Roadha Mihaaru

އަމުރު ނުނެރުނު ނަމަ މާދަމާގެ ވޯޓު ވީހީ އެއްވަރު

ޕާޓީ ބަދަލު ކުރުމަކީ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެފައިވާ ގޮނޑި ގެއްލޭނެ ކަމެއް ނޫން ކަމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރަށް އަމަލުކުރުން މަޑުޖައްސާލަން އެ ކޯޓުން މިރޭ އަމުރު ކުރުމާއެކު، މަޖިލީހުގެ މެޖޯރިޓީ ވެރިކަން ކުރާ ޕީޕީއެމް/އެމްޑީއޭ ކޯލިޝަނަށް ލިބިއްޖެ އެވެ.

އަމުރު ނުނެރުނު ނަމަ މާދަމާގެ ވޯޓު ވީހީ އެއްވަރު
މުހައްމަދު ޔާމީން
މުހައްމަދު ޔާމީން

18 ފެބުރުއަރީ 2018

ޕާޓީ ބަދަލު ކުރުމަކީ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެފައިވާ ގޮނޑި ގެއްލޭނެ ކަމެއް ނޫން ކަމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރަށް އަމަލުކުރުން މަޑުޖައްސާލަން އެ ކޯޓުން މިރޭ އަމުރު ކުރުމާއެކު، މަޖިލީހުގެ މެޖޯރިޓީ ވެރިކަން ކުރާ ޕީޕީއެމް/އެމްޑީއޭ ކޯލިޝަނަށް ލިބިއްޖެ އެވެ.

ފެބްރުއަރީ 1 ގައި ހުކުމުގައި ބުނެފައިވާ، ފްލޯ ކްރޮސް ކުރުމަކީ މެމްބަރު ކަމުގެ ގޮނޑި ގެއްލޭނެ ކަމެއް ނޫން ކަމަށް ކަނޑައަޅާފައި އޮތް ނަމަ، މާދަމާގެ ވޯޓާ މެދު ގޮތެއް ނިންމުމުގެ ބާރު ރިޔާސަތަށް ލިބުނީހެވެ. ސަބަބަކީ ޕީޕީއެމް/އެމްޑީއޭ ކޯލިޝަނާއި އިދިކޮޅު ފަރާތްތަކަށް ލިބޭ ވޯޓު އެއްވަރުވާނެތީ އެވެ.

ސަރުކާރުން އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތާ މެދު ގޮތެއް ނިންމުމަށް މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ޖަލްސާގައި ގޮތެއް ނިންމުމަށް ވަނީ ހަމަޖެހިފަ އެވެ.

ނަމަވެސް، މިރޭގެ އަމުރާއެކު، މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި 12 މެމްބަރުންނަށް ޖަލްސާގެ ދޮރު ބަންދުވީ އެވެ. އެއާއެކު، މަޖިލީހުގެ ސާފު އަޣުލަބިއްޔަތެއް ވެރިކަން ކުރާ ޕީޕީއެމް/އެމްޑީއޭ ކޯލިޝަނަށް ލިބޭނެ އެވެ.

މަޖިލީހުގައި ހިމެނޭ 85 މެމްބަރުންގެ ތެރެއިން ވެރިކަން ކުރާ ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގައި މިހާރު ތިއްބެވީ 41 މެމްބަރުންނެވެ. އެއީ ޕީޕީއެމްގެ 36 މެމްބަރުންނާއި އެމްޑީއޭގެ ފަސް މެމްބަރުންނެވެ. މީގެ ތެރޭގައި، ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވެސް ހިމެނެ އެވެ.

ސަރުކާރާ އިދިކޮޅު ފަރާތްތަކުގެ ގޮތުގައި 44 މެމްބަރުން މިހާރު އެބަތިއްބެވި އެވެ. އެކަމަކު، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން ހުންނެވީ ހައްޔަރުކޮށްފަ އެވެ. އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ހުންނެވީ އަމިއްލަ އަށް އަރުވާލެއްވިގެން ޖަރުމަނުވިލާތުގަ އެވެ. އެހެންކަމުން، މި ހަތަރު މެމްބަރުން ވެސް މާދަމާގެ ޖަލްސާ އަށް ހާޒިރުވާނެ ކަމަކަށް ނުބެލެވެ އެވެ. އޭރު ދެކޮޅު ހަމަހަމަވެ އެވެ.

