޓް މިނިސްޓަރަކަށް ދުންޔާ

ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ދުންޔާ އައްޔަން ކުރައްވައިފި

05 ޖެނުއަރީ 2017

ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ދުންޔާ މައުމޫން މިއަދު އައްޔަން ކުރައްވައިފި އެވެ.

ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ދުންޔާ މައުމޫން މިއަދު އައްޔަން ކުރައްވައިފި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފޮރިން މިނިސްޓަރުކަން ކުރެއްވުމަށް ފަހު، ސަރުކާރާ މެދު ހިތްހަމަޖެހިވަޑައިނުގެން، ޖުލައި 5، 2016 ގައި ސަރުކާރުން އިސްތިއުފާ ދެއްވި ދުންޔާ އަށް ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން މިއަދު ދެއްވާފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ވިދާޅުވި އެވެ.

ފޮރިން މިނިސްޓަރުކަމުން އިސްތިއުފާ ދެއްވި ސަބަބެއް ކަމަށް ދުންޔާ އޭރު ވިދާޅުވެފައި ވަނީ، މަރުގެ އަދަބު ތަންފީޒުކުރަން ފެށުމާ މެދު ސަރުކާރާ ހިޔާލު ތަފާތުވެގެން ކަމަށެވެ.

ފޮރިން މިނިސްޓަރުކަމުން އިސްތިއުފާ ދެއްވުމަށް ފަހު، ދުންޔާ އޭރު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ 60 އަހަރަށް ވުރެ ގިނަ ދުވަސްވަންދެން ރާއްޖޭގއި މަރުގެ އަދަބު ތަންފީޒު ނުކޮށް، އޮތުމަށް ފަހު، އެކަން ތަންފީޒު ކުރުމަށް ނިންމި ދުވަސްވަރަކީ، ރާއްޖޭގެ ޝަރުއީ ނިޒާމުގެ ހަރުދަނާކަމާ މެދު ސުވާލުތަކެއް އުފެދިފައިވާ ދުވަސްވަރެއް ކަމަށެވެ. އަދި އެކަމާ މެދު ވަރަށް ގިނަ ފަރާތްތަކެއްގެ ކަންބޮޑުވުންތަކެއް ހުރިކަން ގަބޫލުކުރަންޖެހޭ ކަމަށް ދުންޔާ ވިދާޅުވެފައިވެ އެވެ.

ފޮރިން މިނިސްޓަރުކަމުން ދުންޔާ އިސްތިއުފާ ދެއްވުމަށް ފަހު، މިހާތަނަށް ގެންދެވީ ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ފާޑުވިދާޅުވަމުންނެވެ. ހާއްސަކޮށް ދުންޔާގެ ބައްޕާފުޅު، ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ރައީސް އަބްދުﷲ ޔާމީނާ ދެބޭފުޅުންގެ ސިޔާސީ ކޯޅުން ވަރަށް ބޮޑަށް ހޫނުވެ، ޣައްސާން މައުމޫން ފިޔަވައި މައުމޫންގެ އެހެން ބޭފުޅުން ގެންދަވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އެކަމަކު މައުމޫންގެ އެހެން ބޭފުޅުންނާ އަޅާ ބަލާއިރު، ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވުމުގައި ދުންޔާ ގެންގުޅުއްވަނީ މަޑުމައިތިރި ސިޔާސަތެއްކަން ފާހަގަކުރެވެ އެވެ.

ޕީޕީއެމްގެ އެތެރޭގެ ކޯޅުން ބޮޑުވެ، ރައީސް ޔާމީނާއި މައުމޫން ވަރަށް ބޮޑަށް ހިޔާލު ތަފާތުވި ނަމަވެސް މައުމޫންގެ ހަގު ދަރިކަލުން ޣައްސާން ހުންނެވީ ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުކަމުގަ އެވެ.

ދުންޔާ އަށް ހެލްތުގެ ސްޓޭޓް މިނިސްޓަރުކަން ދެއްވުމާ ގުޅިގެން، ޔުމްނާ މައުމޫން ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ، ދުންޔާ ނިންމެވީ އަމިއްލަ ނިންމެވުމެއް ކަމަށެވެ.

"އަޅުގަނޑު އިރާދަކުރެއްވިއްޔާ ހުންނާނީ ސާބިތުކަމާއެކު، ރައީސް މައުމޫން އަރިހުގައި ހައްގުގެ މަގުގައި،" ރައީސް ޔާމީންގެ ސަރުކާރުން ކުރިން އިސްތިއުފާ ދެއްވާފައި ޔުމްނާގެ ޓްވީޓްގައިވެ އެވެ.