ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުންތަކެއް، މަޖިލީހުގެ އިދާރާ އަށް ވަދެވަޑައިގަތުމަށް ސިފައިން މިއަދު ހުރަސް އަޅައިފި އެވެ.
13 ފެބުރުއަރީ 2018
ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުންތަކެއް، މަޖިލީހުގެ އިދާރާ އަށް ވަދެވަޑައިގަތުމަށް ސިފައިން މިއަދު ހުރަސް އަޅައިފި އެވެ.
ގިނަ އަދަދެއްގެ މެމްބަރުން މަޖިލީހުގެ އިދާރާ އަށް ވަޑައިގަންނަވަން އުޅުއްވީ މި އަހަރުގެ ޖަލްސާތައް ފަށާނެ ދުވަހެއް އޮޅުން ފިލުއްވުމަށެވެ.
އެކަން ސާފުކުރުމަށް އުޅުއްވި މެމްބަރުންނަށް މަޖިލީހުގެ ބޭރު ގޭޓުން އެތެރެ އަށް ވަދެވަޑައިގެންނެވުނު ނަމަވެސް، މަޖިލީހުގެ އިމާރާތުގެ ތެރެއަށް ނުވަދެވޭ ގޮތަށް ސިފައިންގެ ފަސް މީހަކު ޔުނިފޯމްގައި ތިއްބެވެ. މަޖިލީހުގެ އިމާރާތުގެ ތެރެއަށް މެމްބަރުން ވަދެވަޑައިގަތުމަށް ސިފައިން ހުރަސްއެޅުމުން އެ މެމްބަރުން މިހާރު ތިއްބެވީ އެތަނުގެ ގޯތިތެރޭގަ އެވެ.
މަޖިލީހުގައި މިވަގުތު ހުންނެވި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ، އެބޭފުޅުން މަޖިލީހަށް ވަޑައިގަތީ ގާނޫނުން މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމަށް ކަމަށެވެ. އެކަމަކު، ސިފައިން އެކަމަށް ހުރަސް އަޅައި މަޖިލިސް "ހިސޯރު" ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މެމްބަރުންނަށް މަޖިލީހަށް ނުވަދެވޭ. އެކަމަކު، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މިހާރު ވެސް ހުންނެވީ އެތަނުގެ ތެރޭގައި. މަސީހަށް ވަދެވޭނަމަ، އަޅުގަނޑުމެންނަށް ވަދެވެން ޖެހޭނެ،" އަމީތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަޖިލީހުގެ ގޯތިތެރޭގައި އިދިކޮޅު ފިކުރުގެ 10 މެމްބަރުންނަށް ވުރެ ގިނަ ބޭފުޅުން މިހާރު އެބަތިއްބެވި ކަމަށެވެ. އަދި ސިފައިން، މެމްބަރުންނަށް ހުރަސްއެޅުމަކީ ގަބޫލު ކުރެއްވޭނެ ކަމެއް ނޫން ކަމަށާއި އެމީހުންނާ ދެކޮޅަށް ފިޔަވަޅު އެޅޭނެ ދުވަހެއް އަންނާނެ ކަމަށް އަމީތު ވިދާޅުވި އެވެ.
ޖަލުގައި ތިބި އިދިކޮޅު ސިޔާސީ ނުވަ ބޭފުޅަކު ވަގުތުން މިނިވަން ކުރުމަށާއި، މަޖިލީހުގެ މެމްބަރުކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުން އެ މަގާމުން ވަކި ނުވާ ކަމަށް މި މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން އަމުރެއް ނެރުމާ ގުޅިގެން، ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް ބުނެ މި އަހަރުގެ ފުރަތަމަ ޖަލްސާ ނުވަތަ ރައީސް އަބްދުﷲ ޔާމީން ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ވަނީ ކެންސަލް ކޮށްފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން ތިން ދައުރަކަށް ބަހާލައިގެން އަހަރުގެ ތެރޭގައި މަޖިލީހުގެ ޖަލްސާތައް ބާއްވާއިރު، ކޮންމެ އަހަރެއްގެ ވެސް ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ފެބްރުއަރީ މަހުގެ ފުރަތަމަ ހަފުތާގައި ބާއްވަން ޖެހެ އެވެ. އެ އުސޫލުން، މިދިޔަ ހަފުތާގެ ހޯމަ ދުވަހު މިއަހަރުގެ ފުރަތަމަ ޖަލްސާ ބާއްވަން ވެސް ނިންމި އެވެ.
އިދިކޮޅު މެމްބަރުން ގެންދަވަނީ ތަކުރާރުކޮށް، ޖަލްސާ ނުބާއްވައި ލަސް ކުރަނީ ސަރުކާރަށް މަޖިލީހުގެ އަޣުލަބިއްޔަތު ގެއްލުމުން ކަމަށް ވިދާޅުވަމުންނެވެ. އެކަމަކު، ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން ބުނީ މަޖިލީހުގެ ޖަލްސާތައް ނުފެށި ލަސްވީ ބަޔަކު ގެންނަން އުޅުނު "ބަޣާވާތްފުޅު"ގެ ސަބަބުން ކަމަށާއި ކުއްލި ހާލަތު ނިމުމާއެކު ޖަލްސާތައް ފަށާނެ ކަމަށެވެ.
ޖަލްސާތައް ނުބާއްވާ މައްސަލަ ހުށަހެއް ނޭޅުނު
ޖަލްސާގައި ބައިވެރިވުމާމެދު މެމްބަރުން މަޝްވަރާ ކުރަނީ
"ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކުރުމުން ކަންބޮޑުވޭ"
އަމުރު ނުނެރުނު ނަމަ މާދަމާގެ ވޯޓު ވީހީ އެއްވަރު
އިދިކޮޅު ބައެއް މެމްބަރުންނަށް އަނިޔާވެއްޖެ
މަޖިލީހަށް ވަން މެމްބަރުން އުފުލާލައިގެން ނެރެފި
އިދިކޮޅު މެމްބަރުން ކޮމެޓީއަށް ވަންނަން ހުރަސް އަޅައިފި
އެ ދުވަހު ސިފައިންނާއި ފުލުހުން ވެސް ގޯސް
ސަލާމަތީ ބާރުތަކުން ގާނޫނާ ހިލާފުވި މައްސަލަ މަޖިލީހަށް
މަޖިލީހުގައި ފިޔަވަޅު އެޅީ ކުރިމަތިވެދާނެ ނުރައްކަލަކަށް