Roadha Mihaaru
އަންނަ ހުކުރު ދުވަހު ބާއްވަނީ ބޮޑު އެއްވުމެއް ނޫން

އަންނަ ހުކުރު ދުވަހު ބާއްވަނީ ބޮޑު އެއްވުމެއް ނޫން: އިދިކޮޅު ޕާޓީތައް

13 ފެބުރުއަރީ 2018

އަންނަ ހުކުރު ދުވަހު މާލޭގައި ބާއްވަން ނިންމާފައި ވަނީ ބޮޑު މުޒާހަރާއެއް ނޫން ކަމަށާއި ނަމަވެސް ފަހުގެ ތާރީޚެއްގައި އެފަދަ މުޒާހަރާއެއް އޮންނާނެ ކަމަށް އިދިކޮޅު ފަރާތްތަކުން މިއަދު ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އަންނަ ހުކުރު ދުވަހު މާލޭގައި ބާއްވަން ނިންމާފައި ވަނީ ބޮޑު މުޒާހަރާއެއް ނޫން ކަމަށާއި ނަމަވެސް ފަހުގެ ތާރީޚެއްގައި އެފަދަ މުޒާހަރާއެއް އޮންނާނެ ކަމަށް އިދިކޮޅު ފަރާތްތަކުން މިއަދު ބުނެފި އެވެ.

އެކި ރަށްރަށުން މީހުން އެއްވެ ގައުމުގެ އަމާންކަމާއި ސުލްހަމަސަލަސްކަން ނަގާލަން އުޅޭ ކަމަށް ބުނެ، އެފަދަ ހަރަތާކްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު، ފުލުހުން ވަނީ ދީފަ އެވެ. އަދި ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން ވަނީ އެއްވުމުގައި ބައިވެރިވުމަށް މީހުން މާލެ ނޭރުމަށް ގޮވާލައިފަ އެވެ.

ފުލުހުންނާ ބައްދަލުކުރުމަށް ފަހު، އިސްކަންދަރު ކޮށިން ނުކުމެވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވީ، ރަށްރަށުން ގިނަ ބަޔަކު މާލެ ގެނެސް އަންނަ ހުކުރު ދުވަހު ބޮޑު އެއްވުމެއް ބާއްވަން އުޅޭ ކަމަށް ބުނެ، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނީ ރަނގަޅު މައުލޫމާތެއް ނޫން ކަމަށެވެ. އެކަމަކު، އިދިކޮޅު ފަރާތްތަކުން ވަރަށް އަވަހަށް ބޮޑު އެއްވުމެއް ބާއްވާނެ ކަން އިއުލާން ކުރާނެ ކަމަށް އަނަސް ވިދާޅުވި އެވެ.

"[އިދިކޮޅު ޕާޓީތަކުން ފަހުން ބާއްވާ ބޮޑު އެއްވުމަށް] އެއްވުމުގައި ފުލުހުންގެ ފަރާތުން އެއްބާރުލުން ދީ، ރައްކާތެރިކަން ވެސް ފޯރުކޮށްދިނުމަށް އެދިފައިވާނީ،" އަނަސް ވިދާޅުވި އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި ސިޔާސީ އިދިކޮޅު ނުވަ ބޭފުޅަކު ދޫކޮށްލުމަށް އަންގައި ސުޕްރީމް ކޯޓުން ކުރިން ނެރުނު އަމުރަށް ތާއީދު ކުރުމަށް، މިހާރު ވެސް އިދިކޮޅު ފަރާތްތަކުން ކޮންމެ ރެއަކު ބާއްވާ ގޮތަށް އަންނަ ހުކުރު ދުވަހު ވެސް އެ ހަރަކާތް އޮންނާނެ އެވެ. އެހެންވެ، އަންނަ ހުކުރު ދުވަހު ވެސް އޮންނާނީ މިހާރެކޭ އެއްގޮތަށް ބާއްވާ އެއްވުމެއް ކަމަށް އަނަސް ވިދާޅުވި އެވެ.

އޭނާ ވަނީ ޕީޕީއެމުން މާލޭގައި އެއްވުންތައް ބާއްވަމުން އަންނަ ގޮތަށް އިދިކޮޅު ފަރާތްތަކަށް ވެސް އެއްވުންތައް ބޭއްވޭނެ މާހައުލެއް ގާއިމުކޮށް ދިނުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގެންފަ އެވެ. އަދި އެހެން ދުވަސްތަކެކޭ އެއްގޮތަށް މުޒާހަރާތަކުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ގޮވާލެއްވި އެވެ.

ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ ގާނޫނުއަސާސީގައި ބުނާ ހަމަހަމަކަން ހުރިހާ ރައްޔިތުންނަށް ވެސް ފޯރުކޮށްދިނުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގެންނެވި ކަމަށެވެ. އަދި ރައީސް އަބްދުﷲ ޔާމީނަށް ހިމާޔަތް ދެއްވާ ގޮތަށް އިދިކޮޅު ފަރާތްތަކަށް ވެސް ފުލުހުން ހިމާޔަތް ދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ސަމީރު ވިދާޅުވި އެވެ.

އެއްވެ އުޅުމުގެ މިނިވަންކަން އޮތް ކަމަށް ފުލުހުން ބުނި ނަމަވެސް އިދިކޮޅު ފަރާތްތަކުން ބާއްވާ ގިނަ އެއްވުންތައް ރޫޅާލައި، މީހުން ފޮނުވާލާ ކަމަށް، އެ ފަރާތްތަކުން ބުނެ އެވެ. އެކަމަކު ވެރިކަން ކުރާ ޕީޕީއެމްގެ ހުރިހާ ޖަލްސާތަކެއް، މާލޭގެ ކޮންމެ ތަނެއްގައި ވެސް، އެއްވެސް ހުރަހެއް ނެތި ބޭއްވުމުގެ ފުރުސަތު ފުލުހުން ދޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ޝަކުވާ ވެސް ކުރެ އެވެ.