Roadha Mihaaru
ނޫސްވެރިޔާ ހުސެއިން އެއާޕޯޓުން ހިފަހައްޓަން އުޅެފި

ނޫސްވެރިޔާ ހުސެއިން ބޭރަށް ފުރިޔަނުދީ ހިފަހައްޓަން އުޅެފި

18 ފެބުރުއަރީ 2018

އިދިކޮޅު ފަރާތްތަކުން މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި އެއްވުން ކަވަރުކުރަން އުޅެނިކޮށް، ހުރަސްއަޅައި ފުލުހުން އަނިޔާކުރި ރާއްޖެ ޓީވީގެ ނޫސްވެރިޔާ ހުސެއިން ހަސަން ރާއްޖެ އިން ބޭރަށް ފުރިޔަނުދީ ހިފަހައްޓަން މިއަދު އުޅެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އިދިކޮޅު ފަރާތްތަކުން މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި އެއްވުން ކަވަރުކުރަން އުޅެނިކޮށް، ހުރަސްއަޅައި ފުލުހުން އަނިޔާކުރި ރާއްޖެ ޓީވީގެ ނޫސްވެރިޔާ ހުސެއިން ހަސަން ރާއްޖެ އިން ބޭރަށް ފުރިޔަނުދީ ހިފަހައްޓަން މިއަދު އުޅެފި އެވެ.

ހުސެއިންގެ އައިޑީކާޑު އަތުލައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން އުޅުނީ އޭޑީކޭގައި އެޑްމިޓްކޮށްގެން ފަރުވާ ދިނުމަށް ފަހު، އިތުރު ފަރުވާ އަށް ސްރީ ލަންކާ އަށް ފުރަންވެގެން އެއާޕޯޓުގައި ހުއްޓައި ކަމަށް ރާއްޖެ ޓީވީން ބުންޏެވެ.

ރާއްޖެ ޓީވީގެ ސީއޯއޯ ހުސެއިން ފިޔާޒް ވިދާޅުވީ ފުރަން ބޯޑިން ގޭޓަށް ވަންނަން އުޅެނިކޮށް ހުސެއިން ހުއްޓުވައި، ފުލުހުންނާ އެކު ދާން އެންގި ކަމަށެވެ.

"އިމިގްރޭޝަން އޮފިސަރަކާ އެކު ފުލުުހުން ގޮސް ހުސެއިން ގެންދަން އުޅުނީ. ތުހުމަތަކީ ކޮބައިތޯ ބުނީމަ އެއްވެސް ޖަވާބެއް ނުދޭ. އެއްވެސް ތުހުމަތެއް ނެތި އެގޮތަށް ފުރުން މަނާ ނުކުރެވޭނެ ކަމަށް ތަކުރާރުކޮށް ބުނީމަ ދޫކޮށްލީ،" ފިޔާޒް ވިދާޅުވި އެވެ.

ހުސެއިން އިތުރު ފަރުވާ އަށް ސްރީ ލަންކާ އަށް ދާން ފްލައިޓުގައި.

އޭނާ ވިދާޅުވި ގޮތުގައި ގަސްތުގައި އަނިޔާކުރުމަށް ފަހު، އެ އަނިޔާތަކަށް ފަރުވާ ހޯދަން އުޅުމުން ހުއްޓުވުމަކީ "ފުރައްސާރަ" ކުރުމެވެ.

"އަޅުގަނޑުމެން ވަރަށް ކަންބޮޑުވޭ މިގޮތަށް އަމަލުކުރުމުން. ފުލުހުން ދިން އަނިޔާތަކަށް ފަރުވާ ހޯދަން ބަލި މީހާ ފުރަން އުޅުމުން ޖެއްސުންކޮށް ފުރައްސާރަ މިކުރަނީ،" އޭނާ ވިދާޅުވި އެވެ.

ފިޔާޒު ވިދާޅުވީ ހުސެއިން ދޫކޮށްލީ، ފްލައިޓު ވެސް ފުރަން ވަގުތު ކުޑަތަންވެފައި އޮތުމާއެކު އެއްވެސް ތުހުމަތެއް ނެތި ފުރުން މަނާކޮށްގެން ނުތިބެވޭނެތީ ކަަމަށް ބެލެވޭ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ފޯނަށް ޖަވާބު ނުދެއްވާތީ، މިކަމުގައި އެ މުއައްސަސާގެ ކޮމެންޓެއް އަދި ނުލިބެ އެވެ.

ހުކުރު ދުވަހުގެ ރޭ ހުސެއިން ހައްޔަރުކުރީ މަޖީދީ މަގާއި ޗާންދަނީ މަގު ކަންމައްޗަށް މީހުން އެއްވުމުން، އެ މަންޒަރުތައް ރާއްޖެ ޓީވީ މެދުވެރިކޮށް ކިޔައި ދެމުން ދަނިކޮށް، ފުލުހުން ނުކުމެ، ނޫސްވެރިން ފަހަތަށް ޖެއްސުމުގެ ތެރޭގަ އެވެ. އޭނާ ހައްޔަރުކޮށް އަނިޔާކުރުމުން، އެތެރަހައްޓަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށް ރާއްޖެ ޓީވީން ވަނީ ބުނެފަ އެވެ. އެކަމަކު މި ތުހުމަތުތައް ފުލުހުން ދޮގު ކުރެ އެވެ.