17 މާޗް 2018
އިދިކޮޅު ފަރާތްތަކުން، ސަރުކާރާ ދެކޮޅަށް ރޭ ކުރި މުޒާހަރާ ކާމިޔާބު ކަމަށާއި މުޒާހަރާތައް ކުރަނީ އިސްލާމް ދީނުގެ ދިފާއުގައި ކަމަށް ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން މިއަދު ބުނެފި އެވެ.
އިދިކޮޅު ފަރާތްތަކުން، ސަރުކާރާ ދެކޮޅަށް ރޭ ކުރި މުޒާހަރާ ކާމިޔާބު ކަމަށާއި މުޒާހަރާތައް ކުރަނީ އިސްލާމް ދީނުގެ ދިފާއުގައި ކަމަށް ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން މިއަދު ބުނެފި އެވެ.
"ހުއްޓުވާ" ނަމުގައި އިދިކޮޅު ފަރާތްތަކުން ރޭ މާލޭގެ އެކި ސަރަހައްދުތަކަށް އެއްވެ ކުރި މުޒާހަރާ ފުލުހުން ރޫޅާލީ ކަރުނަ ގޭހާއި ޕެޕާ ސްޕްރޭ ޖަހައިގެންނެވެ. މި މުޒާހަރާގައި ބައިވެރިވި 141 މީހަކު، ފުލުހުން ހައްޔަރު ކުރި އިރު، މިވަގުތު ފުލުހުންގެ ބަންދުގައި ތިބީ 139 މީހެކެވެ.
އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ކުރަމުން އަންނަނީ ދިވެހި ދައުލަތާއި ގައުމާއި ދީނާއި މިނިވަންކަމުގެ ދިފާއުގައި ކުރާ މަސައްކަތެއް ކަމަށެވެ.
ވަހީދު ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކުގެ މުޒާހަރާތައް ސުލްހަވެރިކަމާ އެކު ކުރިއަށް ދާ ނަމަ، ދައުލަތުގެ މުއައްސަސާތަކުން އެކަން ހުއްޓުވައިގެން ނުވާނެ އެވެ. މިއީ ރައްޔިތުންގެ ހައްގުތައް ހޯދައި ދިނުމަށް އިދިކޮޅު ފަރާތްތަކުން ކުރާ އިސްލާހީ މަސައްކަތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ލޯކަލް މާރުކޭޓު ސަރަހައްދަށް އެއްވި ދެ މީހަކު ހައްޔަރުކޮށްގެން ރޭ ގެންދަނީ. ---ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
"ރައްޔިތުން ކުރަމުންދާ މަސައްކަތަކީ ހައްގުތަކާއި މިނިވަންކަން ހޯދައި ދިނުމަށް ކުރާ މަސައްކަތެއް. މިއީ ވަކި ބަޔަކަށް ޖެއްސުމަށް، ވަކި ބަޔަކަށް އަނިޔާ ކުރަމުން ގެންދާ މަސައްކަތެއް ނޫން،" ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާތްވެގެންވާ އިސްލާމް ދީނާއި ރައްޔިތުންނަށް ލިބިފައިވާ މިނިވަންކަމާއި ހައްގުތައް ހޯދުމަށް ކުރާ މަސައްކަތަށް އެއްބާރުލުން ދޭން ސަލާމަތީ ބާރުތަކަށް ލާޒިމް ކަމަށެވެ. އަދި އިދިކޮޅު ފަރާތްތައް ކުރަމުން އަންނަ އެ މަސައްކަތުގެ "ފޮނި މޭވާގެ ރަހަ" ދާދި އަވަހަށް ލާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވި ގޮތުގައި ރައީސް އަބްދުﷲ ޔާމީން ގާނޫނުއަސާސީއާ ހިލާފަށް ހިންގަވަމުން ގެންދަވާ އަމަލުތައް ހުއްޓުވަން ރޭ ކުރި މުޒާހަރާ ކާމިޔާބެވެ. މުޒާހަރާ ކާމިޔާބުވީ އެހާ ގިނަ ބަޔަކު ސަރުކާރާ ދެކޮޅަށް ނިކުތުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ މަގްސަދު ވަރަށް ބޮޑަށް ހާސިލްވެއްޖެ. ބޮޑުކޮށް ފެނިގެން ދިޔައީ ރައްޔިތުން ނިކުމެ ޔާމީންގެ އަމަލުތައް ހުއްޓުވަން މަސައްކަތް ކުރި ތަން،" ހަސަން ވިދާޅުވި އެވެ.
