Roadha Mihaaru

ޖަލްސާތައް ނުބާއްވާ މައްސަލަ މަޖިލީހަކަށް ހުށަހެއް ނޭޅުނު

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ޖަލްސާތައް ނުފަށައި ދިގުލައިގެންދާ މައްސަލަ ހުށަހަޅުއްވަން އިދިކޮޅު މެމްބަރުންތަކެއް މިއަދު މަސައްކަތް ކުރެއްވި ނަމަވެސް ސިފައިންގެ ހުރަސްއެޅުމާ ގުޅިގެން އެކަން ކާމިޔާބުވާ ގޮތެއް ނުވި އެވެ.

ޖަލްސާތައް ނުބާއްވާ މައްސަލަ ހުށަހެއް ނޭޅުނު
މުހައްމަދު ޔާމީން
މުހައްމަދު ޔާމީން

13 ފެބުރުއަރީ 2018

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ޖަލްސާތައް ނުފަށައި ދިގުލައިގެންދާ މައްސަލަ ހުށަހަޅުއްވަން އިދިކޮޅު މެމްބަރުންތަކެއް މިއަދު މަސައްކަތް ކުރެއްވި ނަމަވެސް ސިފައިންގެ ހުރަސްއެޅުމާ ގުޅިގެން އެކަން ކާމިޔާބުވާ ގޮތެއް ނުވި އެވެ.

މި މައްސަލަ ހުށަހަޅުއްވަން ގިނަ އަދަދެއްގެ އިދިކޮޅު މެމްބަރުންނަށް މަޖިލީހުގެ ގޭޓުން އެތެރެއަށް ވަދެވަޑައިގެންނެވުނު ކަމަށް ވިޔަސް، މަޖިލީހުގެ އިދާރާގެ އިމާރާތުގެ ތެރެއަށް ވަދެވަޑައިގެންނެވޭ ގޮތެއް ނުވި އެވެ. އެއީ ޔުނިފޯމްގައި ތިބި ގިނަ އަދަދެއްގެ ސިފައިން އެ މެމްބަރުންނަށް ހުރަސްއަޅައި ހުއްޓުވުމުންނެވެ. އެހެންވެ، ޖަލްސާތައް ނުބާއްވާ މައްސަލަ މަޖިލީހުގެ އިދާރާގެ އޮފިޝަލުންނާ ހަވާލު ކުރެވޭނެ ގޮތް ނުވެގެން އިދިކޮޅު މެމްބަރުން ބަނީ އެތަނުން ފަހުން ނުކުމެވަޑައިގެންފަ އެވެ.

އިދިކޮޅު މެމްބަރުންތަކެއް މަޖިލީހަށް ވެންނެވުމަށް މިއަދު މަސައްކަތް ކުރެއްވުމުން ސިފައިން އެކަމަށް ހުރަސް އަޅަނީ.

އިދިކޮޅު މެމްބަރުންތަކެއް މަޖިލީހަށް ވެންނެވުމަށް މިއަދު މަސައްކަތް ކުރެއްވުމުން ސިފައިން އެކަމަށް ހުރަސް އަޅަނީ.

މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ، ސިފައިން ހުރަސް އެޅީ މެމްބަރުންގެ ވާޖިބަށް ކަމަށެވެ. އަދި އެ ސިފައިންނާ ދެކޮޅަށް ފިޔަވަޅު އަޅާނެ ދުވަހެއް އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޣައިރު ގާނޫނީ އަމުރަށް ތަބާވެ ތިބި ސިފައިން އަޅުގަނޑުމެންނަށް ހުރަސްއެޅީ. ގާނޫނީ ވާޖިބެއް ނޫން ސިފައިން އަދާކުރީ. އެމީހުންނާ ދެކޮޅަށް ފިޔަވަޅު އަޅާނެ،" އަމީތު ވިދާޅުވި އެވެ.

ޖަލުގައި ތިބި އިދިކޮޅު ސިޔާސީ ނުވަ ބޭފުޅަކު ވަގުތުން މިނިވަން ކުރުމަށާއި، މަޖިލީހުގެ މެމްބަރުކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުން އެ މަގާމުން ވަކި ނުވާ ކަމަށް މި މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން އަމުރެއް ނެރުމާ ގުޅިގެން، ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް ބުނެ މި އަހަރުގެ ފުރަތަމަ ޖަލްސާ ވަނީ މުއްދަތެއް ނެތް ގޮތަށް ކެންސަލް ކޮށްފަ އެވެ.

އިދިކޮޅު މެމްބަރުން ވިދާޅުވަނީ، ޖަލްސާ ނުބާއްވައި ލަސް ކުރަނީ ސަރުކާރަށް މަޖިލީހުގެ އަޣުލަބިއްޔަތު ގެއްލުމުން ކަމަށް ވިދާޅުވަމުންނެވެ. އަދި ޖަލްސާތައް އަލުން ފަށާނީ ސަރުކާރަށް ބޭނުންވާ މެޖޯރިޓީ ހޯދުމަށް ފަހު ކަމަށް ވެސް އެ މެމްބަރުން ވިދާޅުވެ އެވެ.

ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން ބުނީ މަޖިލީހުގެ ޖަލްސާތައް ނުފެށި ލަސްވީ ބަޔަކު ގެންނަން އުޅުނު "ބަޣާވާތްފުޅު"ގެ ސަބަބުން ކަމަށާއި ކުއްލި ހާލަތު ނިމުމާއެކު ޖަލްސާތައް ފަށާނެ ކަމަށެވެ.