Roadha Mihaaru
މުޒާހަރާތަކަށް މީހުން އުފުލާ ދޯނިތަކުގެ ހުއްދަ ބާތިލް!

މުޒާހަރާތަކަށް މީހުން އުފުލާ ދޯނިފަހަރުގެ ހުއްދަ ބާތިލްކުރަނީ

14 މާޗް 2018

އިދިކޮޅު ފަރާތްތަކުން ބާއްވާ އެއްވުންތަކުގައި ބައިވެރިވާ މީހުން އުފުލާ ނަމަ ދޯނިފަހަރުގެ މަސްވެރިކަމުގެެ ލައިސަންސް ބާތިލް ކުރާނެ ކަމުގެ އިންޒާރު ފިޝަރީޒް މިނިސްޓްރީން މިއަދު ދީފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އިދިކޮޅު ފަރާތްތަކުން ބާއްވާ އެއްވުންތަކުގައި ބައިވެރިވާ މީހުން އުފުލާ ނަމަ ދޯނިފަހަރުގެ މަސްވެރިކަމުގެެ ލައިސަންސް ބާތިލް ކުރާނެ ކަމުގެ އިންޒާރު ފިޝަރީޒް މިނިސްޓްރީން މިއަދު ދީފި އެވެ.

އަންނަ ހުކުރު ދުވަހު މާލޭގައި ސަރުކާރާ ދެކޮޅަށް ބޮޑު މުޒާހަރާއެއް ބޭއްވުމަށް އިދިކޮޅު ފަރާތްތަކުން ދަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. އަދި މި މުޒާހަރާގައި ރަށްރަށުން ވީހާ ވެސް ގިނަ ބަޔަކު މާލެ އައިސް، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް އަޑު އުފުލުމަށް އިދިކޮޅު ފަރާތްތަކުން ގޮވާލަ އެވެ.

ބޮޑު އެއްވުން ބާއްވަން ތައްޔާރުވަމުން ދަނިކޮށް، ފިޝަރީޒް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ލައިސަންސް ނަގައިގެން މަސްވެރިކަމުގައި އުޅޭ ދޯނިތަކުން ރާއްޖޭގައި މިހާރު ހިނގަމުންދާ ބައެއް ހަމަނުޖެހުންތަކާއި ޣައިރު ގާނޫނީ ބައެއް އެއްވުންތަކުގައި ހަރަކާތްތެރިވުމަށް މީހުން އުފުލަމުންދާ ކަމަށެވެ. އަދި އެފަދަ މީހުން އުފުލަން ތައްޔާރުވަމުންދާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެހެންކަމުން ޣައިރު ގާނޫނީ ހަރަކާތްތަކަށް މަގު ފަހިކުރުމަށް، މަސްވެރިކަން ކުރުމުގެ ލައިސަންސް ހޯދާފައިވާ ދޯނިތައް ބޭނުން ކުރުމަކީ މަނާ ކަމެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

މިފަދަ ހަރަކާތްތަކުގައި މަސްވެރިކަމުގެ އުޅަނދުފަހަރު ބޭނުންކޮށްފި ކަމުގައިވާ ނަމަ، މަސްވެރިކަން ކުރުމަށް ފިޝަރީޒް މިނިސްޓްރީން ދޫކޮށްފައިވާ ލައިސަންސް ބާތިލްކޮށް، އެފަދަ އުޅަނދުފަހަރާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް ފިޝަރީޒް މިނިސްޓްރީން ނެރުނު ބަޔާނުގައިވެ އެވެ.

މަސްވެރިކަމުގެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވައިދުގައި ބުނެފައިވަނީ ލައިސަންސް ލިބިފައިވާ ފަރާތަކުން ރާއްޖޭގެ އާންމު މަސްލަހަތަށާއި ގައުމަށް ނުރައްކާވާނެ ފަދަ އެއްވެސް ކަމެއް ކުރާނަމަ ނުވަތަ ކޮށްފިނަމަ ނުވަތަ ކުރުމަށް މަސައްކަތްކޮށްފި ނަމަ، އެކަމުގެ ކުޑަބޮޑުމިނަށް ބަލައި އެ ފަރާތްތަކަށް ދީފައިވާ ލައިސަންސް އަނބުރާ އަތުލުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވާ ކަމަށެވެ.

ވެރިކަން ކުރާ ޕީޕީއެމުން އިއްޔެ ބުނީ ރާއްޖޭގެ ހަމަޖެހުން ނަގާލުމަށް އަންނަ ހުކުރު ދުވަހު ފުރުސަތު ނުދޭނެ ކަމަށެވެ. ރާއްޖޭގައި ގާނޫނީ ގޮތުން އުފެދިފައި އޮތް ސަރުކާރު ވައްޓާލަން ނިކުތް ބަޔަކާ ދެކޮޅަށް ގާނޫނު އަރާ ހަމަ ކުރާނެ ކަމުގެ އިންޒާރު ވެސް ޕީޕީއެމުން ވަނީ ދީފަ އެވެ.