ސަރުކާރުގެ ފިއްތުން އިންތިހާއަށް ކުރިމަތިކޮށް، ފުލުހުން ނިކުމެ ރައްޔިތުންނަށް އަނިޔާކުރި ކަމަށް ވިޔަސް، ރައްޔިތުން ފަސްނުޖެހޭ ކަން ހާމަވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުން ކުރަމުން އަންނަނީ ސުލްހަވެރި މުޒާހަރާތަކެއް ކަން ފާހަގަކުރައްވައި ހަސަން ވަނީ އިދިކޮޅު ލީޑަރުންތަކެއް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކޮށްލަން ސުޕްރީމް ކޯޓުން މިދިޔަ މަހު 1 ގައި ނެރުނު އަމުރު ތަންފީޒު ކުރަންދެން އަދި ކުއްލި ހާލަތު އުވާލައި، ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން މަޝްވަރާ ކުރަންދެން މުޒާހަރާތައް ކުރިއަށް ދާނެ ކަމަށް ވިދާޅުވެފަ އެވެ.
ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ ރޭގެ މުޒާހަރާއަކީ އެންމެ ގިނަ އަދަދަކަށް މީހުން ހައްޔަރު ކުރި މުޒާހަރާއަށް ވެގެންދާނެ ކަމަށެވެ. އަދި މުޒާހަރާގެ ބައިވެރިންގެ ފަރާތުން ފެނުނީ ފުލުހުންގެ އަމުރަށް ކިޔަމަންތެރިވި މަންޒަރު ކަން އޭނާ ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މިނިވަންކަމާ އެކު މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމުވަންދެން އިހުތިޖާޖުތައް ކުރިއަށް ދާނެ އެވެ. އަދި ފަހަތަށް ޖެހެވެން ނެތް ކަމަށާއި އިދިކޮޅު ފަރާތްތަކުގެ މަސައްކަތް ކާމިޔާބުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހުސެން ވިދާޅުވީ އިސްލާމް ދީން ފިޔަވައި އެހެން ދީނެއް ގެންނަން އިދިކޮޅު ފަރާތްތަކުން ތާއީދު ނުކުރާ ކަމަށާއި އެއްވެސް ޕާޓީއަކީ އިސްލާމީ ޝަހްސިއްޔަތާ ދެކޮޅު ބައެއް ނޫން ކަމަށެވެ.
އެއްވުމަށް ހުރަސްއަޅައި ނައީމާއްތަ ހައްޔަރުކޮށްފި
މުޒާހަރާތަކުގައި ފުލުހުން އަމަލުކުރާ ގޮތް މޮނިޓަ ކުރަނީ
އަންނަ ހުކުރު ދުވަހު ބާއްވަނީ ބޮޑު އެއްވުމެއް ނޫން
"ސަރުކާރަށް އިންތިހާބު ކާމިޔާބެއް ނުވޭ"
ޕީޕީއެމުން އިދިކޮޅަށް: ކާމިޔާބީ އޮތީ ވަރަށް ކައިރީގައި
"އުފެދޭނީ ރައްޔިތުންގެ ބޭނުންތައް ފުއްދާ ސަރުކާރެއް"
ވައްޑެ، ރައީސް ޔާމީނަށް: ސޫރަ ބަލާކަށް ބޭނުމެއް ނޫން
ހައްގުތައް ދޫކޮށްނުލާ، ނޫނީ ދޫކޮށްލެވޭނީ މިނިވަންކަން
އެއް ކެންޑިޑޭޓަކު ކަނޑައެޅުމުގެ މަޝްވަރާ އަލުން ފަށަނީ
މުޒާހަރާއަށް ހިތްވަރު ދިން ކަމަށް ބުނެ އިންތި ފޮލިހަށް