އިދިކޮޅު 44 މެމްބަރުން ޕާޓީތަކަށް ބެހިފައިވާ ގޮތް

- އެމްޑީޕީ މެމްބަރުން: 21

- ޖުމްހޫރީ ޕާޓީގެ މެމްބަރުން: 7

- އަދާލަތު ޕާޓީ: 1

- ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުން އަހުމަދު މަހްލޫފް: 1

- ނޮޅިވަރަމު ދާއިރާގެ މެމްބަރު އަހުމަދު އަރީފް: 1

- ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން: 1

- ޕީޕީއެމްގައި ތިއްބެވި 12 މެމްބަރުން (ގޮނޑި ގެއްލުނު ކަމަށް އީސީން ނިންމި)

އަމުރު ނުނިކުތްނަމަ، އިދިކޮޅު ފަރާތްތަކަށް މާދަމާގެ ވޯޓުގައި ގިނަވެގެން ލިބޭނީ 40 ވޯޓެވެ. މަސީހުގެ ވޯޓު ނުހިމަނައި، ޕީޕީއެމް/އެމްޑީއޭ ކޯލިޝަނަށް ވެސް އެ އަދަދަށް ވޯޓު ލިބޭނެ އެވެ. ވޯޓު އެއްވަރުވެއްޖެ ހާލަތެއްގައި ރިޔާސަތުގައި އިންނަވާ ބޭފުޅަކަށް ވޯޓު ދެއްވުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެ އެވެ.

ޕީޕީއެމް ކޯލިޝަންގައި ތިއްބެވި މެމްބަރުންގެ އަދަދު:

- ޕީޕީއެމް: 36 މެމްބަރުން (މަސީހު ހިމަނައިގެން)

- އެމްޑީއޭ: ފަސް މެމްބަރުން

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ފެށުނު ފަހުން، ބޭއްވި މަޖިލީހުގެ ޖަލްސާތަކުގައި އާންމުކޮށް ރިޔާސަތުގައި އިންނަވަނީ މަސީހު އާއި މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކެވެ. މި ދެ ބޭފުޅުންނަކީ ވެސް ސަރުކާރަށް ތާއީދު ކުރައްވާ ދެ މެމްބަރުން ކަމަށްވާތީވެ، ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭ ގަރާރު މަޖިލީހުން ފާސް ކުރާނެ ކަން ކަށަވަރު ކުރެވެ އެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން މިރޭ ނެރުނު އަމުރާއެކު، މާދަމާ ނެގުމަށް ހަމަޖެހިފައިވާ ވޯޓުގައި އިދިކޮޅު ފަރާތްތަކަށް ލިބޭނީ 26 ވޯޓެވެ. އެއީ ގާސިމާއި ފާރިސްގެ އިތުރުން ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި 12 މެމްބަރުންގެ ވޯޓާ ނުލަ އެވެ.

ފެބްރުއަރީ 1 ގައި ހުކުމުގައި ބުނެފައިވާ، ފްލޯ ކްރޮސް ކުރުމަކީ މެމްބަރު ކަމުގެ ގޮނޑި ގެއްލޭނެ ކަމެއް ކަމަށް ނޫން ކަމަށް ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވި އިރު، މިރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ އެ ބަޔަށް މަޑުޖައްސާލަން އަމުރުކުރާ ކަމަށެވެ. އަމުރުގައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނުގެންދާތާ ގިނަ ދުވަސްތަކެއް ވެފައިވާކަން ފާހަގަކޮށް، މިހާރު ތިއްބެވި މެމްބަރުންނާއެކު މަޖިލީހުގެ ފުރަތަމަ ދައުރުގެ ޖަލްސާ ފެށުމަށް އަންގައިފަ އެވެ.

މި ބަޔަށް އަމަލު ކުރުން މަޑުޖައްސާލަން އަމުރުކުރި އިރު، މަޖިލީހުގެ ދައުރުން ބޭރުގައި ބާއްވާ ހާއްސަ ޖަލްސާއެއް އެޖެންޑާކޮށް، ގޮނޑި ގެއްލިއްޖެ ކަމަށް ކުރިން ކަނޑައެޅި 12 މެމްބަރުންނަށް ވަނީ ޖަލްސާ އަށް ދައުވަތު ވެސް ފޮނުވައިފަ އެވެ. އެކަމަކު، މިހާރު އެ މެމްބަރުންނަށް މަޖިލީހަށް ނުވެންނެވޭނެ އެވެ.

މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވަނީ ވިލިނގިލީ ދާއިރާގެ ސައުދު ހުސައިނާއި ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހީމާއި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާނާއި ދަގެނތީ ދާއިރާގެ އިލްހާމް އަހްމަދާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ އާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހުމަދާއި ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހެވެ.

ގަލޮޅު ދެކުނު ދާއިރާގެ އަހުމަދު މަހްލޫފް ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލަން 50 މެމްބަރުން ވޯޓު ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އޭނާ އެ ވިދާޅުވާ މިންވަރަށް އިދިކޮޅަށް ވޯޓު ލިބޭނީ ޕީޕީއެމް/އެމްޑީއޭގެ މެމްބަރުންތަކެއް ވޯޓު ދެއްވައިގެންނެވެ. އެކަމަކު، ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ވިދާޅުވީ ކޯލިޝަން މެމްބަރުން ތިއްބެވީ ބަދަހިކަމާއެކު ސަރުކާރަށް އެއްބާރުލުން ދެއްވަން ތައްޔާރަށް ކަމަށެވެ.