Roadha Mihaaru
ޗެނަލް 13ގެ ނޫސްވެރިޔަކަށް އަނިޔާކުރި ކަމަށް ބުނެފި

އައިޖީއެމްއެޗްގައި ޗެނަލް 13ގެ ނޫސްވެރިޔަކަށް ފުލުހުން އަނިޔާކުރި ކަމަށް ބުނެފި

08 ޖެނުއަރީ 2022

ޗެނަލް 13ގެ ނޫސްވެރިއަކަށް އައިޖީއެމްއެޗް ތެރޭގައި ފުލުހުން އަނިޔާކޮށްފައިވާ ކަމަށް އެ ޗެނަލުން ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޗެނަލް 13ގެ ނޫސްވެރިއަކަށް އައިޖީއެމްއެޗް ތެރޭގައި ފުލުހުން އަނިޔާކޮށްފައިވާ ކަމަށް އެ ޗެނަލުން ބުނެފި އެވެ.

ޗެނަލް 13 ގެ ޗީފް އޮޕަރޭޓިން އޮފިސަރު މުހައްމަދު ސަމާހު ވިދާޅުވީ މިކަން ދިމާވީ ވީ އިދިިކޮޅު ކޯލިޝަނުން އިއްޔެ ކުރި "އިންޑިއާ އައުޓް މުޒާހަރާ" ގައި ހިނގި ހަމަނުޖެހުންތަކުގައި އަނިޔާވި މީހުންނަށް ފަރުވާ ދޭން ހޮސްޕިޓަލަށް ގެންދިއުމުން އެތަން ކަވަރުކުރުމުގެ ތެރޭގައި ކަމަށެވެ.

ސަމާހު ތުހުމަތުކުރެއްވި ގޮތުގައި ނޫސްވެރިޔާ އަށް އަނިޔާކުރީ ހޮސްޕިޓަލްގައި އެއްވެ ތިބި މީހުންނަށް "އަނިޔާކުރަން ފެށުމުން" އެ މަންޒަރު ވީޑިއޯ ކުރަން އުޅުމުންނެވެ. އަދި އޭނާއާ މެދު ފުލުހުން އަމަލުކުރީ މުޒާހަރާގެ ބައިވެރިންނާ މެދު އަމަލުކުރާ އުސޫލުން ކަމަށާއި ކުރި އަނިޔާތައް ބޭރުފުށުން ވެސް ފެންނަން އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

"ބޭރު ފުށުން ވެސް ފެންނަން އެބަހުރި އަތުގެ ތަންތަން ދުޅަވެފައި ހުރި ތަން. އޭނާގެ ބޮލަށް ވެސް ތަދުވާ ކަމަށް އޭނާ ބުނަނީ. ޑޮކްޓަރުން ބުނެފައި އޮތީ ހަތަރު ދުވަހުގެ ބެޑް ރެސްޓް ކުރަން،" ސަމާހް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެހެން މުޒާހަރާތަކުގައި ވެސް ޗެނަލް 13ގެ ނޫސްވެރިންނާ މެދު ފުލުހުން އަމަލުކުރަނީ މުޒާހަރާގެ ބައިވެރިންނާ މެދު އަމަލުކުރާ އުސޫލުންނެވެ.

އަނިޔާކުރި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ ސަމާލު ކަމަށް މިހާރު ގެނެސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނޫސްވެރިއަކަށް އަނިޔާކުރި ކަމަށް ބުނާ މައްސަލައާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.

ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ހޮސްޕިޓަލް ތެރެއަށް ވަން މީހުން ކޮންޓްރޯލްކުރަން، އައިޖީއެމްއެޗްގެ ސެކިއުރިޓީ ބަލަހައްޓާ ފުލުހުންގެ ސްޕެޝަން ކޮންސްޓަބްލަރީގެ ގިނަ ބަޔަކާއި ފުލުހުން ވެސް ހަރަކާތްތެރިވެފައިވެ އެވެ. ހޮސްޕިޓަލަށް ވަން ބައެއް މީހުންނާއި ސެކިއުރިޓީ ބަލަހައްޓާ މީހުންނާ ދެމެދު ދެބަސްވުން އުފެދި އެއްބަޔަކު އަނެއް ބަޔަކަށް ގަދަ ދައްކައި ހަމަނުޖެހުން ހިނގާތަން ވީޑިއޯ އިން ފެނެ އެވެ.

އިދިކޮޅު ޕީޕީއެމުން، ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ކުރާ މުޒާހަރާތަކުގައި އެތައް ބަޔަކު ހައްޔަރުކުރި ނަމަވެސް އެންމެން ވަނީ ދޫކޮށްލައިފަ އެވެ. ނަމަވެސް މުޒާހަރާގައި މީހުންނަށް އަނިޔާވާ ގޮތަށް ފުލުހުން ބާރުގެ ބޭނުންކުރާ ކަމުގެ ޝަކުވާ އަންނަނީ ކުރަމުންނެވެ. ނަމަވެސް ފުލުހުން ވަނީ ގާނޫނުތަކާއި ގަވައިދުތަކާ ހިލާފަށް އަމަލު ނުކުރާ ކަމަށާއި ޝަކުވާއެއް އޮތް ނަމަ ކަމާބެހޭ އިދާރާތަކަށް އެކަން ހުށަހަޅަން އެދިފަ އެވެ.