Roadha Mihaaru
ބައިވެރިވީއެއް ނޫން، ބަލާލަން މަޑުކޮށްލީ: ސަފީރު

އެެއްވުމުގައި ބައިވެރިވީއެއް ނޫން، ގެއަށް ދަމުން މަޑުކޮށްލީ: ޗައިނާ ސަފީރު

13 ފެބުރުއަރީ 2018

އިދިކޮޅު ޕާޓީތަކުން ރޭ އެމްޑީޕީގެ ހަރުގެ ސަރަހައްދުގައި ބޭއްވި އެއްވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ކަމަށާއި ގެއަށް ވަޑައިގަތް މަގުމަތީގައި މަޑުކޮށްލެއްވީ ކަމަށް ޗައިނާގެ ސަފީރު ޒަންގް ލިޒޯންގް މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އިދިކޮޅު ޕާޓީތަކުން ރޭ އެމްޑީޕީގެ ހަރުގެ ސަރަހައްދުގައި ބޭއްވި އެއްވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ކަމަށާއި ގެއަށް ވަޑައިގަތް މަގުމަތީގައި މަޑުކޮށްލެއްވީ ކަމަށް ޗައިނާގެ ސަފީރު ޒަންގް ލިޒޯންގް މިއަދު ވިދާޅުވެއްޖެ އެވެ.

ހަބޮލިވެފައިވާ ސިޔާސީ މަސްރަހުގައި މިއަދު އެންމެ ބޮޑު ކަމަކަށްވީ، އިދިކޮޅު އެއްވުމުން ޗައިނާގެ ސަފީރު ފެނުމުންނެވެ. މިއީ، އެއްވުމުގައި ސަފީރު ބައިވެރިވެވަޑައިގަތުމުން ކަމަށް ސޯޝަލް މީޑިއާގައި ދަނީ ވާހަކަ ދައްކަމުންނެވެ. އެއްވުމުގެ ތެރޭގައި ސަފީރާއެކު ބައެއް މީހުން ނަގާފައިވާ ފޮޓޯތައް ވެސް ވަނީ އާއްމުކޮށްފަ އެވެ.

އެއްވުމުގައި ޗައިނާ ސަފީރު ބައިވެރިވެވަޑައިގެންފައިވާ ކަމަށް ދައްކާ ވާހަކަތައް ދޮގުކުރައްވައި ޒަންގް "މިހާރު" އަށް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކުރިއަށް ދަނިކޮށް ކުޑައިރުކޮޅަކަށް މަޑުކޮށްލެއްވީ މަންޒަރު ބަލާލަން ކަމަށެވެ. އެއީ، ރަސްމީ އެއްވެސް ހައިސިއްޔަތަކުން ކުރެއްވި ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

"އެމްބަސީ އެ ހުންނަނީ އެ ސަރަހައްދުގައި. އަޅުގަނޑު އެތަނުން ނުކުމެގެން ދިޔަ މަގުމަތީގައި، އެތަނުގައި މީހުން ތިބީމަ ބަލާލަން ކުޑައިރުކޮޅަކަށް މަޑުކޮށްލީ. އެއީ ބައިވެރިވުމެއް ނޫނެއް ނޫންތޯ؟،" ކުޑަކޮށް ހެމުން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޗައިނާ އާއި ރާއްޖެއާ ދޭތެރޭގައި އޮންނަނީ ވަރަށް ގާތް ގުޅުމެކެވެ. އެހެންވިއަސް ކުރިން ވެސް ނިންމާފައިވާ ގޮތަށް ރާއްޖޭގެ މައްސަލަތަކުގެ ތެރެއަށް އެ ގައުމުން ނުވަންނާނެ ކަމަށް ވިދާޅުވި އެވެ.

"ރާއްޖޭގެ ހާލަތު ވަރަށް ގާތުން ބަލަމުން މި އަންނަނީ. ރާއްޖެއަށް އެހީވާން ޗައިނާ އޮތީ ތައްޔާރަށް، އެކަމަކު މައްސަލަތަކުގެ ތެރެއަކަށް ނުވަންނާނެ،" ސަފީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޗައިނާ އިން ބޭނުން ވަނީ ރާއްޖޭގައި ހަމަޖެހުމާއި އަމާންކަން ގާއިމްވެފައި އޮތުން ކަމަށެވެ. މިހާރު އޮތް ހާލަތުން އަރައިގަނެ، އެ ހާލަތަށް ބަދަލުވާން ސިޔާސީ ޕާޓީތަކާއި ސަރުކާރުން ވާހަކަ ދެއްކުން މުހިއްމު ކަން ސަފީރު ފާހަގަކުރެއްވި އެވެ.

އެއްވުމުން ބައްލަވާލައްވަން ސަފީރު މި މަޑުކުރެއްވީ، ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވި ފަހުން ޗައިނާއަށް ބަރޯސާވެ، އެ ގައުމުގެ ނުފޫޒު ރާއްޖެ އަށް ވަރަށް ބޮޑަށް ފޯރާފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރަމުން ދަނިކޮށެވެ.

ސިޔާސީ މަސްރަހު ހަލަބޮލިވެފައި މިވަނީ، ޖަލު ހުކުމްތަކެއްގައި ތިއްބެވި ސިޔާސީ ނުވަ ބޭފުޅަކު ވަގުތުން މިނިވަންކުރުމަށް އަންގައި، މި މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަކާ ގުޅިގެންނެވެ. އެ މައްސަލަ ހައްލު ކުރުމުގެ ގޮތުން ކަމަށް ބުނެ، ރައީސް އަބްދުﷲ ޔާމީން ވަނީ މި މަހުގެ ފަސް ވަނަ ދުވަހުގެ ރޭ، 15 ދުވަހުގެ މުއްދަތަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައިފަ އެވެ. ހަމަ އެ ރޭ ފުލުހުންނާއި ސިފައިން ބާރުގެ ބޭނުންކޮށްގެން ސުޕްރީމް ކޯޓުގެ ތެރެއަށް ވަދެ، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ވަނީ ހައްޔަރު ކޮށްފަ އެވެ. އޭގެ އިތުރުން ރައީސް އަބްދުﷲ ޔާމީންގެ އެއްބަފާ ބޭބޭފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ހަސަން ސައީދު ވެސް ވަނީ ހައްޔަރު ކޮށްފަ އެވެ.